ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ފަރިއްކުޅުވައި އުޅުއްވީ އިންޑިއާއިން ރާއްޖެ އެތެރެ ކުރާ ހަނޑުލާއި ފުށާއި އެހެނިހެން ޒަރޫރީ ކާބޯތަކެއްޗެވެ. އިސްކަންދަރު އަދި މަޖީދިއްޔާ ސްކޫލުގައި ކިޔަވައިވިދާޅުވިއިރު، ރައީސް މުއިއްޒަށް ކިޔަވައިދޭން އައީ އިންޑިއާ ޓީޗަރުންނެވެ.
ރައީސް މުއިއްޒުގެ އުމުރުން 10 އަހަރުގައި، ރާއްޖެ ހިފަން ތަމަޅަ ބާޢީންގެ ބަޔަކު އައުމުން، ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިވެދިން ގައުމަކީ އިންޑިއާ އެެވެ.
އެމަނިކުފާނަށް އާލާސްކަންފުޅެއް ކުރިމަތިވެވަޑައިގެންނެވުމުން، ދާދި ފަހަކާ ޖެހެންދެން ދެއްކެވީ މާލޭގައި މަސައްކަތް ކުރާ އިންޑިއާ ޑޮކްޓަރަކަށެވެ. ޑޮކްޓަރު ބަލަމުންދިޔައީ، 1995 ވަނަ އަހަރު އިންޑިއާއިން އަޅައިދިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގަ އެވެ.
ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ އިންޑިއާއާ ދެކޮޅު، ދޮގު ޝުއޫރުތަކެއް ވިއްކަވައިގެންނެވެ. ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ވިސްނައިދެއްވީ، އިންޑިއާއިން އުޅެނީ ރާއްޖެއަށް ވެރިވެ، ރާއްޖެ ހިފަން ކަމަށެވެ.
ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ. އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮންޓްރޯލް ކުރާ ކަމަށް ތުހުމަތު ކުރެއްވި އެވެ. ދިވެހި ދައުލަތުގެ ކުރީގެ އެންމެ މަތީ ވެރިޔާ އަޅުވެތިކޮށް، އެމަނިކުފާނަށް އަމުރުމައުރޫފް ހިންގަނީ އިންޑިއާއިން ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން އިންޑިއާއާ ދުރަށް ޖެހުމުގެ މަގު ޗާޓެއް ރައީސް މުއިއްޒު އިއުލާނު ކުރެއްވި އެވެ. ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ކުރުމުން ހިނގައިދިޔަ ކަންކަމުގެ ތެރެއިން، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުނޫ މަހަވާރު ހާރިޖީ އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި އެވެ.
އެކަމަކު، ދުނިޔޭގެ ހަތަރު ވަނަ ބޮޑު ބާރުގެ ކުރިމަތީގައި އެމަނިކުފާނުގެ ގަދަފަދަކަމާއި މޮޅުކަން ދައްކުވައިދިން ރައީސް މިއަދު އެ ހުންނެވީ އިންޑިއާ ބޮޑުވަޒީރު ނަރެންދު މޯދީ ކުރިމަތީގައި ކުރުނީސް ކުރާ ހާލު، އިންޑިއާގެ މަދަދާއި އެހީއެއް އެދި އާދޭސް ކުރައްވަން ތައްޔާރަށެވެ. އަވައްޓެރި އަދި ރަހުމަތްތެރި އިންޑިއާގެ ކުރިމަތީގައި ދިވެހިން ލަދުގަންނަވައި ލެއްވުމަށްފަހު ރައީސް މުއިއްޒު މިއަދު އެ ތައްޔާރުވަނީ އިންޑިއާ ކުރިމަތީ ކުޑަކަކޫ ޖެއްސެވުމަށެވެ.
އިންޑިއާ އައުޓްގެ ނަމުގައި މިހާރުގެ ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބަވައިގެން ހިންގި ކެމްޕެއިނަކީ ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން މިހާތަނަށް ހިންގި އެންމެ ބޮޑު އޮޅުވައިލުމެވެ. އެ ކެމްޕެއިން ހިންގުމުގެ ފަހަތުގައި އޮތީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމެވެ.
އެ ކެމްޕެއިނުގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނޭ ގިނަ ވަޒީރުން ބައިވެރިވި އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި މުއިއްޒު ރަށްރަށަށް ވަޑައިގެން އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ އިންޑިއާގެ ވާހަކަ އެވެ.
ރައްޔިތުންނަށް މުއިއްޒު ވިސްނައިދެއްވީ ކުރީގެ ސަރުކާރުން މުޅި ގައުމު އިންޑިއާއަށް ވިއްކާލާފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަކައިން ދޭހަވަނީ ދިވެހިންގެ މިނިވަންކަން އެ ހިނދުގައި ނެތް ކަމަށެވެ.
"ދިވެހި ދިދަ ވިއްކައެއް ނުލާނޭ. ދިވެހި ދިދަ ވިއްކައެއް ނުލާނޭ ދިވެހި ކޮންމެ ރައްޔިތަކަށް ބަރުދަނަށް ރަން ދިނަސް،" ގައުމީ ދިދައެއްގައި ހިއްޕަވައިގެން ހުރެ މުއިއްޒު ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ތުހުމަތުތައް
އެކަމަކު މުއިއްޒުގެ އެމަނިކުފާނުގެ "ގަދަފަދަކަން" އިންޑިއާއަށް ހަގީގަތުގައި މުއިއްޒު ދައްކުވައިދިނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށްފަހު އެވެ. މުއިއްޒު ގައުމުން ބޭރަށް ފުރަތަމަ ކުރެއްވި ސްޓޭޓް ވިޒިޓުގައި ޗައިނާއަށް ވަޑައިގެންނެވުމަށްފަހު ޖެނުއަރީ 13، ގައި އެނބުރި މާލެ ވަޑައިގެން އިއުލާނު ކުރެއްވީ އިންޑިއާއާ ފެޔަށްޖެހުމުގެ މަގު ޗާޓެކެވެ.
އެ ދުވަހު، އެއާޕޯޓުގައި އިންޑިއާގެ އެއިރުގެ ސަފީރު މުނޫ މަހާވަރުގެ ވެސް ހާޒިރުގައި މުއިއްޒު އިންޑިއާއަށް ވަރަށް ގިނަ ތުހުމަތުތައް އަމާޒު ކުރި އެވެ. އެގޮތުން ވިދާޅުވި އެއް ވާހަކައަކީ ކުރީގެ ސަރުކާރު އަޅުވެތިކޮށްގެން އިންޑިއާއިން ގެންގުޅުނު ވާހަކަ އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައިވެސް އިށީނދެވެނީ، ވަކި ބައެއްގެ ހުއްދަ ހޯދައިގެންކަން،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
މުއިއްޒުގެ ވާހަކަ ނިންމައިލައްވަމުން ވިދާޅުވީ، ސޯޝަލް މީޑިއާ އާއި ނޫސްތަކުގެ ހެޑްލައިނުން މިހާރު ވެސް ޖާގަ ހޯދަމުން އަންނަ އެމަނިކުފާނު މަޝްހޫރު ކޯޓޭޝަނެވެ.
"ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ،" އިންޑިއާ ސަފީރަށް ވެސް އެނގޭނެހެން އިނގިރޭސި ބަހުން މުއިއްޒު ވިދާޅުވި އެވެ.
ޗައިނާ ދަތުރަށްފަހު މުއިއްޒަށް ހީވެފައި އޮތީ، އެމަނިކުފާނަށް ނެތް ބާރަށް ލިބިފައި އޮތް ކަމަށެވެ. ޗައިނާއިން އެއްވެސް ކަމެއް މުގާބިލުގައި ނޭދި، ރާއްޖެއަށް އެހީތަކެއް އޮއްސައިލާނެ ކަމަށް މުއިއްޒަށް ހީވި ކަހަލަ އެވެ.
ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު އިއުލާނު ކުރެއްވީ އިންޑިއާއާ ގުޅުން ކަނޑާލުމަށް އެމަނިކުފާނު ރާވާފައި އޮތް ގޮތެވެ. ޒަރޫރީ ކޯބާތަކެއްޗާއި ބޭސް ވެސް އިންޑިއާއިން ގެނައުން ހުއްޓާލުން އޭގެ ތެރޭގައި ހިމެނެ އެވެ.
އިންޑިއާއަށް ބޭހަށް ދާން ނުޖެހޭ ގޮތް ހެދުން
"މިސާލަކަށް، މިހާރު އަޅުގަނޑުމެން ގަސްތުކުރަނީ، އަދި ނިންމާފައިވާނީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންގެ އާސަންދައަކީ، ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީ އަށާއި، ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް."
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިންޑިއާއިން ގެނައުން ހުއްޓާލުން
"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް، ހަނޑޫ، ހަކުރު، ފުށް މިހާރު އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކީގައި އެއްބަސްވުމުގައި ސޮއިކޮށްފައި މިހާރު. ހަނޑޫ، ހަކުރު، ފުށާއި، އެކިއެކި ބާވަތްތައް، ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ބޭނުންވާވަރުގެ އިތުރަށް، 10 ޕަސެންޓް ލާފައި މިހާރު ވާނީ އެއްބަސްވުން ހެދިފައި."
އިންޑިއާއިން ބޭސް ގެނައުން ހުއްޓާލުން
"އަޅުގަނޑުމެންގެ ބޭސް، އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެކުރާ ގޮތަށް ބަދަލުކުރާނަން. އެ ކަންތައް މިހާރުވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ދެން މާލަސްތަކެއްނުވެ އެތެރެކުރާނީ، ޔޫރަޕްގެ ބޭސް އުފައްދާ އަޞްލު އެކިތަންތަނުންނާއި، އެމެރިކާގެ ތަންތަނުން. އެހެންވީމާ، ވަކި ގައުމަކުން ގެންނަ، ބޭސް ގެނައުންވެސް އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ."
އިންޑިއާއިން ހަދިޔާކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލުން
"ބަލިމީހުން އުފުލަން އެއާ އެމްބިއުލެންސް، އެކެއް މާރިޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން، ޑޭޝް-8 ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލުކުރުމުގެ މަސައްކަތް އެވަނީ ފެށިފައި. އެއިން އެތައް ފައިދާއެއް އެބަވޭ."
އިންޑިއާއިން ގާއިމްކޮށްފައިވާ ރާޑަރު ސިސްޓަމްތައް ބޭނުން ކުރުން ހުއްޓާލުން
"އަޅުގަނޑު ދެންމެ މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސަރވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ގާއިމުކުރާނަން، މި ބޮޑު ސަރަޙައްދު ބެލެހެއްޓޭ ގޮތަށް."
ދިވެހިރާއްޖޭގެ މިނިވަންކަން ނަގައިލަން އުޅޭ ބަޔަކާ ގާތްވެ، ރަހުމަތްތެރިވުމަކީ ކުރަން ހެޔޮވާނެ ވަރުގެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ކުރީގެ ރައީސަކު އަޅުވެތިކޮށް، ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި، ދިވެހި ބިމަށް ގަދަވެގަންނަން އުޅުނު ބަޔަކާ ގާތްވާނީ ހަމަ ފައްކާ ގައްދާއެކެވެ.
ރައީސް މުއިއްޒަކީ އެފަދަ ބޭފުޅެއް ނޫނެވެ. އެކަމަކު އެމަނިކުފާނަކީ ދޮގުވެރިއެކެވެ. އަމަލާއި ބަހުގެ ތެދުވެރިކަމެއް ނެތް ބޭފުޅެކެވެ. ވެރިކަމުގެ ބޭނުމުގައި ދިވެހި ގައުމާ އެންމެ ގާތް އިންޑިއާއާއެކު އޮތް ގުޅުން ގުރުބާންކޮށްލެއްވި ވެރިއެކެވެ.
އެކަން ހާމަވީ، އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މުއިއްޒު، ރަތް ދޫލައިގެ މަރުހަބާއެއް ވިދާޅުވެ، ތައުރީފުގެ އެތައް ބަހެއް އިއްޔެ އޮއްސާލެއްވުމުންނެވެ.
"އެއް ކަނޑަކުން މިއަދު އަހަރުމެންގެ ގުޅުން މި ގަތާލީ އެއްވެސް ރާޅަކުން މުގުރާ ނުލެވޭ ވަރަށް،" ރޭ މޯދީއަށް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ދޮގުތައް ހާމަވުމުން އެކަމާ އެއްޗެއް ވިދާޅުވި އެއް ބޭފުޅަކީ ކުރީގެ ހާރިޖީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީއަށް މުއިއްޒު ދައުވަތު ދެއްވުމުން އިންޑިއާ އައުޓް ކެމްޕެއިނުގެ ދޮގުކަން ހާމަވެފައިވާ ކަމަށް މި ނޫހާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހު އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރަށް އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސް ޑރ. މުއިއްޒު ދައުވަތު އެ ދެއްވީ އިއްތިފާގަކުން ނޫން. އެ ދެއްވި ދައުވަތުން އެ ވިދާޅުވަނީ ރާއްޖޭގެ ރައްޔިތުންގެ ގާތުގައި ވިދާޅު އެ ވަނީ ތިމަންމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން އެ ދެއްކެވި ވާހަކަތަކާއި އުޅުއްވުނު ގޮތަކީ އެއީ ގޯސް ގޮތްތަކެކޭ، ގޯސް ވާހަކަތަކެކޭ،" ޝާހިދު ވިދާޅުވި އެވެ.
ކޮންމެ ނިޔަތެއްގައި ނަމަވެސް، އިންޑިއާއާ އަލުން ގުޅުން ބަދަހި ކުރާތީ އެކަމާ އުފާ ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން މި ނޫހުގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފާ ކުރަން ހަގީގަތުގައި ވެސް ހެޔޮ ވިސްނިގެން ނަމަވެސް އަދި ނުބައި ނިޔަތެއްގައި ނަމަވެސް އިންޑިއާއާ އޮތް ގުޅުން ރަނގަޅު ކުރާތީ. އަޅުގަނޑުމެން މި އޮތް ތަނަކުން އުފުރާލައިގެން ދުނިޔޭގެ އެހެން ތަނަކަށް ނުގެންދެވޭނެ. ހަމަ އެގޮތަށް އިންޑިއާ އެ ތަނުން އުފުރާލައިގެން އެހެން ތަނަކަށް ނުދެވޭނެ. އެއް ޖިއޮގްރޮފިކަލް ލޮކޭޝަނެއްގައި މި އޮންނަނީ. އަޅުގަނޑުމެން މިއީ ކުޑަ ގައުމެއް. އެއީ [އިންޑިއާއަކީ] މާސިންގާ ގައުމެއް. އެ މީހުންނާ ޖެހިގަނެގެން ނޫޅެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
~ ~ ~
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހިންނަށް ދައްކުވައިދިނީ ހުތުރު ނަމޫނާއެކެވެ. ވެރިކަން ހޯއްދަވަން ހެއްދެވީ ހުސް ދޮގެވެ. ރާއްޖޭގެ މިނިވަންކަން އިންޑިއާއާ ހުރެ ގެއްލެނީ ކަމަށް ވިދާޅުވަމުންދިޔައީ ސިޔާސީ ބޭނުމެއްގަ އެވެ. ސިޔާސީ ބޭނުމެއްގައި ވެސް ކުރަން އެއީ ހާދަހާ ބިރުވެރިކަމެކެވެ.
އެކަމަކު ހަގީގަތަކީ އެއީ އެވެ. ސިޔާސީ ބޭނުމަކަށް ދިވެހިންގެ ޖަޒުބާތުތައް ހޫނުކޮށްލީ އެވެ. ގައުމަށްވެދާނެ ގެއްލުމަކަށް ބެލުމެއް ނެތި ގައުމުގެ މިނިވަންކަމާމެދު ސުވާލު އުފެއްދެވީ އެވެ. އެކަމަކު، އެންމެނަށް ވެސް ހަގީގަތް ހާމަވެއްޖެ އެވެ.
ގަދަފަދަކަން ދެއްކެވުމަށްފަހު އިންޑިއާ ކުރިމަތީ ދިވެހިން ލަދުގަންނުވާލި ރައީސްގެ ވާހަކަ ގަދަފަދަކަން ދެއްކެވުމަށްފަހު އިންޑިއާ ކުރިމަތީ ދިވެހިން ލަދުގަންނުވާލި ރައީސްގެ ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ