ޗައިނާގެ އެކްޓިވިސްޓަކު ފިލައިގެން ދެކުނު ކޮރެއާއަށް އެތެރެވާން އުޅެނިކޮށް ހުއްޓުވައިފި

ޗައިނާގެ ސަރުކާރަށް ފާޑުކިޔާތީ ފިއްތުންތަކާ ކުރިމަތިވެފައިވާ ކަމަށް ބެލެވޭ މީހަކު، ރަބަރު ބޯޓެއްގައި ދެކުނު ކޮރެއާގެ ހުޅަނގު އައްސޭރިއަށް އެތެރެވާން އުޅެނިކޮށް ހިފަހައްޓައި ސުވާލުކުރަމުންދާ ކަމަށް އެ ގައުމުގެ ކޯސްޓްގާޑުން ބުދަ ދުވަހު ހާމަކޮށްފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ މީގެ ކުރިން ވެސް އެތައް ފަހަރަކު ޗައިނާއިން ފިލަން މަސައްކަތް ކޮށްފައިވާ މީހެކެވެ.
އެ ސަރަހައްދުގެ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 10 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ 3.3 މީޓަރު (11 ފޫޓު) ގެ ކުޑަ ބޯޓެއްގައި މި މީހާ ފެނިފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި، ހުޅަނގު އައްސޭރިން 38 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ސަރަހައްދުން ދަތުރުކުރި މަސް ބޯޓަކަށް މި މީހާ ފެނުމުން، އެ ބޯޓުގެ ފަޅުވެރިން ވަނީ ކަމާބެހޭ ފަރާތްތަކަށް އެކަން އަންގާފަ އެވެ.
އިމިގްރޭޝަން ގާނޫނުތަކާ ހިލާފުވި ކަމުގެ ތުހުމަތުގައި އެ މީހާ މިހާރު ހައްޔަރުކޮށް، ސުވާލުކުރަމުންދާ ކަމަށް ކޯސްޓްގާޑުން ބުނެ އެވެ.
ކޯސްޓްގާޑުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ މީހާ އަތުލައިގަތް ސަރަހައްދަކީ ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ހިސާބެކެވެ.
އެ މީހާގެ ނަން ހާމަކުރުމަށާއި، އޭނާ އެ ސަރަހައްދަށް ދަތުރުކުރި ގޮތުގެ ތަފުސީލު ދިނުމަށް ކޯސްޓުގާޑުން އިންކާރު ކުރި ނަމަވެސް، އެއީ އުމުރުން 60 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށް ވަނީ ހާމަކޮށްފަ އެވެ. 
އެ މީހާ ހައްޔަރުކުރި ވަގުތާއި ހާލަތަށް ބަލާއިރު، އެއީ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ޗައިނާގެ އެކްޓިވިސްޓް ޑޮންގް ގުއާންގްޕިންގް ކަމަށް ބެލެވެ އެވެ. އޭނާއަކީ މީގެ ކުރިން ތައިލެންޑާއި، ވިއެޓްނާމް އަދި ތައިވާނަށް ފިލައިގެން ދިއުމުން، ކޮންމެ ފަހަރަކު އަނބުރާ ޗައިނާއަށް ފޮނުވާލާފައިވާ މީހެކެވެ.
މި މީހާ ފެނުނު ސަރަހައްދަކީ ދެކުނު ކޮރެއާ އާއި ޗައިނާއާ ދެމެދު އޮންނަ އެންމެ ކުރު ރާސްތާ ކަމަށްވާ 310 ކިލޯމީޓަރު (193 މޭލު) ގެ ސަރަހައްދެވެ.
މިކަމާ ގުޅޭގޮތުން ސޯލްގައި ހުންނަ ޗައިނާ އެމްބަސީއިން އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ބެއިޖިންގައި ހުންނަ ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ