ކުރީގެ މިނިސްޓަރު އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް އައްޔަންކުރައްވައިފި
މިދިޔަ އޭޕްރިލް މަހާ ޖެހެންދެން ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރުކަން ކުރެއްވި އާދަމް ނަޞީރު އިބްރާހީމް، ރައީސް އޮފީހުގެ މުޝީރު ކަމަށް އައްޔަންކުރައްވައިފިއެވެ. އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރު ކަމަށް އައްޔަން ކުރި ކަމަށް "ސަން"އަށް ކަށަވަރުވި ނަމަވެސް، އޭނާ އެ މަގާމަށް އައްޔަންކުރައްވައިފައިވަނީ ކޮން ފެންވަރެއްގައި ކަމެއް ޔަގީނެއް ނުވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އުފެއްދެވި ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީއަށް ފުރަތަމަ ވެސް އައްޔަންކުރެއްވި އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 14ގައި ކުއްލި ގޮތަކަށެވެ. އެ ދުވަހު އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް 10 މިނިސްޓަރުން އިސްތިއުފާ ދެއްވިއެވެ. ރައީސް އޮފީހުން އޭރު ބުނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ. https://sun.mv/220693 އޭރު އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންނަށް އިސް މަގާމުތައް ފަހުން ދެއްވާފައިވެއެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާ ވެސް ރައީސް އޮފީހުގެ މަގާމަކަށް ވަނީ އައްޔަން ކުރައްވައިފައެވެ. މީގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރަށް ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާއިރު, އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. އެ މިނިސްޓަރުން އިސްތިއުފާ ދެއްވީ، އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ފަހުންނެވެ. މިނިސްޓަރުންގެ އިސްތިއުފާއަށް ފަހު ރައީސް އާ ބޭފުޅުން އައްޔަންކުރެއްވިއިރު، ބައެއް މިނިސްޓްރީތަކުގެ ޒިންމާތައް އެހެން މިނިސްޓްރީތަކާ ހަވާލުކުރެއްވިއެވެ. އެގޮތުން މީގެ ކުރިން އޮތް ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ބަދަލުގައި މިހާރު ހުންނަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ