މި އަހަރުގެ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 160 ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުން، މިއީ މިދިޔަ އަހަރަށް ވުރެ 36 ޕަަސެންޓްގެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް ލިބިފައި ވަނީ 258 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑުން ދައުލަތަށް 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އެހެންވެ، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ މިހާތަނަށް ލިބުނީ 30 ޕަސެންޓެވެ. އަދި 2024 ވަނަ އަހަރާ އަޅާބަލާއިރު، އެ އަދަދު މި ވަނީ 70 ޕަސެންޓް ދަށްވެފަ އެވެ.
ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު އެއް ސަބަބަކީ، ކުންފުނިތަކުގެ ފައިދާ ދަށްވުމެވެ.
ޑިވިޑެންޑާއި އެހެން ގޮތް ގޮތުން ދައުލަތަށް ފައިދާ އާއި އިންޓްރެސްޓްގެ ގޮތުގައި 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ލަފާ ކުރި އަދަދަށް ވުރެ ހަތް ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ އަހަރު ޑިވިޑެންޑާއި ފައިދާތަކުން ދައުލަތަށް 823 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު 1.1 ބިލިއަން ރުފިޔާ ދައުލަތަށް އެފަދަ ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ އެސްއޯއީތަކުން ދައުލަތަށް ވަންނަ އާމްދަނީގެ ވަރަށް ބޮޑު ވެއްޓުމެކެވެ.
ދައުލަތުގައި ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތް އިރު ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް މި އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ހަ ކުންފުނިންނެވެ. އެއީ އެމްޕީއެލް އާއި އެމްއޭސީއެލް އާއި ދިރާގާއި ބީއެމްއެލް އާއި އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ އިންނެވެ. އެންމެ ބޮޑު އާމްދަނީ ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ ދިރާގުންނެވެ. އެ ކުންފުނިން 262 މިލއިަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅަފައިވެ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ބީއެމްއެލް އިންނެވެ. އެ ކުންފުނިން 154 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެމްއޭސީޢެލް އިން 50 މިލިއަން ރުފިޔާ، އެމްޑަބްލިއުއެސްސީއިން 30 މިލިއަން އަދި އެޗްޑީސީ އިން 20 މިލިއަން ރުފިޔާ އަދި އެމްޕީއެލް އިން 12 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ހޯދުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.
މިދިޔަ އަހަރު އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި އާމްދަނީ ވަނީ ދިރާގާއި ބީއެމްއެލް އާއި އެޗްޑީސީއިން އެކަންޏެވެ.
އެސްއޯއީތަކުން ފައިދާގެ ގޮތުގައި 160 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ