ހައި ކޯޓުން ވެސް ނިންމީ ކޯޓުތަކުން 10 އެޑްމިނިސްޓްރޭޓަރުން ވަކިކުރީ ގޯސްކޮށް ކަމަށް

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަގާމުން 10 މީހަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނު އިސްލާހުކޮށް، އެ އިސްލާހުގެ ދަށުން ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމާ ބެހޭ އުސޫލެއް އެކުލަވާލައި ފެންވަރު ވަޒަންކުރުމަށް ފަހު ވަކި ވަރަކަށް މާކްސް ނުލިބުނު މީހުން ވަޒީފާއިން ވަކިކުރަން އޮގަސްޓް 2020ގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ ނިންމައިފަ އެވެ.
އެ މީހުންގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމާފައި ވަނީ އެ މީހުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް
އެ މީހުންނަށް އަލުން ވަޒީފާ ދޭން ޖެހޭ ކަމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް އެންގި
ޓްރައިބިއުނަލްގެ ނިންމުން ޖޭއެސްސީން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި
ތަފްސީލް - ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޖޭއެސްސީގެ ދިފާއު - ޖޭއެސްސީން ބުނެފައި ވަނީ އެ މީހުން ވަޒީފާއިން ވަކިކުރީ ރިޑަންޑަންސީގެ ހާލަތުގައި ކަމަށާއި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެ ހާލަތުގައި މުވައްޒަފުން ވަކިކުރެވޭނެ ކަމަށެވެ. އަދި ވަޒީފާ އަނބުރާ ދިނުމަށް ޓްރައިބިއުނަލުން އަންގާފައިވާއިރު، އެ މީހުން ތިބި މަގާމުތަކަކީ މިހާރު ޝަރުއީ ދާއިރާގެ ވަޒީފާގެ އޮނިގަނޑުގައި ނެތް، އުވާލާފައިވާ މަގާމުތަކެއް ކަމަށް ބުނެފައިވެ އެވެ. އެހެންވެ، ވަޒީފާ ރުޖޫއަ ކުރެވޭނެ ގޮތެއް ނެތް ކަމަށް އެ ކޮމިޝަނުގެ ފަރާތުން ބުނެފައިވެ އެވެ.
ހުކުމް - އެކަމަކު ހައި ކޯޓުގެ ހުކުމުގައި ވަނީ ކޯޓުތަކުގެ ޗީފް
އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އިސް މުވައްޒަފުންގެ މަސްއޫލިއްޔަތުތައް
ބަޔާންކުރާ އުސޫލުގައި އެ މަގާމުތައް އުވުނީ ކަމަށް ސާފުކޮށް ބުނެފައިނުވާ ކަމަށެވެ. އަދި ފަހުން އުފެއްދި މަގާމާއި އޭރުގެ މަގާމުގެ ޒިންމާތަކުގައި ވެސް މާ ބޮޑު ތަފާތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. ކޮންމެ ނަމެއްގައި ހަމަޖެއްސިޔަސް، އެ މަގާމަށް ހަމަޖެހޭ މުވައްޒަފުގެ މަސްއޫލިއްޔަތަކީ "އިދާރީ އެންމެ އިސް މުވައްޒަފުގެ" މަސްއޫލިއްޔަތުކަން ފާހަގަ ކުރި އެވެ.
ކޯޓުން ނިންމީ، އެޑްމިނިސްޓްރޭޓަރުންގެ މަގާމު ރިޑަންޑަންޓްވެފައިވާ ކަމަށް ޖޭއެސްސީއިން ބުނާ ބުނުމަކީ ހަރުދަނާ ގާނޫނީ އަސާސެއްގެ މައްޗަށް ބުނާ ބުނުމެއް ނޫން ކަމަށެވެ. އަދި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ހުކުމް ކުރި އެވެ.
ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުސެއިން މަޒީދެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސެއއިން ޒަކަރިއްޔާ އެވެ.
އެޑްމިނިސްޓްރޭޓަރުން ވަކި ކުރި ކޯޓުތައް:
މެޖިސްޓްރޭޓު ކޯޓުތައް (ހަތް ކޯޓަކުން ހަތް މީހުން)
ކްރިމިނަލް ކޯޓު
ފެމިލީ ކޯޓު
ހައި ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ