އަޑު އަހަން އެކަކު އަޔަސް ނަޔަސް އޭނާގެ ބަސް އިއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ އޭނާގެ ކެމްޕެއިނަށް ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
"އަޅުގަނޑުމެންގެ ހައްގު ބަސް އަޅުގަނޑުމެން ނުބުނަންވީތޯ، އެބައެއްގެ ހާތަލު އެބަޔަކު ބަދަލުކޮށްފުމަށް ދާންދެން ބަދަލުނުކުރައްވާކަމަށް މާތް ﷲ ވަހީކުރައްވާފައިވޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުން އަޅުވެތިކަމުގެ ތެރެއަށް ދާން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނޭނގޭ ކަމަށް ހައްދަވައިގެން ސޫކޮށްލާފައިވާކަމަށާއި ނަމަވެސ ްއެކަމުގެ ހަގީގަތް އެނގޭ މީހުން އެނގިހުރެ އެކަން ރައްޔިތުންނަށް ނާންގާ ތިބުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ.
"މިއަދު ރައްޔިތުން އަޅުވެތިކަމުގެ ތެރެއަށް ދާން ވެރިއަކަށް ހުރި މީހާ ނުދެނެހުރިކަމަށް ހަދާލައިގެން އެއިން އެއްވެސް ހަބަރެއް ދަބަރެއް ނުދީ މަޑު މަޑުން މަޑުމަޑުން އަރިކައްސަމުން ގޮސް ހުސްވާއިރު އަޅުގަނޑުމެން އެނގިހުރި މީހުން ނާންގާ ތިބުމަކީ ކިހިނެއްވާ ކަމެއްތޯ" ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރިހަމަ މިތަނަށް އެކަކު އަޔަސް ނަޔަސް، މި ގައުމުގެ ރައްޔިތުންނަށް މި އަޑު އިވޭނެ މި އިއްވަނީ، އިއްވައިފިން. ﷲ ހެކިވޮޑިގަންނަވާށި" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާގެ އެ ބަހަށް މާތް ﷲ ހެކިވޮޑިގަންނަވާނެ ކަމަށާއި އެ ބަސް އެކަލާނގެ މަލާއިކަތުން ލިޔުއްވާނެ ކަމަށެވެ. އަދި މިގައުމުގެ ސަލާމަތާއި އަމާންކަމާއި މުސްތަގްބަލު އޮތީ ގައުމުގެ އިސްތިގްލާލް ރައްކާތެރިކުރެވިގެންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އޭނާ ނިކުމެ އެ ހުންނެވީ އެ މަސައްކަތް ކޮށްދިނުމަށްކަމަށެވެ.
އަޅުގަނޑަށް ވަރިހަމަ މިތަނަށް އެކަކު އަޔަސް ނަޔަސް، ބަސް އިއްވާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ