ޢާއިޝަތުގެފާނުގެ ސީރަތު 11: މާތް ރަސޫލާއާއެކު ޖިހާދުގެ މައިދާނަށް ވަޑައިގެން މުޖާހިދުންނަށް އެހީތެރިވެވަޑައިގެންނެވުން-

ޢަލީ އިޙްޞާން ފިރާޤް
 
ޖިހާދުގެ މައިދާނުގައި ހަތިޔާރު ހިފައިގެން ހަނގުރާމަ ކުރުމަކީ މުސްލިމު ފިރިހެނުންނަށް ފަރުޟު ކުރައްވައިފައިވާ ކަމެކެވެ. މުސްލިމު ކަނބަލުން ޖިހާދުގެ މައިދާނަށް ވަޑައިގެން އުޅުއްވީ މުޖާހިދުންނަށް ޚިދުމަތް ކުރެއްވުމަށްޓަކައެވެ. މުޖާހިދުންނަށް ފެން ދެއްވުމަށާއި، ޒަޚަމްވެފައިވާ ފަރާތްތައްކަށް ހޭހަން ކުރެއްވުމަށެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާއަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ދެބޭކަނބަލުންނެވެ. 
އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [އުޙުދު ހަނގުރާމައިގެ ދުވަހުގައި ބައެއް މީހުން މާތް ރަސޫލާ صلّى اللّـه عليه وسلّم ދޫކޮށް ޖިހާދުގެ މައިދާނުން ފިލަން ދުވުނެވެ. އެދުވަހު ޢާއިޝަތުގެފާނާއި، އުއްމު ސުލައިމު، މުސްލިމު މުޖާހިދުންނަށް ފެންހަންތައް އުފުއްލަވައި ދެއްވަނިކޮށް އަހަރެން ދުށީމެވެ. އެބޭކަނބަލުން ފެންހަންތައް ހިއްޕަވައިގެން ވަޑައިގެން މުޖާހިދުންނަށް ބޯންދެއްވައެވެ.] {ބުޚާރީ، كتاب الجهاد والسير، باب غَزْوِ النِّسَاءِ وَقِتَالِهِنَّ مَعَ الرِّجَالِ، ޙަދީޘް 2880} 
ޞަޙީހުލް ބުޚާރީގައި ރިވާވެގެންވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވީމެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެން އަންހެނުން، މުސްލިމު މުޖާހިދުންނާއެކު ހަނގުރާމައަށް ނުކުންނަންތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އަންހެނުންނަށް އޮތް އެންމެ ރަނގަޅު ޖިހާދަކީ މަބްރޫރު ޙައްޖެވެ.] ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދޫފުޅުން މިހެންވިދާޅުވި އަޑު އެހީއްސުރެ ތިމަންކަމަނާ އެއްވެސް ޙައްޖެއް ދޫނުކުރުމަށް އަޒުމު ކަނޑައެޅީމެވެ.] 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ