ޕީއެޗްޑީ ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި މީގެ ކުރިން ކުރިއަށް ދިޔަ އަޑުއެހުންތަކުގައި މި މައްސަލައާ ގުޅޭގޮތުން ޚަސްމުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތުދީ މައްސަލައިގެ އަޑުއެހުންތައްވެސް ވަނީ ނިންމާލައްވާފައެވެ. އަދި އަޑުއެހުންތައް ނިންމާލާފައިވަނިކޮށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުވެފައިވާތީ ދާދި ފަހުން އިޖުރާއީ އަޑުއެހުމެއް ބާއްވާފައިވެއެވެ.
ސުޕްރީމް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންދާ ޕީއެޗްޑީ ޕްރޮގްރާމަކީ އެމްކިޔުއޭގެ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ގަބޫލުކުރާ ސަނަދެއްތޯ އާއި އެމްކިޔުއޭގެ ސްޓޭންޑާޑުތަކާއި ކްރައިޓީރިއާތަކަށް ފެތޭ ކޯހެއްތޯ ބެލުމަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ތިން ދަރިވަރަކު ވަނީ އެމްކިޔުއޭއަށް ހުށަހަޅައިފައެވެ.
އެ ތިން މީހުން ވެސް ކިޔެވުންފެށީ އެމްކިޔުއޭއިން އެ ކޯސް ގަބޫލުކުރާ ކަން 2016 ވަނަ އަހަރު އެންގުމުންނެވެ.
އެމްކިޔުއޭއިން ހުއްދަ ދިނުމުން އެ ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވަމުން ދަނިކޮށް އެމްކިޔުއޭގެ ފަރާތުން ފޮނުވި ސާކިއުލާއެއްގައި، އެ ޕްރޮގްރާމާ ގުޅޭ ބައެއް ކަންކަން ބަލުމުންދާތީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ޕްރޮގްރާމަށް ”އިންސްޓިޓިއުޓް ޕްރޮގްރާމް ރިކޮގްނިޝަން“ ދޫކުރުން ހުއްޓާލާފައިވާ ކަމަށާއި އަދި އެ ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރުން 2018 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަން އަންގައި ދިނުމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާ ކަމަށް ދައުވާ ކުރި ފަރާތްތަކުން ފާހަގަ ކުރެއެވެ.
ހަމައެއާއެކު، އެ ސާކިއުލާ އެއްގޮތަށް ޕްރޮގްރާމްގައި ކިޔަވަމުންދާކަމުގެ ލިޔުން ހުށަހެޅުމުން ޕީއެޗްޑީ ގަބޫލުކުރާނެކަން އެމްކިޔުއޭއިން ވަނީ އަންގާފައިކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އަމުރުކުރީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުސޫލާއި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލުކުރުމުގެ އުސޫލު އޮންނަގޮތުގެ ސަބަބުން އެލްޑާސް ކޮލެޖުގެ ޕީއެޗްޑީ ގަބޫލުކުރަން އެމްކިޔުއޭގެ މައްޗަށް އަމަރު ނުކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް ބަލަންވާ މިންވަރަށް ނުބަލާ، ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެމްކިއުއޭއިން އަންގާފައިވާތީ ޖެނުއަރީ، 2018 އާ ހަމައަށް އެ މީހުން ކޯހުގައި ކިޔަވަން ކުރި ހަރަދާއި އަދި ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް އެމްކިޔުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ޙުކުމުގައި ބަޔާންކޮށްފައިވަނީ  ކުރިން ހިނގާފައިވާ ކަންކަމަށް ފަހުން އަންނަ ގާނޫނުތަކާއި އުސޫލުތައް އާންމު އުސޫލުން ނުހިންގޭނެ ކަމަށެވެ. އެހެންވެ، އެ މީހުން ކިޔެވުން ފުރިހަމަކުރި ފަހުން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށް އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ނުކުރަން އެމްކިއުއޫއަށް ނުނިންމޭނެ ކަމަށާއި، އަދި އެކަމަށް ދައުލަތުން ކޯޓުގައި ވެސް އެއްބަސްވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ތިން މީހުންގެ ޕީއެޗްޑީ ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރުކުރާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައިކޯޓުގައި ކުރެއްވި ހުކުމުގައިވެ އެވެ.
އެހެންކަމުން އަނެއްކާވެސް އެމްކިއުއޭއިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ. ހުށަހެޅުމުން ސުޕްރީމް ކޯޓުން މިހާރު މިވަނީ އެ ނިންމުން ބާތިލުކޮށްފައެވެ. އަދި އެމްކިއުއޭއިން ބަދަލުދޭން ޖެހޭނެކަމަށްވެސް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ