ރިޔާސީ އިންތިޚާބު ކަވަރު ކުރެވޭނީ ތަމްރީނެއް ފުރިހަމަ ކޮށްގެން

މި އަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރަން ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ ތަމްރީނެއް ފުރިހަމަ ކޮށްގެން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ. މިއަދު އޮތް އިންތިޚާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ އިންތިޚާބުތަކުގެ އާންމު ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަން ޖެހުނު ސަބަބު ސާފުކޮށްދެއްވައިފައެވެ. އާންމު އިންތިޚާބުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ އިސްލާހާ އެކު އިންތިޚާބުތައް ކަވަރު ކުރުމުގައި ނޫސްވެރިންގެ ދައުރު ހަނިވާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އެ ބިލު ދިފާއު ކުރައްވައި ހަބީބު މިއަދު ވިދާޅުވީ މި ބިލާ އެކު ނޫސްވެރިންގެ ދައުރު ހަންޏެއް ނުވާނެ ކަމަށާއި ކުރިއަށް ވުރެ ފުޅާ ވެގެންދާނެ ކަމަށް ގަބޫލުކުރައްވައި ކަމަށެވެ. އޭނާ ވިދާޅުވީ އަބަދު ވެސް އިންތިޚާބުތައް ކަވަރު ކުރަން ފުރުސަތު ދެނީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށާއި ރަޖިސްޓްރީ ނުކުރާނަމަ އިންތިޚާބު ކަވަރު ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ، އިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި ނޫސްވެރިންނަށް ވެސް ހަރަކާތްތެރިވެވޭނެ ކަމަށެވެ. އަދި، އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25ވަނަ ދުވަހު ރަސްމީކޮށް ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެ ކަމަށް އެދި ހުށަހަޅާ ނޫސްވެރިންނާއި އޮބްޒާވަރުންނަށް އިންތިޚާބު ކަވަރު ކުރުމުގައި ހަރަކާތްތެރި ވެވޭނީ އީސީން އެކްރެޑިޓް ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ "ނޫސްވެރިއެއްގެ ހައިސިއްޔަތުން މޮނިޓާ ކުރަން ވަޑައިގަންނަވާ ބޭފުޅަކީ މިނިވަންކަމާ އެކީގައި ނޫސްވެރިއެއްގެ ގޮތުން ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ބޭފުޅެއްކަން، އެހެންނަމަވެސް ބައެއް ފަހަރަށް ބައެއް ނޫސްތަކުން، ސިޔާސީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ރިޕޯޓަރުން ގޮތުގައި ފޮނުއްވީމައި އަޅުގަނޑުމެންނަށް އެބަހުރި ބައެއް ކަހަލަ ހިތި ތަޖުރިބާ ކުރެވިފައި." ހަބީބު ވިދާޅުވިއެވެ. "އޭގެ ތެރޭގައި ވޯޓު ލާ މަރުކަޒުގެ ވެރިޔާގެ ގޮތުގައި ހުންނެވި ބޭފުޅާއާ މާރާމާރީ ހިންގުމާއި ވޯޓު ލާ މަރުކަޒު ތެރޭގައި ކެމްޕޭން ކުރުމާ އެކަހަލަ ކަންކަން އެބަހުރި ހިނގާފައި. ހާއްސަކޮށް ބައި އިލެކްޝަން ތަކުގެ ތެރޭގައި." އޭނާ ގަބޫލުކުރައްވައި ގޮތުގައި ކުރިން އެފަދަ ކަންކަން ހިނގާފައިވަނީ ނޫސްވެރިންނަށް އެ މީހުންގެ ދައުރު ރަނގަޅަށް ކިޔައިދެވިފައިނެތުމުންނެވެ. އެހެންވެ، މި އަހަރުގެ އިންތިޚާބު ކަވަރު ކުރުމުގައި ހަރަކާތްތެރިވެވޭނީ އެ ކޮމިޝަނުން އެކްރެޑިޓް ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. "ކޮމިޝަނުގެ ވިސްނުމަކީ މި ބޭފުޅުން [ނޫސްވެރިން]ގެ ދައުރު ފުރިހަމައަށް ކިޔައިދެވިފައި ނެތީމައޭ މި ގޮތަށް މި ހިނގަނީ، އެހެންވީމާ ކޮމިޝަނުން ނިންމީ ދެ ގަޑިއިރެއްހާ އިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފޭސް ޓު ފޭސްކޮށް ނުވަތަ އޮންލައިންކޮށް ހިންގަން،" އޭނާ ވިދާޅުވިއެވެ. ރާއްޖޭން ބޭރުން އިންތިޚާބު އޮބްޒާވް ކުރާށާއި ކަވަރު ކުރަން އަންނަ ނޫސްވެރިން ވެސް މި ތަމްރީން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މޮނިޓަރުންނަށް ލިބޭ ފުރުސަތު ހަނި ކުރުމާއި ނޫސްވެރިންގެ ދައުރު ހަނިކުރުމުގެ އެއްވެސް ވިސްނުމެއް އެ ކޮމިޝަނުން ނުގެންގުޅޭ ކަމަށެވެ. އީސީން ބޭނުން ވަނީ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ