ފަހަކަށް އައިސް މާލޭގައި ގިނަ އަދަދަކަށް މާރާމާރީތައް ހިންގާ ކަމަށާއި އެކަންކަން ނުހުއްޓުވޭނަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް މޯލްޑިވްސް ޔުނައިޓަޑް އޮޕޮޒިޝަންގެ ނަމުގައި އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދުން ބުނެފި އެވެ.
އެ އިއްތިހާދުގެ ޕްރެސް ކޮންފަރެންސެއް މިއަދު ބޭއްވީ އެމްޑީޕީ އޮފީހުގަ އެވެ. އެ ކޮންފަރަންސެއްގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެއް މާރަމާރީ ހިނގާ ކަމަށާއި އެމްޑީޕީ ސަރުކާރުގައި ވެސް އެކަންކަން ހިނގި ކަމަށެވެ. އެހެން ނަމަވެސް މިހާރު ޒުވާނުންނަށް ކުރިއެރުމުގެ ފުރުސަތު ނުދީ ސިޔާސީ ކަންތަކުގައި ބައިވެރި ކުރުމުގެ ނަތީޖާއެއްގެ ގޮތުން މާރަމާރީތައް އާދަޔާ ހިލާފަށް ގިނަވެ އެކަން ނުހުއްޓުވިގެން އުޅޭ ކަމަށެވެ.
ޝިފާޒް ވިދާޅުވީ މާރަމާރީތައް ހުއްޓުވަން ހުންނެވި ހޯމް މިނިސްޓަރަކީ ރިޔާސީ ކެންޑިޓޭޓް ކަމަށް ހަރުކަށި މެނިފެސްޓޯއެއް ހިއްޕަވައިގެން ވަޑައިގެންނެވި ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް އެ ބާރު ލިބިވަޑައިގަތުމުން ވެސް މާރަމާރީތައް ހުއްޓުވުމުގައި ނާކާމިޔާބުވެފައިވާ ކަމަށެވެ. އެހެން ކަމުން ހޯމް މިނިސްޓަރުގެ މަގާމުން އުމަރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"މާރަމާރީތައް ހިނގުން ނުހުއްޓުވި ދަނީ ރައީސް ޔާމީންގެ ނުފޫޒުން ކަމަށް ވަނީ ނަމަ ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވަންޖެހޭ ވަގުތު މިއީ. އެނޫން ގޮތަކަށް މިކަމެއް ހުއްޓުވޭކަށް ނެތް. ފަހުން ހޯމް މިނިސްޓަރު ވިދާޅުވީ ފުރިހަމަ އާރާ ބާރުގައޭ މި ހުންނަނީ. އެހެންވެ ފުރިހަމަ އާރާ ބާރުގައި ރާއްޖޭގެ އަމަން އަމާންކަން ނުހިފޭޓެންޏާ މިއަދު ހޯމް މިނިސްޓަރު އެކަމަށް ގާބިލެއް ނޫން. އެހެންވެ ރައްޔިތުންގެ ހައްގުގައި އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަންނަވަން ޖެހޭ،" ޝިފާޒް ވިދާޅުވި އެވެ.
މާރަމާރީތައް ގިނަވެ އެކަމަށް ހައްލެއް ނުގެނެވޭ ކަމަށް ބުނެ އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މަހުލޫފް ވިދާޅުވީ ހޯމް މިނިސްޓްރީ އިން މާރަމާރީތައް ނުހުއްޓުވުމުން އޭގެ ޒިންމާ ނަގަންޖެހޭ ކަމަށެވެ.
މާރަމާރީ ނުހުއްޓުވޭނަމަ އުމަރު އިސްތިއުފާދެއްވަންޖެހޭ: އިދިކޮޅު އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ