ނިލަންދޫ ދާއިރާގެ މެމްބަރު ޖޭފޯ އެމްޑީޕީއަށް ސޮއިކުރައްވައިފި

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) މިއަދު އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
އެ ގޮނޑި އަށް އޭޕްރީލް، 2019 ގައި ޖޭފޯ އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު މިހާތަނަށް ވެސް ހުންނެވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނިލަންދު އަށް ވަޑައިގެން ބޭއްވެވި ހަވާސާގައި ވަނީ، ޖޭފޯ އެމްޑީޕީއަށް ސޮއިކުރެއްވި ފޯމު އެ މަނިކުފާނަށް ހަވާލުކުރައްވައިފަ އެވެ. އޭނާގެ އިތުރުން، ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ރަށުން އިތުރު ބަޔަކު ވެސް ވެރިކަން ކުރާ މައި ޕާޓީއަށް ސޮއިކުރި ފޯމު ހަވާލުކޮށްފައިވެ އެވެ.
ނިލަންދޫން އެމްޑީޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު ރައީސަށް ހަވާލުކުރަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.
ޖޭފޯ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
ފ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ ވަފުދުގައ، އެ މަނިކުފާނާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ފައްޓަވާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ނަޝީދު އިސްވެ ހުންނަވައި، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު، އެ މަނިކުފާނު ތާއިދުކުރައްވާ މަޖިލީހުގެ ހުރިހާ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ، އާ ޕާޓީއަށް ގުޅިވަޑައިގެންފަ އެވެ. ނަމަވެސް، ދޮންބިލެތް އަދި ވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.
އަލަށް ގުޅިވަޑައިގެންނެވި މެމްބަރާއެކު، މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 56 އަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ