އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ހިމެނޭ އާލާތްތަކުގެ ކޮންސިއުމާ މާކެޓަށް ވަނުމުގެ ގޮތުން، ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ އާ ޗިޕެއް އެންވީޑިއާ އިން ތައާރަފުކޮށްފި އެވެ.
އެންވީޑިއާގެ "އާރްޓީއެކްސް ސްޕާކް" ޗިޕް ދައްކާލުމަށް ބޭއްވި ހަފުލާގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޖެންސަން ހުއަންގް ވިދާޅުވީ، ކޮމްޕިއުޓަރަށް މި ގެނެވުނު އިންގިލާބީ ބަދަލަކީ ފޯނުތައް މިހާރު މި ފެންނަ ސްމާޓްފޯނުތަކަށް ބަދަލުވެގެން ދިޔުން ފަދަ ބޮޑު ބަދަލެއް ކަމަށެވެ.
ޓައިވާނުގެ ތައިޕޭގައި ބާއްވާ "ކޮމްޕިއުޓެކްސް" ޓެކްނޮލޮޖީ ޝޯ ހުޅުވުމުގެ ކުރިން، ހޯމަ ދުވަހު ދެއްވި ތަގުރީރެއްގައި ހުއަންގް ވަނީ މި އާ ޗިޕާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
މީގެ އިތުރުން، އެންވީޑިއާގެ އެންމެ ކުރިއަރާފައިވާ ޗިޕްތައް ޗައިނާގެ ކުންފުނިތަކަށް ވިއްކުމާ ގުޅޭ ގޮތުން އެމެރިކާ އިން ގެންގުޅޭ އުސޫލުތައް އާދިއްތަ ދުވަހު ވަނީ އިތުރަށް ހަރުކަށިކޮށްފަ އެވެ.
އެންވީޑިއާގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި "އާރްޓީއެކްސް ސްޕާކް" އަކީ އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އޭއައި އެޖެންޓުންގެ ޒަމާނަށް ހާއްސަ "ސުޕަޗިޕް" އެކެވެ. އަދި މިއީ ކޮމްޕިއުޓަރަކީ ހަމައެކަނި މަސައްކަތްކުރާ އާލާތެއްގެ ބަދަލުގައި، އެހީތެރިއެއް ނުވަތަ "ޓީމްމޭޓެއް" ގެ ގޮތުގައި ބޭނުންކުރެވޭނެ އާ ފެންވަރެއްގެ ކޮމްޕިއުޓަރުތަކެއް ތައާރަފުވެގެންދާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މި އާ ޗިޕް ބޭނުންކުރާނީ ލެނޯވޯ، އެޗްޕީ، ޑެލް، މައިކްރޯސޮފްޓް ސާފޭސް، އޭސޫސް އަދި އެމްއެސްއައި އިން އުފައްދާ ވިންޑޯޒް ޕީސީތަކުގަ އެވެ. މި ކޮމްޕިއުޓަރުތައް މިއަހަރުގެ ފަހުކޮޅު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާއިރު، އޭސާ އަދި ގިގަބައިޓްގެ މޮޑެލްތައް އޭގެ ފަހުން ބާޒާރަށް ނެރޭނެ އެވެ.
މިއީ ޕީސީ މާކެޓުގައި ނަން މަޝްހޫރު އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
ރިސާޗް ފާމެއް ކަމަށްވާ ގާޓްނާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދުނިޔޭގެ ޕީސީ މާކެޓުގެ ގާތްގަނޑަކަށް 75 އިންސައްތަ ހިއްސާކޮށްފައިވަނީ ލެނޯވޯ، އެޗްޕީ، ޑެލް އަދި އެޕަލް ކުންފުނިންނެވެ.
އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ