ޕްރިންސިޕަލް ފޯރަމަށް ދައުވަތެއް ނުލިބޭ: މިނިސްޓަރ އައިޝަތު އަލީ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ޕްރިންސިޕަލް ފޯރަމަށް ދައުވަތު ލިބިފައިނުވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ހުޅުމާލޭ ކައުންސިލަރ އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުންނެވެ.
ޝުޖާއު ވިދާޅުވީ، ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކުރި ޕްރިންސިޕަލް ފޯރަމަށް ކުރިއާލާ ދަޢުވަތު ދެއްވުމުންވެސް "އާއިލީ ކަމަކަށް ބިޒީވެގެން" ކަމަށް ވިދާޅުވެ، މިނިސްޓަރ އައިޝަތު އަލީ ކ. ގުރައިދޫ ދާއިރާ ބައި-އިލެކްޝަން ކެންޕެއިންގައި ހަރަކާތްތެރިވަނީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން އެމްޑީޕީން ފަށާފައިވާއިރު ކެމްޕެއިން ހަރަކާތަށް ރަަށްރަށަށް ދިޔަ ޓީމުގައި މިނިސްޓަރ އައިޝަތު އަލީވެސް ހިމެނިވަޑައިގަންނަވައެވެ.
އެމްޑީފީ އެތެރޭގެ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓު ހޯދީ އެޕާޓީގެ މެންބަރު މުހައްމަދު ޝާޒްއެވެ. އޭނާ ހިމެނޭހެން އެމްޑީޕީގެ ކެމްޕެއިން ޓީމުން މަސައްކަތް ފެށީ މިއަދު ކ. ގުޅިންނެވެ.
މިއަދު ގުރައިދޫ ދާއިރާއަށް ދަތުރު ފެށި ޓީމުގައި އިސްކޮށް ހުންނެވީ އެޑިޔުކޭޝަން މިނިސްޓަރެވެ. އޭގެ އިތުރުން މިޓީމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ހިމެނެއެވެ.
ޝުޖާއު ވިދާޅުވި ވާހަކައަށް ރައްދުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި މިފަދަ ދައުވަތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެކަމަނާ ވަނީ ހަގީގަތާ ޚިލާފު ދޮގު މަޢުލޫމާތު ނުފެތުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ