ސިނާންގެ ފަރާތުން ބުނީ ދަރަނި ދެއްކުން ލަސްވީ ހުކުމްކުރިކަން ނޭނގޭތީ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއްގެ ހުުކުމް 16 އޮކްޓޯބަރުގައި އިއްވި ނަމަވެސް ހަތަރު މަސް ފަހުން ފައިސާ ދެއްކުނީ ގައިރު ހާޒިރުގައި ކުރި އެ ހުކުމް އޮތްކަން ނޭނގޭތީ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެއީ ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމެކެވެ. އެގޮތުން:
ކޯޓުން ހުކުމްކޮށްފައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކަށް ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށް
ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ 13 ފެބްރުއަރީގައި؛ ސިނާން ވަނީ ހަމަ އެ ދުވަހު ދަރަނި އެއްކޮށް ދައްކައި ހަލާސްކޮށްފައި
ތަފްސީލް - މިއަދު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ސިނާންގެ ވަކީލު މޫސާ އަލީ ވިދާޅުވި ގޮތުގައި، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ސިނާން މައްސަލައަށް އައްޔަންކުރި ވަކީލު ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށް ގައިރު ހާޒިރުގަ އެވެ.
އޭރުގައި ހުކުމް ކުރި ކަމެއް ވެސް މެންބަރު ސިނާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ސިނާންގެ ވަކީލު ވިދާޅުވި އެވެ. ސިނާނަށް ހުކުމުގެ މައުލޫމާތު ލިބިވަޑައިގަތީ، އޭގެ ފަހުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރުމުން ކަމަށް ވިދާޅުވި އެވެ.
ތަންފީޒުކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅި ތާރީހަކީ 16 ޑިސެމްބަރު 2024 އެވެ. ފައިސާ ދެއްކީ އޭގެ ވެސް ދެ މަސް ފަހުންނެވެ. އެ މަހުގައި ފައިސާ ނުދައްކާ އޮތުމުން ވެސް މައްސަލަ ހުށަހެޅި ފަރާތުން ސުވާލުތަކެއް އަމާޒުކުރި އެވެ.
ސިނާންގެ ވަކީލު ވިދާޅުވީ ސިނާނަށް ހުކުމް އޮތް ކަން އެނގިވަޑައިގަތީ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅި ރަޖިސްޓްރީކުރެވުމުން ކަމަށާއި ވަކި އެ މައްސަލަ ހުށަހެޅި ދުވަހު ނޫން ކަމަށެވެ. އަދި ތާރީހެއް ނުދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ، ދެ މައުލޫމާތެއް އަންނަ ބުރާސްފަތި ދުވަހުގެ ކުރިއަށް ކޯޓަށް ހުށަހަޅަން ފަނޑިޔާރުންގެ ބެންޗުން ސިނާންގެ ވަކީލަށް އެންގެވުމަށް ފަހުގަ އެވެ. އެއީ:
ދަރަނި ދެއްކުމުގެ ހުކުމުގެ މައުލޫމާތު ސިނާނަށް އެނގިވަޑައިގަތް ސީދާ ދުވަހުގެ ތާރީހު
ދަރަނީގެ ފައިސާ ދެއްކި ގޮތް އެނގޭނެ ލިޔެކިޔުންތަކާއި ބޭންކް ސްޓޭޓްމަންޓްތައް
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދެ ފަރާތަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި މައިގަނޑު ބަހުސެއް އޮތީ ސިނާން ދަރަނި ދެއްކީ ކޯޓުން ކުރި ހުކުމާ އެއްގޮތަށްތޯ ނޫންތޯ އެ ކަމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގައި އޮންނަނީ:
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް
ސިނާންގެ ވަކީލު ވިދާޅުވީ ދަރަނި ދައްކަން ކޯޓުން ދިން މުއްދަތަކީ ހަ މަސްދުވަހަށް ކަމަށް ވެފައި އެ މުއްދަތު ހަމަނުވަނީސް ދަރަނި ދައްކާފައިވާ ކަމަށެވެ. ހަ މަސްދުވަހުގެ މުއްދަތު ހަމަވަނީ 15 އޭޕްރީލަށެވެ. އޭގެ ދެ މަސް ކުރިން ދަރަނި ވަނީ ދައްކައިފަ އެވެ.
ސިނާންގެ ވަކީލު އިތުރަށް ފާހަގަކުރެއްވި ކަންކަމަކީ:
ގައިރު ހާޒިރުގައި ކުރި ހުކުމަކަށްވާތީ ދަރަނި ދައްކަން މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކީ ނިހާއީ ބާރު ނެތް ހުކުމެއް
މިހާތަނަށް ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ހުރިހާ މައްސަލައަކީ ވެސް ކުރިމަތީގައި ހުރެ ހުކުމްކޮށް މުއްދަތު ހަމަވެގެން ވެސް ފައިސާ ދައްކާފައިވާ މައްސަލަތަކުުގައި
މި މައްސަލަ ތަފާތު؛ މި މައްސަލާގައި މެންބަރަށް ހުކުމް އޮތްކަން އެނގިވަޑައިގަތުމާ އެކު ވަނީ ހުކުމުގައިވާ ގޮތަށް ދަރަނި ދައްކާފައި
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ގާލިބު ސަލީމްގެ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ހުކުމުގައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ޖުމުލަ އަދަދުން ކޮންމެ މަހަކަށް އެ މަހަކު ޖެހޭ އަދަދަށް ވުރެ މަދު ނުވާނެ ވަރެއް ދެއްކުމަށެވެ.
އެހެންކަމުން ހުކުމާ އެއްގޮތަށް ދަރަނި ދެއްކި ކަމަށް ވާނީ ކޮންމެ މަހެއް ވެސް ނިމިގެން އެ މަހު ދައްކަން ޖެހޭ އެންމެ ދަށް އަދަދު ދައްކަން ދިއުމުން ކަމަށް އަލީ ވިދާޅުވި އެވެ.
"ހުކުމް ތަންފީޒުކުރަން މައްސަލަ ދިޔައީ ހުކުމާ އެއް ގޮތަށް ދަރަނި ނުދައްކާތީ. ފުރަތަމަ މަސް ނިމުމުން އެ މަހުގެ ޕޭމަންޓް އަންނަން ޖެހޭ. ދެވަނަ މަސް ނިމުމުން އެ މަހުގެ ޕޭމަންޓް އަންނަން ޖެހޭ،" އަލީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ