"އަޅުގަނޑުމެން މިއަދު ފަހުރުވެރިކަމާއެކު މި ބުނާ އެމްޑީޕީ، އެމްޑީޕީ މަނިކުފާނާ [ރައީސް ނަޝީދާ] ނުލާ އޮންނާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނުލައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުގައިވެސް ގާސިމްގެ އަރިހުގައި އިންނެވީ ނަޝީދެވެ. ދެ ރަސްމިއްޔާތުގައިވެސް ގާސިމް ވަނީ ނަޝީދަށް ތައުރީފު ކުރައްވާފައެވެ.މިރޭގެ ޖަލްސާގައިވެސް ނަޝީދުގެ ވެރިކަމުގައި ކުރެއްވި މުހިންމު ބައެއް ކަންކަން ފާހަގަކުރައްވާ ނަޝީދަށް ތައުރީފުކުރެއްވިއެވެ. ގާސިމް ވިދާޅުވީ ތަޖުރިބާ މަދުވުމުގެ ސަަބަބުން ނަޝީދަށް ބައެއް ކަންކަން ގޯސްކޮށް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން މިހާރު ރަނގަޅު ކުރައްވާފައިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.ދެން ވިދާޅުވީ ރައީސް ނަޝީދާއި ނުލައި އެމްޑީޕީ ނޯންނާނެ ކަމަށެވެ."އަޅުގަނޑުމެން މިއަދު ފަހުރުވެރިކަމާއެކު މި ބުނާ އެމްޑީޕީ، އެމްޑީޕީ މަނިކުފާނާ [ރައީސް ނަޝީދާ] ނުލާ އޮންނާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ގާސިމް ވިދާޅުވި އެވެ.
ގާސިމް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގުޅުން މުޅީހެން ކެނޑިފައި ވަނިކޮށެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ނަޝީދު ގެންދަވަނީ ތަކުރާރުކޮށް، ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.މީގެ އިތުރުން "ފިކުރެއްގެ ދިރުން" ނަމުގައި ފެކްޝަނެއް އުފައްދަވާ އެ ފެކްޝަން ވަކީން ހަރަކާތްތެރި ކުރުވަމުން ގެންދަވައެވެ. ރިޔާސީ އިންތިހާބާމެދު އެ ހަރަކާތުން ވަކި ނިންމުމެއް ނިންމަވާނެ ކަަމަށްވެސް ވިދާޅުވި އެވެ.ގާސިމް އާއި ނަޝީދަކީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކޯލިޝަން ލީޑަރުންނެވެ. ރައީސް ސޯލިހް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަލުން ކޯލިޝަން ހެއްދެވުމަށް ގާސިމަށް ދައުވަތު ދެއްވާފައެވެ. ދާދި ފަހުން ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުހުންނާނެ ކަމަށާ އެއީ 100 ޕަަސެންޓް ޔަގީން ކަމެއް ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގާސިމް، ރައީސްގެ ފަހަތްޕުޅަށް އަރަން ޖެހޭ ސަބަބެއްވެސް މި ފަހަރު ނެތެވެ. އަދި ކުރިއަށް އޮތީ ގާސިމްގެ ރަނުގެ ފުރުސަތު ކަމަށް ވިދާޅުވިއެވެ."އިބޫ [ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ] ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް. ގާސިމްއެއް ނާރާނެ. 100 ޕަސެންޓު ޔަގީން،" ނަޝީދު ކުރީން ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރައީސް ނަޝީދާ ނުލާ އެމްޑީޕީ ނޯންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ