އަލްމަރްޙޫމް ޢަލީ ޒުބައިރު: އިޚުލާޞްތެރިކަމުގެ ރީތި ނަމޫނާއެއް

ކޮންމެ އިންސާނަކީވެސް މި ފަނާވަނިވި ދުނިޔެއާ ވަކިވެދާނެ މީހެކެވެ. ނަމަވެސް، ދުނިޔެ ދޫކޮށް ދާއިރު، ތިމާގެ ޚިދުމަތާއި، އަޚުލާޤާއި، އުޅުމުގެ ސަބަބުން އެހެންމީހުންގެ ހިތްތަކުގައި ބަހައްޓާފައިދާ ހަނދާންތަކަކީ ފޮހެވިގެންދާނެ އެއްޗެއް ނޫނެވެ. އުމުރުން 61 އަހަރުގައި ވަކިވެދިޔަ އަލްމަރްޙޫމް ޢަލީ ޒުބައިރަކީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވާފައިވާ، މުރާލިކަމާއި އިޚުލާޞްތެރިކަމުގެ ނަމޫނާ ޝަޚުޞިއްޔަތެކެވެ.
ޢަލީ ޒުބައިރު ދައުލަތަށް ޚިދުމަތް ކުރުމުގެ ދިގު ދަތުރު ފެށުނީ 1982 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މާލެ މުނިސިޕަލްޓީންނެވެ. 1984 އާ ހަމައަށް އެ އިދާރާގައި މަސައްކަތް ކުރެއްވުމަށްފަހު، 1984 އިން 1990 އަށް މުނިސިޕަލްޓީގެ ސެކްރެޓަރީއެއްގެ މަޤާމު ފުރުއްވިއެވެ. އޭގެ ފަހުން 1990 އިން 1994 އަށް ސީނިއަރ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވުމަށްފަހު، 1994 އިން 1996 އަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މާލެ މުނިސިޕަލްޓީގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވިއެވެ.
ދައުލަތުގެ އޮނިގަނޑަށް އަންނަމުންދިޔަ ބަދަލުތަކާއެކު، 1996 އިން 1999 އަށް މޯލްޑިވްސް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް ބޯޑުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، 1999 އިން 2002 އަށް ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު އަދާކުރެއްވިއެވެ. އަދި 2002 އިން 2006 އަށް އެ ތަނުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައިގެން، އިދާރީ ހިންގުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވިއެވެ.
އަލީ ޒުބައިރުގެ ކުއްލި ވަކިވުމާ ގުޅިގެން އޭނާއާއެކު މަސައްކަތްކުރި ފަރާތްތަކާއި އަދި ދަންނަ ގިނަ ފަރާތްތަކުން ދަނީ އެކަމާ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުޢޫރުތައް ހިއްސާކުރަމުންނެވެ. ގިނަ ބަޔަކު ފާހަގަކޮށްފައިވާ އެއްކަމަކީ އަލީ ޒުބައިރުގެ އިޙުލާސްތެރިކަމާއި އޭނާ ވަޒީފާއަށް ބަހައްޓާ ފަރުވާތެރިކަމެވެ. އަދި އޭނާއަކީ މިޒާޖުގެގޮތުންވެސް އެންމެންނާ ގުޅޭ ރަޙުމަތްތެރިއެއްކަން އެންމެންވެސް ފާހަގަކުރެއެވެ.
2006 ވަނަ އަހަރުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމަށް ބަދަލުވެ 2021 ވަނަ އަހަރުން ފެށިގެން އަވަހާރަވުމާ ހަމައަށް މަސައްކަތް ކުރައްވަމުން ގެންދެވީ މާލެ ސިޓީ ކައުންސިލްގެ އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައެވެ. ވަކިން ޚާއްޞަކޮށް، މާލޭގެ މިސްކިތްތަކުގެ ކަންކަމާއި، ކަށުކަމާކެމީގެ އެންމެހައި ކަންކަން ބެލެހެއްޓެވުމުގައި ޢަލީ ޒުބައިރު އަދާކުރެއްވި ދައުރަކީ މުޅި މާލެއަށް ފެންނަން އޮތް ބޮޑު ޚިދުމަތެކެވެ. ކަށުކަމާކެމީގެ ކަންކަމުގައި އޭނާ ދެއްވި ސަމާލުކަމާއި ބެހެއްޓެވި ފަރުވާތެރިކަމަކީ އެ ދާއިރާގައި މަސައްކަތްކުރާ އެންމެންނަށް އޮތް ނަމޫނާއެކެވެ.
ޢަލީ ޒުބައިރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭނާގެ ހިތްތިރިކަމެވެ. މުވައްޒަފުންނާ މުޢާމަލާތް ކުރެއްވުމުގައި ގެންގުޅުއްވި އޯގާތެރިކަމާއި، މަސްޢޫލިއްޔަތު އަދާކުރުވުމުގައި ދެއްކެވި ހަރުދަނާކަމަކީ އޭނާގެ މަޤުބޫލުކަން އިތުރުވި ސަބަބެވެ. އެކުވެރިކަމާއި ސަމާސާ ކުރުމުގައިވެސް އޭނާއަކީ ދެވަނައެއް ނެތް ފަދަ ޝަޚުޞިއްޔަތެކެވެ. ޢަލީ ޒުބައިރު ދަންނަ ކޮންމެ މީހަކުވެސް އޭނާގެ މި ހިތްހެޔޮކަމާއި އެކުވެރިކަމަށް ހެކިވާނެއެވެ. ޢަލީ ޒުބައިރު ވަކިވެގެން ދިޔުމަކީ މާލެ ސިޓީ ކައުންސިލަށާއި، މިސްކިތްތަކުގެ މަސައްކަތްތަކަށް އަދި ވަކިން ޚާއްޞަކޮށް މާލޭގެ ކަށުކަމާކެމީގެ ޚިދުމަތަށް ލިބުނު ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ