މިދިޔަ ހޯމަ ދުވަހު ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްއިން ނިންމި ނިންމުމާ ގުޅިގެން ފަޅައިގެންދިޔަ އާންމުންގެ ނުރުހުމުގެ ހުޅުގަނޑުގައި ބީއެމްއެލް އަނދަމުން ދާތާ 48 ގަޑިއިރުވީ އެވެ.
އެ ހުޅުގަނޑުގެ ގިނި މަޑުކޮށް ކަސްޓަމަރުން ފިނި ކުރެވޭތޯ ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް ޓީމުން ލައްކަ މަސައްކަތް ކޮށްފި އެވެ. ނަމަވެސް އާންމުންގެ ރުޅިގަނޑު ހަންމަތަ ކުރެވޭ ގޮތެއް އަދި ނުވެ އެވެ.
"ކަސްޓަމަރުން ނެތީއްޔާ ބޭންކެއްގެ ބޭނުމެއް ނެތް, ބީއެމްއެލް ނޫން ގޮތެއް ކަސްޓަމަރުން ހިޔާރުކުރުން މުހިންމު ކަމަން ފެނޭ، މިހާރު ބީއެމްއެލް ނޫން އެހެން އޮޕްޝަން ރާއްޖޭގެ ބޭންކިން ދާއިރާގައި އެބަހުރި، އެއް ބޭންކަކަށް ޑިޕެންޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ބީއެމްއެލްގެ ޕޯސްޓަކަށް އާންމުންގެ މީހަކު ކޮށްފައި އޮތް ކޮމެންޓެއްގައި ބުނެފައިވެ އެވެ.
މިއީ އޭނާގެ އެކަނި ހިޔާލެއް ނޫނެވެ. ފާއިތުވެގެން މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ބީއެމްއެލްގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ހިޔާލުފާޅުކުރާ ހުރިހާ އެންމެންގެ ވެސް ވާހަކަތައް ހުރީ މިފަދަ ރާގަކަށެވެ. "ބީއެމްއެލް ނޫން ގޮތެއް" ހޯދާށެވެ.
ހޯމަ ދުވަހު ބީއެމްއެލް އިން މައިގަނޑު ތިން ނިންމުމެއް ނިންމި އެވެ. އެއީ ޓީމޫ އާއި ޝީއިން ފަދަ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން 30 ޕަސެންޓުގެ ފީއެއް ބޭންކަށް ނަގަން ބޭންކް އޮފް މޯލްޑިވްސްއިން ނިންމުމާއި އެ ބޭންކުގެ ޑެބިޓް ކާޑު ބޭނުން ކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަ ކުރުމުގެ އިތުރުން ޑެބިޓު ކާޑުތަކުގެ ލިމިޓު 250 ޑޮލަރުން 500 އަށް މަތިކުރުމެވެ.
ބީއެމްއެލްގެ އެ ތިން ނިންމުމަކީ ރަނގަޅު ނިންމުންތަކެއް ގޮތުގައި ރައްޔިތުންނަށް ވިސްނައިދޭން ސަރުކާރަށް ތާއީދުކުރާ ސޯޝަލްމީޑިއާ އެކައުންޓުތަކާއި ބީއެމްއެލްގެ ޕީއާރު ޓީމުގެ އިތުރުން ބައެއް މީޑިއާތައް މެދުވެރިކޮށް އެ ބޭންކުން މަސައްކަތް ކުރި އެވެ.
އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގައި ބީއެމްއެލްއަށް ކުރިމަތިލާން ޖެހިފައި ވަނީ ނާކާމިިޔާބީއާ އެވެ.
ބީއެމްއެލްގެ ނިންމުންތަކާމެދު އެންމެ ގިނަ ބަޔަކު ހިތްހަމަނުޖެހުނު އެއް ސަބަބަކީ ޑެބިޓު ކާޑުތައް މެދުވެރިކޮށް ބޭރުގެ ބައެއް ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމިއިރު، އެ ބޭންކުން ދޫކޮށްފައި ހުންނަ ކްރެޑިޓް ކާޑުތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެ ބޭންކުން ބުނުމެވެ.
ކްރެޑިޓް ކާޑުތައް މެދުވެރިކޮށް ކުރާ އެއްވެސް ވިޔަފާރިއަކުން ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނުމުން ސޯޝަލްމީޑިއާގައި އެންމެ ގަދައަށް ދެކެވެން ފެށީ ތަފާތު ކުރުމުގެ ވާހަކަ އެވެ.
"ޑެބިޓު ކާޑު ގެންގުޅޭ ނިކަމެތި މީހާއަށް 30 ޕަސެންޓް ނަގާފައި ކްރެޑިޓް ކާޑު ގެންގުޅޭ މުއްސަނދި މީހާއަށް ފްރީ، ކޮބާ ނޫނޭވާ މިއޮތީ ބޭންކެއް، އެންމެން އެކައުންޓު ޗޭންޖު ކުރޭ އިސްލާމިކް ބޭންކަށް،" ފޭސްބުކްގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުންޏެވެ.
އެކަމާ ގުޅިގެން ހިޔާލުފާޅުކުރި ބައެއް އެހެން މީހުން ބުނެފައި ވަނީ ކްރެޑިޓް ކާޑުން އެއްވެސް ފީއެއް ނުނަގާ ވިޔަފާރި ކުރެވޭ ގޮތަށް ބާއްވާފައި ޑެބިޓު ކާޑުން ކުރާ ވިޔަފާރިތަކުން ފީ ނަގަން ބީއެމްއެލް އިން ނިންމީ ބޭންކަށް ބޮޑަށް ފައިދާ ހޯދައިދޭ ކަސްޓަމަރުންނަށް ލުއި ގޮތް ހޯދައިދިނުމަށް ކަމަށެވެ.
"ތި ކާޑުތައް ގެންގުޅޭނީ ފޯރާ ތަނަވަން މީހުން، އަހަރުމެން ކަހަލަ ނިކަމެތިން އާދައިގެ މީހުން ގެންގުޅޭނީ ޑެބިޓު ކާޑު، އެހެންވީމާ ހަމަލާ އެ ދިނީ ހަމައެކަނި އާދައިގެ ކަސްޓަމަރުންނަށް،" އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކަކީ ވަކި ވަރަކަށް މުސާރަ ލިބޭ މީހުންނަށް ދަރަންޏަށް ފައިސާ ކެނޑޭ ގޮތަށް އެ ބޭންކުން ދޫކުރާ ކާޑުތަކެކެވެ. މި ކާޑުތައް ބޭނުން ކޮށްގެން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ދައްކަންޖެހޭ ވަކި މުއްދަތެއް އޮވެ އެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އިންޓްރެސްޓް އަރަ އެވެ.
މި ތަފާތު ކުރުމާ ދެކޮޅަށް ސޯޝަލްމީޑިއާގައި އަޑުއުފުލި އެހެން ބައެއް މީހުން ބުނެފައި ވަނީ ކްރެޑިޓް ކާޑުން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓު ނުނަގަން ބީއެމްއެލް އިން ނިންމީ ދަރަނި މަޅީގައި ގިނަ ބަޔަކު ޖެއްސުމުގެ ނިޔަތުގައި ކަމަށެވެ.
ބީއެމްއެލްގެ ނިންމުންތަކާ ގުޅިގެން އާންމުންގެ ފާޑިޔުމާއި ނުރުހުން އިންތިހާއަށް އެ ބޭންކަށް އަމާޒު ވާން ފެށުމުން އެ ނިންމުންތައް ނިންމަން ޖެހުނު ސަބަބު ބަޔާން ކޮށްދިނުމަށް ހޯމަ ދުވަހުގެ ހަވީރު ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުން ރާއްޖެއިން ބޭރުން ކުރާ ވިޔަފާރިތަކަށް ބޭންކުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތަކާއެކު އާންމުކުރި އެ ޕޯސްޓުގައި ބީއެމްއެލް އިން ބުނީ ޓީމޫ އާއި ޝީއިން ފަދަ ވެބްސައިޓުތަކުން ކުރާ ވިޔަފާރިތަކަށް ފީއެއް ނެގުމާއި ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަ ކުރީ ގިނަ މީހުންގެ ބޭނުންތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.
ބީއެމްއެލްގެ އެ ޕޯސްޓާއެކު ކަސްޓަމަރުންގެ ތެރޭގައި އަނދަމުންދިޔަ ނުރުހުމުގެ އަލިފާނުގެ ހުޅު އިތުރަށް ވަރުގަދަވެ ނަފުރަތުގެ ކުލަވަރު އޭގައި ޖެހުނެވެ.
ބީއެމްއެލްގެ އެ ޕޯސްޓާ ގުޅިގެން ސޯޝަލްމީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނީ ބީއެމްއެލްގެ ނިންމުން ނިންމީ ގިނަ މީހުންގެ ބޭނުންތަކަށް އިސްކަން ދޭން ކަމަށް ބުނި ނަމަވެސް، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
"މިކަހަލަ ދެއުޅިއެއްނުވާ ވާހަކަ ތިޔަ ދައްކަނީ ރާއްޖޭގެ ބެންކުގައި ވެސް މިހާރު އޮތީ ހުސްތޮށިގަނޑު ރައްޔިތުންނަށް އޮޅުވާނުލާ،" އިބްރާހިމް މުހައްމަދުގެ ނަމުގައި ފޭސްބުކްގައި ހިންގާ އެކައުންޓަކުން ކޮމެންޓު ކޮށްފައިވެ އެވެ.
ބީއެމްއެލްގެ އެ ވާހަކަތަކާ ދެކޮޅަށް ޝުއޫރު ފާޅުކުރި އެހެން މީހުން ބުނެފައި ވަނީ ދިވެހީން އާންމުކޮށް ވިޔަފާރި ކުރާ ވެބްސައިޓުތަކުން ފީއެއް ނަގަން ނިންމީ ވިޔަފާރިވެރިންނަށް ގެއްލުން ވާތީ، އެ ފަރާތްތަކުން ކުރާ ޕްރެޝަރުގެ ސަބަބުން ކަމަށެވެ.
"އެއީ ކޮން ބައެއް، ކޮން ބޭނުންތަކެއް، ގިނަ މީހުން ބޭނުންވަނީ މިހާ އިގުތިސާދު ދަށް ޒަމާނުގައި މި ރާއްޖޭގެ ވިޔަފާރިތަކަށްވުރެ ހެޔޮ އަގުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ބޭރުން ގެންނަން، ދެން ފަޅޮލޭ ނުކިޔަސް ދިވެހިން ކަންކަން ނޭނގޭހާ ގަމާރެއް ނޫން، ތިކުރާ ކަންކަން އެބަ އެނގޭ، އެނގޭކަން ރައްޔިތުން ދައްކާނެ ވަރަށް އަވަހަށް،" ހަސަންގެ ނަމުގައި ފޭސްބުކްގައި ހިންގާ އެކައުންޓަކުން ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.
މީހުންގެ ޝުއޫރު މިގޮތަށް ހުއްޓައި ދެން ވެސް ބީއެމްއެލުން ކުރީ އާންމުން އިންތިހާއަށް ރުޅި އަންނަ ބާވަތުގެ ކަމެކެވެ.
ޓީމޫ އާއި ޝީއިން ފަދަ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 ޕަސެންޓުގެ ފީއެއް ނެގުމާއި ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަ ކުރަން ނިންމުމަށްފަހު އެކަމުގެ ސަބަބު ބަޔާން ކޮށްދިނުމަށް ބީއެމްއެލް އިން ވާހަކަތަކެއް ދެއްކި އެވެ.
އޭގެތެރެއިން އެންމެ ފާހަގަކުރެވުނު އެއް ނުކުތާއަކީ އެހެން މީހުންގެ ކާޑުތައް ހިފައިގެން ރާއްޖެއިން ބޭރަށް މީހުން ގޮސް "ވިޔަފާރިވެރިންގެ ބޭނުމަށް" ބޮޑެތި އަދަދުތަކުން ޑޮލަރު ނަގާ ވާހަކަ އެވެ. ބައެއް މީހުން 50 އަށްވުރެ ގިނަ ކާޑު ހިފައިގެން ގޮސް ވެސް ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ޑޮލަރު ނަގާ ކަމަށް ބީއެމްއެލް ޕްރޮމޯޓު ކުރާ ނޫސްތަކުން ރިޕޯޓު ކުރި އެވެ.
ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ޑެބިޓު ކާޑު ބޭނުން ކޮށްގެން ޑޮލަރު ނެގޭ ލިމިޓު 125 ޑޮލަރަށް ކުޑަކުރަން ނިންމި ސަބަބަކީ އެއީ ކަމަށެވެ.
"ކަސްޓަމަރުންގެ އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ޑެބިޓު ކާޑުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވައި އެހެން ފަރާތްތަކަށް ކާޑު ހަވާލު ކޮށްގެން ފައިސާ ނަގަމުންދާކަން ފާހަގަވެފައި ވާތީ އޭޓީއެމްތަކުން ފައިސާ ނަގަން ބޭނުން ކުރެވޭނީ މަހަކަށް 125 ޑޮލަރު ކަމަށް ވަނީ ނިންމައިފައި، މިފަދަ އޭޓީއެމް މުއާމަލާތްތަކަށް 10 ޑޮލަރުގެ ޗާޖެއް ނެގޭނެ،" ޖޫން 30، ގެ ހެނދުނު ކުރި ޕޯސްޓެއްގައި ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލްގެ ނިންމުން ބަދަލު ކުރުމަށްފަހު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓު
ނަމަވެސް ބީއެމްއެލްގެ އެ ބަހަނާ އާންމުން ގަބޫލެއް ނުކުރި އެވެ. އެ ބޭންކުގެ ނިންމުމާ ދެކޮޅަށް އާންމުން ފާޅުކުރަމުންދިޔަ ނުރުހުމުގެ ޝުއޫރުތައް އިތުރަށްވީ ވަރުގަދަ އެވެ.
ނަތީޖާއެއްގެ ގޮތުން ބީއެމްއެލްއަށް އިއްޔެ ޖެހުނީ ދިފާއީ އައްޑަނަ ތިރިކޮށްލުމަށްފަހު ކޮންމެވެސް އެއް ކަމެއްގައި ގޮތް ދޫކުރާށެވެ. އެ ބޭންކުން ނިންމީ ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު 125 އިން 750 ޑޮލަރަށް މަތި ކުރުމަށެވެ.
"ވިޔަފާރިވެރިންގެ ބޭނުމަށް" އެހެން މީހުންގެ ކާޑުތައް ހިފައިގެން ގޮސް ނަގާ ކަމަށް ބުނި ޑޮލަރުތަކުގެ ލިމިޓު ބީއެމްއެލް އިން ބޮޑުކޮށްދިނުމުން އާންމުންގެ ރުޅީގައި އިތުރު ބުންވަރެއް ޖެހުނެވެ. މިފަހަރު ހިޔާލުފާޅުކުރި މީހުން ބުނެފައި ވަނީ ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރު ލިމިޓު ބޮޑުކުރީ ބޭރުގައި ދިރިއުޅޭ މަހުޖަނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ކަމަށެވެ.
"މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މުއްސަނދިންނާއި އެ މީހުންގެ ދަރިން ހިތްހަމަނުޖެހުނީމަ އެމީހުން ހިތްހަމަ ޖައްސަައިދޭން ކުރި ކަމެއް؟" ބީއެމްއެލްގެ ޕޯސްޓަށް ކޮމެންޓު ކުރި މީހަކު ބުނެފައިވެ އެވެ.
ބީއެމްއެލްގެ އެ ނިންމުމާ ދެކޮޅަށް ހިޔާލުފާޅުކުރި އިތުރު މީހަކު ބުނެފައި ވަނީ ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ބޮޑުކުރަން ބީއެމްއެލް އިން ނިންމީ މުއްސަނދިން އިތުރަށް މުއްސަނދި ކޮށްދީ ރާއްޖޭގެ އިގުތިސާދަށް ސީދާ ހިދުމަތް ކުރާ ނިކަމެތިން ލޫޓުވަން ކަމަށެވެ.
"ކިޔައިދެއްވަފާނަންތޯ ކިޔެވުމާއި ސިއްހީ ބޭނުންތައް ފިޔަވައި، ހަމައެކަނި ދިރިއުޅުމުގެ ބޭނުމަށް ރާއްޖެއިން ބޭރުގައި އުޅޭ މީހުންނަށް ފީއަކާ ނުލައި ކޮންމެ މަހަކު 750 ޑޮލަރު އަދި ބައެއް ހާލަތްތަކުގައި 6000 ޑޮލަރާ ހަމައަށް ލިބިފައި، ރާއްޖޭގެ އިގުތިސާދަށް ސީދާގޮތުން ހިދުމަތް ކުރާ [ދިވެހިރާއްޖޭގައި ދިރިއުޅޭ] މީހުން އޮންލައިންކޮށް ވިޔަފާރިއެއް ކުރަން 30 ޕަސެންޓުގެ ފީއެއް ދައްކަން މަޖުބޫރުވާ ސަބަބެއް؟" އިބްރާހިމް ޝިޔާޒްގެ ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނެފައިވެ އެވެ.
"ކޮން ކަހަލަ ހަމައެއްތޯ މިއީ، ގައުމު ދޫކޮށްދިޔަ މީހުންނަށް މޮޅު ގޮތް ހަދައިދީފާ މި ގައުމު އާރާސްތުކުރާ މީހުން ގަނަތަޅުވަނީ؟"
ދިވެހީން އާންމުކޮށް ވިޔަފާރިކޮށް އުޅޭ ވެބްސައިޓުތަކުން ފީއެއް ނަގަން ނިންމުމުގެ އިތުރުން އެ ނިންމުން ދިފާއު ކުރުމަށް ބީއެމްއެލް އިން ކުރި ކަންތައްތަކުން އެ ބޭންކުގެ ކަސްޓަމަރުން ނުރުހިފައި ތިބިވަރު އެ ބޭންކުން މިދިޔަ ދެ ދުވަހަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓުުތަކުން ވެސް ފެނުނެވެ.
ސިންގަޕޫރުގައި އޮންނަ ފޯމިއުލާ 1 ގެ ސިންގަޕޯ ގްރޭންޑް ޕްރިކްސް ބަލައިލަން ދިޔުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން އިއްޔެ ހުޅުވައިލުމުން ވެސް އާންމުން ޖެހީ ޖޯކެވެ.
ޖުމުލަ 442 މީހުން ރިއެކްޓު ކޮށްފައިވާ އެ ޕޯސްޓަށް ލައިކް އަދި ހާޓް ރިއެކްޓް ކޮށްފައި ވަނީ އެންމެ 69 މީހުންނެވެ. 96 މީހުން އެންގްރީ ރިއެކްޓް ކޮށްފައިވާއިރު، 275 މީހުން ރިއެކްޓު ކޮށްފައި ވަނީ ހައްހާ ރިއެކްޓެވެ. މިއީ މީގެ ކުރިން ފެންނަ މަންޒަރެއް ނޫނެވެ.
ބީއެމްއެލްގެ ބައެއް ހިދުމަތްތަކާއި ނިންމުންތަކާ ގުޅިގެން ދޭތެރެދޭތެރެއިން މީހުންގެ ހިތްހަމަނުޖެހުން ތިލަވެ އެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އާންމުންގެ ފާޑުކިޔުމާއި ނުރުހުން މި ވަރަށް އެ ބޭންކަށް އަމާޒުވި މިއީ ފުރަތަމަ ފަހަރެވެ.
މަންޒަރު ބަދަލުވެއްޖެ؛ އާންމުންގެ ނުރުހުމުގެ ހުޅުގަނޑު މިފަހަރު ބީއެމްއެލްއަށް ނިވައެއް ނުލެވުނު! މަންޒަރު ބަދަލުވެއްޖެ؛ އާންމުންގެ ނުރުހުމުގެ ހުޅުގަނޑު މިފަހަރު ބީއެމްއެލްއަށް ނިވައެއް ނުލެވުނު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ