ރައީސް ޔާމީންގެ ވެރިކަމުގައި ބައިނަލްއަޤްވާމީ ގުޅުންތަކަށް އަހައްމިއްޔަތުކަން ނުދެއްވިކަމަށް ވަޒީރު ޠާރިޤް އިބްރާހީމް ފާހަގަކުރައްވައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ 5 އަހަރުގެ ވެރިކަމުގައި އެއްފަހަރަކުވެސް އ.ދ.ގެ މަޖިލީހަށް ވަޑައިނުގަންނަވާކަމާއި، ބައިނަލްއަޤްވާމީ ގުޅުންތަކަށް އެހާ އަހައްމިއްޔަތުކަމެއް ނުދެއްވާކަމަށް ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ އ.ދ.ގެ މަޖިލީހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޠާރިޤް މި ވާހަކަ ދައްކަވާފައިވަނީ އިއްޔެއެވެ.
ވަޒީރު ޠާރިޤް ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރު، ދުނިޔޭގެ ލީޑަރުން އެސް.ޑީ.ޖީ އާއި ޕެރިސް އެއްބަސްވުމަށް އެއްވެވި އިރު، ކުރީގެ ރައީސް ޔާމީން ވަޑައިނުގަންނަވައެވެ. އަދި އޭގެ ފަހުންވެސް ތަކުރާރުކޮށް ވަޑައިނުގަންނަވައެވެ.
"ލީޑަރުން ވާންޖެހޭނީ އެމީހުންގެ ރައްޔިތުންގެ އެންމެ މަސްލަހަތު ހުރި ގޮތަށް މަސައްކަތްކުރާ ބަޔަކަށެވެ. ބައިނަލްއަޤްވާމީ މައިދާނުން ފަހަތަށް ޖެހޭ ބަޔަކަށް ނޫނެވެ. އެހެންނަމަވެސް ރައީސް ޔާމީން ކުރެއްވީ އެކަމެވެ. އެމަނިކުފާނު ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ދުރުވެވަޑައިގެން، ދިވެހިރާއްޖެ ދުނިޔެއިން އެކަހެރިކުރެއްވިއެވެ،" ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ޠާރިޤް ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޢިއްޒަކީ އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދެއްކެވި ފުރަތަމަ ދިވެހި ރައީސެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ ދުނިޔެއަށް ހުޅުވިފައިވާ ޤައުމެއްކަން ދައްކުވައިދެއްވާފައެވެ.
"އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ކަމުގައި ވިޔަސް، ރައީސް ޑރ. މުޢިއްޒުގެ ދަށުން އަޅުގަނޑުމެން މަސައްކަތްކުރާނީ އެންމެންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށްޓަކައެވެ،" ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ