ހަވީރު މީޑިއާ ގުރޫޕުން މައްސަލައިން ބޭރުވާން ބޭނުންވިޔަސް ދެން ނުވެވޭނެ: ގާޒީ

ޝަރީއަތް ދިގުލައިގެން ގޮސް، ކުންފުނި ބަގުރޫޓުވަމުން ދާތީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހަވީރުގެ މިލްކުވެރިކަމާ ބެހޭ މައްސަލައިން ބޭރުވާން ހަވީރު މީޑިއާ ގުރޫޕުން ބޭނުން ކަމަށް ބުނެފައިވީ ނަމަވެސް އެގޮތަށް މައްސަލައިން ދެން ބޭރު ނުވެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
ކުންފުނި ބަގުރޫޓުވާ ކަމަށް ބުނެ، އެ ގުރޫޕުން ދައްކާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ޝަރީއަތް ލަސްވަމުންދާ ކަމަށް ބުނެ ޝަރީއަތް ބަދުނާމުވާ ގޮތަށް ވާހަކަ ނުދެއްކުމަށް އަންގާ ކަމަށެވެ. އަދި މައްސަލަ ލަސްކުރުމަށް ޝަރީއަތުން މަސައްކަތް ނުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ގުރޫޕުގެ ވަކީލް އަހުމަދު މުއިއްޒު ޗުއްޓީއަކަށް ދާން އެދިފައިވާތީ އެ ފުރުސަތު ޝަރީއަތުން ވަނީ ދީފަ އެވެ. މައްސަލައިން ބޭރު ނުވެވޭނެ ކަމަށް ގާޒީ އެންގުމުން އެ ގުރޫޕުން ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފަ އެވެ. އެކަމަށް ދެ ދުވަހުގެ ފުރުސަތެއް ވަނީ ދެއްވާފަ އެވެ.
ހައިކޯޓުގައި ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމުގައިވާ ކަންކަން ތަންފީޒުކޮށްދިނުމަށް އެދި ހަވީރުގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި އޮތީ، ހަވީރު ނޫހާއި ހަވީރު އޮންލައިން އަދި ލޯމާފާނު ޕްރިންޓްސް އަދިވެސް އިތުރު ވިޔަފާރީތަކަކީ ހަވީރު މީޑިއާ ގުރޫޕްގެ ވިޔަފާރީތަކަކަށްވި ގޮތް ސާފުކޮށްދިނުމަށް ޖަވާބުދިނުމެވެ. އެކަން ސާފުކޮށްދިނުމަށް މީގެ ދެ ފަހަރެއްގެ މަތިން ވެސް ޝަރީއަތުން އެދިފައިވެ އެވެ. ނަމަވެސް އެކި ސަބަބުތައް ދައްކާ، ޖަވާބުދާރީވެވެން ނެތް ކަމަށް ހަވީރު މީޑިއާ ގުރޫޕުން ބުނެފައިވެ އެވެ.
ހަވީރު މީޑިއާ ގުރޫޕުން ޖަވާބުދާރީވެ ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ، ހަވީރު ނޫހާއި ހަވީރު އޮންލައިން އަދި ލޯމާފާނު ޕްރިންޓްސް އަދިވެސް އިތުރު ވިޔަފާރީތަކަކީ ހަވީރު މީޑިއާ ގުރޫޕްގެ ދަށަށް ބަދަލުވެފައިވަނީ، ގާނޫނީ ހަމަތަކުގެ މަތިން ހ. ނީލްވިލާ، ޑރ. މުހައްމަދު ޒާހިރު ހުސައިން އެތަކެތި އެ ގްރޫޕުގެ ދަށަށް ބަދަލުކޮށްދިނުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ