ބޮޑު އަގުގައި ހިޔާ ފްލެޓުތަކުގައި ދެ އަހަރުދުވަހުން ލިފްޓު ހަރުކޮށް ނިންމުން ކާމިބީއެއްގެ ގޮތުގައި ފާހަގަކުރަން ރަސްމިއްޔާތެއް

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު، ކަނޑައެޅި މުއްދަތަށްވުރެ އެތައް ދުވަހެއްފަހުން ނިންމުން ކުލަ ގަދަކޮށް ފާހަގަކުރުމަށް ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 8:15 ގައި ހުޅުމާލެ ރުއްގަނޑު ތިނެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
އާދަޔާއި ހިލާފު ބޮޑު އަގުގައި ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސި) އިން ޗައިނާގެ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 
ފެބްރުއަރީ 12، 2024 ގަ އެވެ. އޭރު މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މިދިޔަ އަހަރުގެ ޖެނުއަރީ 30، އެވެ. 
 ނަމަވެސް އެ މުއްދަތަށް އެ ތަނުގެ މަސައްކަތް ނުނިމުމުން މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ އޭޕްރިލް 15، 2025 އެވެ. އެ މުއްދަތަށް ވެސް ލިފްޓުތައް ބަހައްޓައި ނުނިންމޭނެނެކަން ކަށަވަރުވުމުން މިދިޔަ އަހަރުގެ އޭޕްރިލް 9، ގައި ހިޔާ ސަރަހައްދަށް ނޫސްވެރިން ގެންގޮސް، މިދިޔަ ނޮވެމްބަރު މަހުގެ ނިިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ.
އޭރު ބަޖެޓުގައި އޮތީ މި މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ
އޭގެ ހަތް މަސްދުވަސްފަހުން ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ހަރުކޮށް ނިންމުން ކުލަ ގަދަކޮށް ފާހަގަކުރާއިރު، ޗައިނާ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 18 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ، 278 މިލިއަނެވެ. އެ އަދަދަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށް މިހާރު މީހުން ދިރިއުޅެމުންދާ އަމާން ޓަވަރުތަކުގެ ދެ ޓަވަރުގެ އަގެވެ.
ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ރޭޓުން ޗައިނާ ކުންފުންޏާ އެޗްޑީސީން މަސައްކަތް ހަވާލު ކުރިއިރު، އެއީ އާދަޔާއި ހިލާފަށް ބޮޑު އަގެއް ކަމަށް އެ މަސައްކަތް ކުރާ ކުންފުނިތަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު، އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހުވެސް އަދިވެސް އެއްކޮށް ނުނިމެއެވެ. އެޗްޑީސީން ބުނާގޮތުގައި 15 ޓަވަރެއްގެ މަސައްކަތް ނިމިފައިވީ ނަމަވެސް، 16 ވަނަ ޓަވަރުގެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
އެގޮތުން، މި ނޫހާ ވާހަކަ ދެއްކި އެއް ކުންފުނިން ބުނީ ކޮންމެ ލިފްޓަކަށް، ސްޓްރަކްޗާއާއެކީ ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދަކީ 2.5 މިލިއަން ރުފިޔާ ކަމަށެވެ. މި ރޭޓުން ހިސާބުކުރާއިރު 32 ލިފްޓު ހަރުކުރަން ހަރަދު ވާނީ 80 މިލިއަން ރުފިޔާ އެވެ.
އަނެއް ކުންފުނިން ބުނީ ގިނަ ވެގެން ވެސް މި މަސައްކަތަށް ހިނގާނީ ލިފްޓަކަށް ފަސް މިލިއަން ރުފިޔާ ކަމަށެވެ. އެއީ ދަގަނޑު ސްޓްރަކްޗާގެ މަސައްކަތާއި މަސައްކަތު އަގާއި ލިފްޓުތައް ހަރުކުރުމުގެ ހުރިހާ ކަމެއް ހިމަނައިގެންނެވެ. މި ރޭޓުން ހިސާބުކުރިއަސް މުޅި ޕްރޮޖެކްޓަށް ހަރަދު ވާނީ 160 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ