މި ދޫނި ސަލާމަތުން ހޯދައިދޭ މީހަކަށް 10،000ރ

އާއިލާގެ މީހުން ކާ ގަޑިތަކުގައި އެ ސޮރަށް ވެސް ކާން ދޭން ކޮށީގެ ދޮރު ހުޅުވާލުމުން ސިޓިން ރޫމު ތެރެއަށް ނުކުމެ އެވެ. ދުވަހަކު ވެސް ގެ ދޫކޮށް ނުދެ އެވެ. އެކަމަކު މިއަދު ތަފާތެވެ.
ހެނދުނު ސައި ގަޑީގައި ކޮށީގެ ދޮރު ހުޅުވާލުމުން އާދައިގެ މަތިން ބޭރަށް ނުކުތެވެ. އޭރު ބެލްކަންޏަށް ހުޅުވެން ހުރި ސިޓިން ރޫމު ދޮރު ވެސް ހުރީ ހުޅުވައިފަ އެވެ. ކުރިން ނޫޅޭ ގޮތަކަށް އެ ދޫނި އުޅެފާނެ ކަމަކަށް އާއިލާއަށް ވެސް ގަބޫލެއްނުކުރެވުނެވެ.
އެ ސޮރު ގެއިން ބޭރަށް އުދުއްސައިގެން ދިޔައީ އެވެ. އޭގެ ފަހުން އަދި ހަބަރެއް ނުވެ އެވެ.
"އޭތި ކުޑައިރުއްސުރެ ކާންދީ ބޮޑުކޮށްފައި އެ ހުރީ. މިހާރު 10 އަހަރު ވެއްޖެ އަޅުގަނޑުމެންނާ އެކު އެ އުޅޭތާ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
"ދުވަހަކު ވެސް ކުރި ކަމެއް ނޫން މިއީ. ދޫނި ގެއްލުމަކީ އަޅުގަނޑުމެންގެ އާއިލާއަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް."
މިއީ ގުރާގެ ކޮކްޓެއިލް އާއިލާއަށް ނިސްބަތްވާ ދޫންޏެކެވެ. އެ ގެންގުޅެމުން އަންނަ ގޭ މީހުން އެސޮރަށް ވަނަމަކަށް ކިޔަނީ 'ކިޔޮކޮ' އެވެ. އާއިލާއިން ވާހަކަދެއްކި މީހާ ބުނި ގޮތުގައި އެ ނަމުން ގޮވާލައިފި ނަމަ ދޫނީގެ ރައްދު ލިބޭނެ އެވެ.
ސަލާމަތުން 'ކިޔޮކޮ' ހޯދައިދީ އާއިލާއާ ހަވާލުކޮށްފި ނަމަ އިނާމެއްގެ ގޮތުން 10،000ރ ވަނީ ހުށައަޅައިފަ އެވެ.
އާއިލާ ދިރިއުޅެނީ ސަންފްރޮންޓް ލިވިން ކައިރީގައި ހުންނަ އިމާރާތެއްގެ ހަވަނަ ބުރީގަ އެވެ. އެންމެ ފަހުން އެ ދޫނި ފެނުނީ ގެއާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ގަޑިބުރު ކައިރިންނެވެ.
އާއިލާތަކުން ޕެޓްގެ ގޮތުގައި ގެންގުޅޭ މިކަހަލަ ލޯބި އެއްޗިއްސަކީ އެ ބައެއްގެ ދިރިއުޅުމުގެ ވެސް މުހިންމު ބަޔަކަށް މިހާރު އޮންނަނީ ވެފަ އެވެ.
'ކިޔޮކޮ' ފެނިއްޖެ ނަމަ، ނުވަތަ ހިފިއްޖެ ނަމަ ގުޅާނީ:
7332322
7987841
ކޮކްޓެއިލް ގުރާގެ އެވްރެޖް އުމުރަކީ 12-15 އަހަރެވެ. އެކަމަކު ޕެޓެއްގެ ގޮތަށް ރަނގަޅަށް ބަލައިގެން ގެންގުޅޭ ނަމަ 25 އަހަރާ ހަމައަށް ވެސް އުމުރު ދިގުވެދާނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ