ރައީސް ޞާލިހު ޕްރިންޓު ކުރަނީ، ރިއެކްޓެއް ނުކުރޭ: ސައީދު

އިގްތިޞާދު ފުނޑޭވަރަށް މި ސަރުކާރުން ފައިސާ ޗާޕުކޮށް އަދި ރިކޯޑު އަދަދަކަށް ދަރަނި ނަގާފައިވާއިރު ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ރިއެކްޓު ނުކުރައްވާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު ވިދާޅުވީ މިހާރު ސަރުކާރުން ގެންގުޅެނީ ކިތަންމެ ވަރަކަށް އެތެރޭގެ ދަރަނި ބޮޑު ކުރި ނަމަވެސް އެ އަދާކުރަން ނުޖެހޭ ސިޔާސަތެއްކަމަށެވެ. މި ސަރުކާރުގައި 2022 ވަނަ އަހަރުގެ ނިޔަލަށް އެތެރޭގެ ދަރަނި 73 ބިލިއަނަށް އަރާފައިވާއިރު، އެ ދަރަނި އެއީ ދައްކަން ނުޖެހޭ އެއްޗެއްކަމަށް ސަރުކާރުން ކަނޑައަޅާފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ. 
އެއާއެކު އޭނާ ވިދާޅުވީ މިގޮތަށް ސަރުކާރު ހިންގާނަމަ ކޮންމެ ފަސް އަހަރެއްގައި ވެރިކަން ވަކި އަތޮޅަކަށް ލިބޭގޮތް ހަދާ ފައިސާ ޗާޕުކޮށްގެން ސަރުކާރު ހިންގާގޮތަށް ނިޒާމު ބަދަލުކުރިޔަސް މާ ރަނގަޅުވާނެ ކަށެވެ.
Advertisement
އޭރުން ފަސް އަހަރު ވަންދެން އެފަހަރު އެރިކަން ހިންގާ އަތޮޅުން ބޭނުންވަރަށް ފައިސާ ޗާޕުކޮށްގެން ކަންކަން ކުރަންވީކަމަށް އޭނާ ވިދާޅުވިއެވެ. 
"އައްޑޫއިން ފަށާނީ. ފަށައިގެން ފަހަރަކު އަތޮޅެއް ނޫނީ ރަށަކަށް ވެރިކަން ހަވާލުކުރާނީ. ހަމަ ޕްރިންޓު ކުރާނީ ޕްރިންޓުކޮށްފަ އަނެއްކޮޅުން މާބޮޑަށް ބޮޑުވީމަ ފޮހޭނީ. ދަރަނި ފޮހޭނީ. އޭރަށް މިކަން ނިމުނީ ނޫން ތޯ؟ ކީއްކުރަންތޯ ކޮންމެހެން މި މާލޭގައި ރައީސުލްޖުމްޙޫރިއްޔަކު އިންތިޚާބުކޮށްގެން މިކަން ކުރަންވީ؟ "
މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު
އެތެރޭގެ ދަރަނިތައް ބޮޑުކުރާ މިންވަރާ ގުޅޭ މިސާލު ނަންގަވަމުން ސައީދު ވިދާޅުވީ 2 ބިލިއަން ރުފިޔާގެ ދަރަނި ފެނަކަ ކުންފުނިން އެސްޓީއޯއަށް ދައްކަން އޮތް އިރުވެސް ފެނަކައިގެ ކްރެޑިޓް ހުއްޓާނުލުމަށް ފިނޭންސް މިނިސްޓަރު އަންގަމުންދާ ކަމަށެވެ.
ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ފެނަކަ ކުންފުނި ސަރުކާރުން ބޭނުންކުރަމުންދަނީ އިންތިޚާބުތަކާއި ދިމާކޮށް ސިޔާސީ ވަޒީފާތައް އުފައްދާ ރެކުރޫޓުމަންޓު ސެންޓަރެއްގެ ގޮތުގައިކަން ސައީދު ފާހަގަކުރެއްވި އެވެ. 
އެއާއެކު އޭނާ ވިދާޅުވީ ދަރަނި އިންތިހާއަށް އިތުރުކޮށް ކުންފުނިތަކުގެ ހާލަތު ބޮއްސުންލައިގެންދާއިރު ރައީސް ޞާލިހު އެއްވެސް ކަމަކަށް ރިއެކްޓު ނުކުރައްވާ ކަމަށެވެ. 
"އެއްވެސް ކަމަކަށް ރިއެކްޓެއް ނުކުރައްވާ. ޕްރިންޓު ކުރަނީ ޕްރިންޓު ކުރަނީ! މި ވަގުތުވެސް މި މަޖިލީހުގައި އިއްޒަތްތެރި މެމްބަރުން އެބަތިއްބެވި ގަބޫލުކުރައްވާ ފޮހޭ ރަބަރެއް އޮވެއްޖެއްޔާ ދަރަި ފޮހެލެވޭނެކަމަށް"
މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު
ސައީދު ވިދާޅުވީ ރައީސް ޞާލިހަށް ވެރިކަން ދިނުމުން ރާއްޖޭގެ ހުރިހާ ސުކޫލުތަކެއް ރަހުނުކޮށްފައި ވާ ކަމަށެވެ. އަދި ދެވަނަ ދައުރެއް އެމަނިކުފާނަށް ދީފިކަމަށް ވާނަމަ ސުކޫލު ދަރިވަރުންވެސް ރަހުނު ކުރާނެކަމަށް ސައީދު ވިދާޅުވި އެވެ. 
އެއާއެކު އޭނާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް މިހާބޮޑެތި އަނިޔާތައް ދިން ބަޔަކަށް ވެރިކަން ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ