ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން ދިނުމަށް މިއަދު ފާސްކޮށްފި އެވެ.
ވީކިހިނެއް؟ - އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ 21 ޖުލައިގައި އެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސަށް ލަފާދިނީ ގަނީގެ ނަން މަޖިލީހަށް ހުށަހެޅުމަށެވެ. ކޮމިޝަނުގެ ލަފައާ އެއްގޮތަށް ގަނީގެ ނަން މަޖިލީހަށް ފޮނުއްވުމުން ދިރާސާކުރަން ކޮމިޓީއަށް މިއަދު ފޮނުވި އެވެ.
ތަފްސީލް - ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ ގަނީއަށް ރުހުން ދެއްވުމަށެވެ. ގަނީއަށް ރުހުން ދިނުމާ މެދު އަދި މަޖިލީހުގެ ތަޅުމުގައި ވޯޓެއް ނަގަން ޖެހެ އެވެ.
ގަނީގެ ތައާރަފެއް - ގަނީއަކީ 2000 އިން 2004އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އަދި 2004 އިން 2018އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ.
ގަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރީ 2018ގަ އެވެ. ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ބަދަލުވި ފަހުން ވަކިކުރީ 2019ގަ އެވެ. އެ ގޮތުން:
ގަނީ ސުޕްރީމް ކޯޓަށް އައްޔަންކުރީ މަޝްހޫރު 1 ފެބްރުއަރީގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން ހުސްވި މަގާމަކަށް
އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، ކުރީގެ ސުޕްރީމް ކޯޓުން ހިންގި ގޯސްތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓަކާ އެކު މުޅި ބެންޗު ބަދަލުކުރި އިރު ގަނީ ވެސް ވަކިކުރި
ގުޅުން ހުރި - މުއުތަސިމް ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ހަމީދުގެ އިތުރުން ދެން އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ:
އާއިޝާ ޝުޖޫން މުހައްމަދު
އަލީ ރަޝީދު ހުސައިން
ޑރ. މުހައްމަދު އިބްރާހިމް
ހުސައިން ރަޝީދު
މުހައްމަދު ސަލީމް
އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:
ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން؛ މަޖިލީހަށް ފޮނުވަންވީ ނަންތަކެއް ޖޭއެސްސީން ލަފައެއްގެ ގޮތުގައި ފޮނުވޭނެ
ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ
އުއްތަމަ ފަނޑިޔާރަށް ގަނީ އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ