ފަނޑިޔާރުންނަކީ އިލްމު ދިރާސާކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު އަލްއުސްތާޛް ޙުސައިން ރިޟާ ވިދާޅުވެއްޖެއެވެ.
ރިޟާ އެފަދައިން ވިދާޅުވީ ރާއްޖޭގެ ބައެއް ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަނު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޟާ ވިދާޅުވީ، އަލަށް ހުވާ ކުރައްވާ ފަނޑިޔާރުންނަކީވެސް މާތް، މަތިވެރި މަސައްކަތަކާ ޙަވާލުވެވަޑައިގަންނަވާ ބައެއް ކަމަށެވެ.
ރިޟާ ވިދާޅުވީ، ފަނޑިޔާރުންނަކީ އަބަދުވެސް ދިރާސާކުރައްވާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. އެގޮތުން ފަނޑިޔާރުންނަކީ އިލްމުގެ ތެރޭގައި ވަގުތު ހޭދަކުރައްވާ ބަޔަކަށް ވާންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް ޤާނޫނުތަކަށް ބަދަލުތައް އަންނަމުންދާއިރު، އެ ބަދަލުތައް އަބަދުވެސް ދިރާސާ ކުރަންވާނެކަމަށް ރިޟާ ވިދާޅުވިއެވެ.
ތިބޭފުޅުން ވާން ޖެހޭނީ، އަރަބިން ވަރަށް ގިނަ ފަހަރު ބުނެ އުޅޭނެ އިޝްޤުލް ޢިލްމު، އިލްމުގެ ލޯބީގައި ޖެހި އިލްމުގެ ތެރޭގައި ވަގުތު ހޭދަކުރާ ބަޔަކަށް، އެހެންވީމާ ހަގީގަތުގައި އެއްވެސް ޙާލެއްގައި ހީކުރައްވައިގެން ނުވާނެ އެއްވެސް ބޭފުޅަކު، ތިމަންނާމެން މި މަޤާމަށް ހޮވުނީމާ އެ ނިމުނީއޭ މިހިސާބުން.
ރިޟާ އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން، ބައެއް ސުޕީރިއަރ ކޯޓުތަކުގައިވެސް ވަރަށް ފުރިހަމަ ދިރާސާތައް މިހާރު ކޮށްފައި ހުންނަ ކަމަށެވެ. އެގޮތުން ޙުކުމަށް ވާސިލުވާން ކުރާ މަސައްކަތް ފެންނަން ހުންނަކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މަދުން ނަމަވެސް އިލްމަށް ޝައުޤުވެރިކަން ކުޑަ، އަދި ހަމައެކަނި ވަޒީފާއެއް އަދާކުރާ ބީދައިން މަސައްކަތް ކުރައްވާ ފަނޑިޔާރުން ފާހަގަ ކުރެވޭކަމަށްވެސް ރިޟާ ވިދާޅުވިއެވެ. ނަމަވެސް 99 އިންސައްތަ ފަނޑިޔާރުންނަކީ އިލްމުގައި ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ފަނޑިޔާރުންނަކީ ވަގުތަށް ޙުރުމަތްތެރިކޮށްހިތަން ޖެހޭބައެއްކަމަށްވެސް ރިޟާ ފާހަގަކުރެއްވިއެވެ.
ރިޟާ ވަނީ ކޯޓުތަކުގެ މައްސަލަތައް ލަސްވާ ވާހަކައަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ މައްސަލަ އޮތީ ނުރައްކާތެރި މިންވަރެއްގައިކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެކަމުގެ ބައެއް މިސާލުތައްވެސް މެމްބަރު ވަނީ ކިޔާދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ 7 މެޖިސްޓްރޭޓް ކޯޓަކަށް ވަނީ އިސްމެޖިސްޓްރޭޓުން އައްޔަނުކޮށްފައިވެއެވެ.
ފަނޑިޔާރުން ވާން ޖެހޭނީ އިލްމުގެ ލޯބީގައި ޖެހި، އިލްމު ދިރާސާކުރާ ބަޔަކަށް: މެމްބަރު ރިޟާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ