ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
އެކަމަކު އެ ގަރާރު ހުށަހެޅުމުން އަދި އިދިކޮޅުން އެމްޑީޕީގެ މެމްބަރަކު އެ ގަރާރު ހުށަހެޅުއްވުމަކީ ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެމްބަރުންނަށް ގަބޫލުކުރަން ދަތިވި ކަމެކެވެ.
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުންނެވީ އެކަމާ އަޖައިބުވެ، އަންތަރީސްވެފަ އެވެ. އަދި އެ މައްސަލައިގައި ވާހަކަދެއްކުމަށް ހުޅުވާލި ފުރުސަތުގައި އެއީ ކީއްވެކަން، ގަރާރެއްގެ ސިފައިގައި ވިދާޅުވި އެވެ.
"ކުއްލިއަކަށް މިއަދު ހެނދުނު ބޮޑުކަންނެލީގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކުއްލި މައްސަލައެއް ހުށަހެޅުނު ހިނދު،" އިބްރާހިމް ދީދީގެ ވާހަކަ ފަށަމުން ވިދާޅުވި އެވެ.
"މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ބޮޑުކަންނެއްޔާ ކުޑަ ކަންނެއްޔާ ކަޅުބިލަމަސް ކޯޓުތަކަށް ގޮސް އަޅާލި ހިނދު، އަދި އައްޑޫ ސިޓީގެ އެކި ރަށްރަށުގެ ފަޅު ތެރެއަށް އެ މަސްތައް އަޅާލި ހިނދު، އަދި މަސްވެރިންނަށް ބޭނުންވާ ފައިސާ ޑޮލަރުން ދިން ހިނދު، އެ ނުލިބުނު ހިނދު،" އޭނާ ވިދާޅުވި އެވެ.
"މި ގަރާރުތައް މިހެން އަންނަ ހިނދު، އެމްޑީޕީއިން މިދިޔަ ސަރުކާރުގަ އާއި އޭގެ ކުރީ ސަރުކާރުގައި، ވިދިވިދިގެން ދެ ދައުރުގައި މިތަނުގައި އަތްޖަހާލަން ތިބި ހިނދު، މަސްވެރިންނާއި ބޮޑުކަންނެލި މަސްވެރިން މި ވާހަކަ ދައްކާ ހިނދު، މިކަމަށް ހައްލެއް ނައިސް މިހާތަނަށް އައި ހިނދު، މިއަދު މި ކުއްލި މައްސަލަ މިތަނަށް ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ހިނދު، އަޖައިބެއް ކަހަލަ ކަމެއް، މި ބޭފުޅުންނަށް މިކަން ނޭނގި ތިބި ހިނދު."
ޒިޔާދުގެ ކުއްލި މައްސަލައިގައި އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ކިރޭ ގޮތް ނުވުމާއި ގިނަ އަދަދެއްގެ ބޮޑު ކަންނެލި ނުކިރި ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވަމުންދާތީ އެވެ. އެހެންވެ، އޭނާ ކުއްލި މައްސަލަ ހުށަހެޅުއްވީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
އޭނާ ވިދާޅުވީ:
މިހާރު ވެސް 120 ޓަނަށް ވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި އެކި ދޯނިތަކުގައި އެބަހުރި
އެ ކަންނެލި ނުކިރި އެގޮތަށް ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވުމުގެ ބިރު އެބަ އޮތް އަދި ކިއުގައި އެތައް ދުވަހެއް ވަންދެން މަޑުކުރަން ވަނީ ޖެހިފައި
އެހެންވެ އެ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން
ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް އަދިވެސް ނުފުއްދޭތީ އެކަމާ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތަށް ހެދުމާއި ބޮޑުކަންނެލީގެ އަގު 80ރ. އާއި 100ރ.އާ ދެމެދުގައި ބެހެއްޓުމަކީ ރައީސްގެ ވައުދެއް
ނަމަވެސް މިއަދާ ހަމައަށް ވެސް އެ ވައުދު ފުއްދާފައެއް ނުވޭ
އިބްރާހިމް ދީދީ ވިދާޅުވީ މި ސަރުކާރު އައިސްގެން ގަވާއިދުން، 24 ގަޑިއިރު ނުވަނީސް މަސްވެރިންނަށް ފައިސާ ދީ، ދީ ތިބި ހިނދު، މިކަހަލަ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާތީ އޭނާ ހައިރާންވާ ކަމަށެވެ.
އޭގެ ބަދަލުގައި އޭނާ އިޝާރާތްކުރެއްވީ މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލައަށެވެ.
"ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ހަނދާން ކޮށްދެން، ރާއްޖޭގެ ފަޅުތަކަށް ވެސް މަސް ވަންނަ ހިނދު، މަސް ވަދެގެން މަސް ގިނަވާ ހިނދު، މި މަސް ކިރޭނެ ގޮތެއް އަދި ބޯޓުތަކުގެ ފަހަތުގައި ކިޔޫ ދިގުވެގެން ގޮސް ކަނޑުއޮޅިތަކާ ހަމައަށް ދޯނި ގިނަވެ މި ހުރިހާ ކަމެއް ވީ ހިނދު އިތުރު ބޯޓުފަހަރެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ދީީދީ ވިދާޅުވީ މަސް ގަންނަ ކާރުހާނާތަކުގެ ކެޕޭސިޓީ ކުޑަވުމުގެ މައްސަލަ އެމްޑީޕީގެ ދެ ދައުރުގައި ހައްލުނުކޮށް އޮއްވާ މެމްބަރު ޒިޔާދުގެ ހިޔާލަށް މި ކުއްލި މައްސަލަ ހުށަހަޅަން މެމްބަރުގެ ޒިޔާދުގެ ހިޔާލަށް އައިތީ އެކަމާ އޭނާ ހުންނެވީ އަޖައިބުވެވަޑައިގެންފައި ކަމަށެވެ.
"މި ސަރުކާރުން ބޮޑުކަންނެއްޔާއި ކުޑަކަންނެއްޔާއި ކަޅުބިލަމަހަށް ހައްގު އުޖޫރަ 24 ގަޑިއިރު ނުވަނީސް ދެނީ މި ބޭފުޅުން މި ފައިސާ ނުދީ ހިފަހައްޓައިގެން ތިބި ހިނދު، މި ސަރުކާރު އައިސް،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އޭނާ ވާހަކަ ނިންމާލުމުގެ ކުރިން ވިދާޅުވީ ބޮޑުކަންނެއްޔާ ކުޑަކަންނެލި އަދި ކަޅުބިލަމަސް ކިރުވުމާއި އެއަށް އެންމެ ރަނގަޅު އަގު ދިނުމުގައި ވެސް އެންމެ ކުރީގައި އޮތީ މި ސަރުކާރު ކަމަށެވެ. އަދި އެ ގަރާރު އޮތީ ހަގީގަތާ ހިލާފަށް ވިޔަސް، އެއީ ޕީއެންސީ ސަރުކާރުން މަސްވެރިންނަށް ކޮށްދޭ ރަނގަޅު ކަންކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭ ގަރާރަތަކަށް ވާތީ އޭނާ ވަނީ ޝުކުރު ދަންނަވާފަ އެވެ.
"މި ސަރުކާރަށް ފުރުސަތު ދެއްވާށޭ ހުރިހާ މަސްވެރިން ވެސް. މި ބޭފުޅުންގެ ދަލުގައި ނުޖެހި ތިއްބަވާށޭ އަޅުގަނޑުމެންނާ އެއްކޮށް. އިރާދަކުރެއްވިއްޔާ މި ސަރުކާރުން މަސްވެރިންނަށް ހައްގު އުޖޫރަ ދީ، މަސްވެރިންގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.
ޒިޔާދު ހުށަހެޅި ގަރާރާ މެދު އިބްރާހިމް ދީދީ އަޖައިބުވި ހިނދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ