އެމްއެންޕީގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އައްޑޫސިޓީ ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ އެ ސިޓީގައި ވެސް ކަރަންޓާއި ފެން ބިލު ދެއްކުމަށް ދަތިި ނުވަތަ އެ ބިލުތައް ދެއްކޭނެ މާލީ ތަނަވަސްކަން ނެތް ފަރާތްތައް އެބަތިބި ކަމަށާއި އެހެންވެ، ފެން ބިލުން ވެސް ފުރަތަމަ 3000 ލީޓަރު ހިލޭ ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ މިއީ އަސާސީ ހިދުމަތްތައް ކަމަށާއި މިފަދަ ކަންކަމުން ރައްޔިތުންނަށް ލުއިތަކެއް ލިބެންޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެ ޖަލްސާގައި ރާއްޖޭގެ މާލީ ދާއިރާއަށް އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވަމުން އޭނާ ވަނީ ބައިނަލްއަގުވާމީ މާލީ މުއާމަލަތްތައް ހިންގުމުގައި ބައެއް ފަރާތްތަކަށް ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވާފއެވެ. އަދި އެކަންކަން ހައްލުކުރުމުގެ ގޮތުން އެމްއެންޕީގެ ސަރުކާރެއްގައި ޕޭޕަލް މެދުވެރިކޮށް ރާއްޖެއިން ބޭރުން ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެެކު ރާއްޖޭގެ ތައުލީމީ ނިޒާމަށް އަލިއަޅުވައިލައްވާ ވިދާޅުވީ ސްކޫލް މާހައުލުގެ ތެރެއިން އެކިކަހަލަ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގަންނަވަން ޖެހޭކަމަށެވެ. އަދި ހެނދުނު ވަގުތު ދަރިވަރުން ހޭދަ ކުރަންޖެހޭނީ ކިޔެވުމުގައި ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ މެންދުރުފަހުގެ ވަގުތުތައް ދަރިވަރުން ހޭދަކުރަންވާނީ، އެކްސްޓްރާ ކަރިކިޔުލާ އެކްޓިވިޓީސްތަކުގައި ކަމަށާއި އެހެންކަމުން އެމްއެންޕީގެ ސަރުކާރެއްގައި ސްކޫލްގެ ނިޒާމް ބަދަލު އެގޮތަށް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ