ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، މި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙްގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވައިގެންކަމަށް، މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ، މޮރީޝިއަސްއާއި ރާއްޖޭގެ އިމުގެ މައްސަލައިގައި، "ރާއްޖެއަށް ގެއްލުންވާގޮތަށް ސަރުކާރުން ވަކާލާތުކުރިއިރު ވެސް، މަޖިލީހުގެ ބައެއް މެމްބަރުން މިއީ ކާމިޔާބީއެއްގެ ގޮތުގައި" ސިފަކުރައްވަނީ ކީއްވެތޯ، މި ސުވާލަށް "ވީޓީވީ"ގެ ފަސްމަންޒަރު ޕްރޮގްރާމުގައި ޖަބާބުދެއްވަމުންނެވެ.
ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދާމެދު ގޮތެއް ނިންމުމުގެ މައްސަލާގައި، ރާއްޖެއިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި ކަނޑުގެ ސަރަހައްދެއް ގެއްލޭގޮތަށް ސަރުކާރުން ނިންމާފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ. ރައީސް ޞާލިޙް ވެސް، ސަރުކާރުގެ ވަޒީރުން ވެސް އަދި ސަރުކާރަށް ތާއީދުކުރާ އެހެން ފަރާތްތަކުން ވެސް މި ހަގީގަތް ކިތަންމެ ވަރަކަށް ބަދަލުކުރަން އުޅުނު ނަމަވެސް އެކަން ނުވާނެކަމަށާއި، މިއީ ހަގީގަތްކަން އެނގޭނެ އެތައް ބަޔަކު، "ދެ ދުނިޔޭގައި" ވެސް ތިބިކަމަށް މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.
މިފަދަ ހައްސާސް މައްސަލައެއްގައި، ގައުމުން ބައެއް ގެއްލިގެންދިޔަ އިރުވެސް، ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން މިކަމާމެދު ކަންބޮޑުވުން ފާޅުކުރުމެއް ވެސް، މި މައްސަލައިގައި ގައުމުގެ މަސްލަހަތު އިސްކުރުމުގެ ގޮތުން ވެސް އެއްވެސް ކަމެއްކޮށްފައި ނުވަނީ ކީއްވެތޯ އަލީ ހުސެއިންގެ ކިބައިން އަހާފައިވެއެވެ.
ސުވާލުގެ ޖަވާބުގައި މެމްބަރު ވިދާޅުވީ، ބައެއް މެމްބަރުން، އަމިއްލަ މަންފާއަށްޓަކައި ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށްފައިވާ ކަމަށެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ. އެއީ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރެއްކަމުގައިވީ ނަމަވެސް، ގާނޫނުން ލާޒިމްކޮށްފައިވާކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ. ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތްކުރަން ނުޖެހޭނެކަން މެމްބަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، ސަރުކާރު ޒިންމާދާރުކުރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށާއި، ބަޖެޓު ފާސްކުރުން ކަމަށް ވީހިނދު، މި މަސައްކަތުގައި ރައްޔިތުންގެ މަޖިލިސް ފެއިލްވެފައިވާކަމަށް މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ. މިއީ ހަމައެކަނި މިއަދުގެ މަޖިލީހުގައި ކަން ހިނގަމުން އަންނަގޮތް ނޫންކަމަށާއި، މީގެކުރީގެ މަޖިލީހުގެ ވެސް ކަން ހިނގާފައިވަނީ މިހެންކަމަށް ދެކިވަޑައިގަންނަވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިމި އޭޕްރިލް މަހުގެ 27 ވަނަ ދުވަހު މަޖިލީހުގެ މެމްބަރު ޗުއްޓީއަށް ގޮސްފައިވާއިރު، އެ ދައުރަށް ކަނޑައެޅި ގިނަ މަސައްކަތްތަކެއް ނުނިމިވާކަން ފާހަގަކޮށްލެވެއެވެ.
މަޖިލީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ފުރަތަމަ ދައުރުގައި ނިންމަން ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން 61.1 އިންސައްތަ މަސައްކަތް ހުރީ ނުނިމިއެވެ. ފުރަތަމަ ދައުރުގައި ނިންމާލެވިފައިވަނީ 38.9 އިންސައްތަ މަސައްކަތެވެ.
ބައެއް މަޖިލިސް މެމްބަރުން، ރައީސް ޞާލިޙްގެ ކުރިމަތީ ތިބެނީ ކުޑަކަކޫ ޖަހައިގެން: މެމްބަރު އަލީ ހުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ