މަރުގެ އިންޒާރުތައް ލިބިވަޑައިގަންނަވަމުން ދާ ކަމަށް އުމަރު ވިދާޅުވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މަރުގެ އިންޒާރު ލިބިވަޑައިގަންނަވަމުން ދާ ކަމަށް އޭނާ ވިދާޅުވެއްޖެއެެވެ.
އުމަރު ނަސީރަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވެ އަދި އޭނާގެ ވެރިކަމެއްގައި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ވަރަށް ހަރުކަށިކޮށް ބަލަމުން ގެންދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކެންޑިޑޭޓެކެވެ. އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑްރަގް ލޯޑްސްގެ ފަރާތުން މަރުގެ އިންޒާރު އޭނާއަށް ލިބިވަޑައިގަންނަވަމުން ދާ ކަމަށެވެ.
އެއާއެކު ޓިކްޓޮކްގައި އާންމު ކޮށްފައިވާ އުމަރުގެ ވީޑިއޯއަކަށް ކޮށްފައި ހުރި ކޮމެންޓްތަކުގެ ސްކްރީންޝޮޓް އޭނާ އެކްސްގައި ހިއްސާ ކުރައްވާފައި ވާއިރު ބޭއަދަބީ ބަސްތައް ބޭނުން ކޮށްގެން އޭނާއަށް އިންޒާރު ދީފައި ވެއެވެ. އަދި މި މައްސަލަ އޭނާގެ ސެކިއުރިޓީ ބަލަމުން ގެންދާ އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ދާދިފަހުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި އޭނާ ހުންނަވަނިކޮށްވެސް ވަނީ ހަމަލާދީފައެވެ. ދަގަނޑު ބުރިއެއް އެއްލައި އުމަރަށް ހަމަލާ ދީފައި ވާކަމަށް އޭނާ ވިދާޅުވެފައި ވާއިރު އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އުމަރު ނަސީރު ވިދާޅުވީ އެފަހަރުވެސް އޭނާއަށް ހަމަލާ ދީފައިވަނީ މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.
އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވާ މީހާ އެމީހާގެ މަގާމާ ހަވާލުވަންދެން ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭނެއެވެ. ކެންޑިޑޭޓުންގެ ސެކިއުރިޓީ ކަންކަން ބަލަމުން ގެންދަނީ ދިވެހި ސަލާމަތީ ބާރުންނެވެ. އެއީ ގާނޫނުގައި އޮންނަ ގޮތެވެ.
ޑްރަގްގެ މައްސަލައަށް ހައްލު ހޯދައިދީ ގޭންގް މައްސަލަ އަދި ގަވާއިދާ ހިލާފަށް އުޅޭ 40,000 ބިދޭސީންގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް އުމަރު ނަސީއރު ވައުދު ވެވަޑައިގެންފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ