ސޯބެ ސަރުކާރަށް: ކެމްޕެއިނުގައި އުޅުނު މީހުން ވަޒީފާއިން ވަކިކުރުން ހުއްޓާލާ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ޓީމުގައި ހިމެނޭ މީހުން ސަރުކާރުގެ ކުންފުނިތަކުން ވަކިކުރުން ވަގުތުން ވަގުތަށް ހުއްޓާލަން ސަރުކާރަށް އޭނާ ގޮވާލައިފި އެވެ. 
ސޯބެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ކެމްޕެއިނުގައި އަދި އޭނާއަށް ވޯޓުދިން ކަމަށް ލަފާކުރެވޭ މީހުންނާ މެދު ފިޔަވަޅު އަޅައި، ވަޒީފާއިން ވަކިކުރުމުގެ އިތުރުން ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދެއްކުމުގެ ކަންކަން ސަރުކާރުން ހުއްޓާލަން އެދޭ ކަމަށެވެ. 
"އަޅުގަނޑުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތައް، އަދި ވޯޓް ދިންކަމަށް ލަފާ ކުރެވޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ، ވަޒީފާއިން ވަކި ކުރުމާއި، އަދި ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދެއްކުން ފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ. 
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ އިތުރުން ޖުމްލަކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ސަރުކާރުން ހަމަހަމަކަން ގާއިމުކޮށް، އިސްލާމީ ރިވެތި އުސޫލުތަކާއި ޑިމޮކްރަސީގެ ހަމަތައްވެސް ދަމަހައްޓަން ސޯބެ ގޮވާލެއްވި އެވެ. 
ސޯބެގެ ކެމްޕެއިންގައި އުޅުނު މީހުންގެ ތެރެއިން ސްޓެލްކޯގައި މަސައްކަތްކުރަމުންދިޔަ މަހްފޫޒް ހުސްނީ ވަނީ އިއްޔެ ވަޒީފާއިން ވަކިކޮށްފަ އެވެ. އޭނާ މަސައްކަތްކުރަމުންދިޔައީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގަ އެވެ. 
މީގެއިތުރުން މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ސޯބެއާއެކު ފޮޓޯއެއް ނެންގެވި މައްސަލައެއްގައި ވަޒީފާއިން ވަކިކުރުމަށްޓަކައި އޭނާ ފުރުއްވަމުން ގެންދެވި މަގާމު ވެސް ސަރުކާރުން އުވާލި އެވެ. ޒުހައިރާއި ސޯބެއަކީ ތިމާގެ ދެ ބޭފުޅުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި މީހުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. ނަމަވެސް، އޭނާ ފުރުއްވަމުން ގެންދެވި ޑިރެކްޓަރުގެ މަގާމު ކުއްލި ގޮތަކަށް އުވާލާފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ. 
މިކަމާ ގުޅިގެން ޒުހައިރުގެ ދަރިފުޅުނު އަޒާން ޒުހައިރު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ބޯޑުގެ ޗެއާޕާސަން މަގާމުގައި ހުންނެވި އަޒާން ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވީ ސިޔާސީ ކަމެއްގައި އޭނާގެ ބައްޕަގެ ވަޒީފާ ގެއްލުވާލުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ