އެޗްޑީސީ އަކީ ވަރުގަދަ ޓީމު، ސިފައިންގެ އޮތީ ފައިނަލްގެ ވިސްނުން އެޗްޑީސީ އަކީ ވަރުގަދަ ޓީމު، ސިފައިންގެ އޮތީ ފައިނަލްގެ ވިސްނުން

ކްލަބް އެޗްޑީސީ އަކީ މި ވަގުތަށް ބަލާއިރު ވެސް އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅޭއިރު، ދިވެހި ސިފައިންގެ ކްލަބް އިން ވިސްނާނީ ފައިނަލެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކޯޗު، އަބްދުالله ޖުނައިދު (މާމަ) ބުނެފި އެވެ.
އެޗްޑީސީ ބަލިކޮށް، ސިފައިންގެ ކްލަބުން ވަނީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގައުމީ ލީގުގައި ފުރަތަމަ ސިފައިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، ލީގު ދިފާއުކުރުމުގެ އަޒުމުގައި ނުކުތް އެޗްޑީސީ ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ.
ގައުމީ ލީގުގައި މިރޭ އެޗްޑީސީއާ ދެކޮޅަށް ސިފައިން ކުޅޭ މެޗަށް ބަލާއިރު ލީގު ޗެމްޕިއަންކަން ހޯދަން މިއީ، ސިފައިންނަށް މޮޅެއް ހޯދުން ވަރަށް މުހިންމު މެޗެކެވެ. އަނެއްކޮޅުން، ތަށި ދިފާއުކުރުމުގެ އަމިއްލަ ބާރު ގެއްލިފައި އޮތް އެޗްޑީސީ މި މެޗުން ބަލިވެއްޖެނަމަ، އެ ޓީމަށް ލީގު ހޯދުމުގެ ހުރިހާ ދޮރެއް ބަންދުވީ އެވެ.
މިރޭގެ މެޗުގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސިފައިންގެ ކޯޗު، ޖުނައިދު ބުނީ، މިދިޔަ އެސޯސިއޭޝަން ކަޕްގައި ވެސް އަދި މި ފަހަރު ލީގުގައި ވެސް އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކެނީ އެޗްޑީސީ ކަމަށާއި ސިފައިން އިން މެޗަށް ނުކުންނާނީ "ފައިނަލެއް"ގެ ވިސްނުމުގައި ކަމަށެވެ.
"އަހަރެމެން ޗެމްޕިއަންކަން ހޯދަން ތިން ޕޮއިންޓް މުހިންމުވޭ މި މެޗުން. ދެން، އެޗްޑީސީ ޓީމަކީ އެންމެ ރަނގަޅު ޓީމު އަހަރެމެން ދެކޭގޮތުގައި، ދެން، އެ ޓީމުގައި މި ވަގުތު އޮތް ހާލަތަކީ އަދި އެހެން ކަމެއް، އަހަރެމެން ތަައްޔާރުވާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން،" ކުރިން ސިފައިންގެ ޓީމަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޖުނައިދު ބުންޏެވެ.
ގައުމީ ވޮލީ ލީގުގެ އެއް ވަނައިގައި ސިފައިން އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ހުރާ އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ދަޑިމަގަށާއި، ހަތަރުވަނައިގައި އޮތް ޕޮލިހަށް ވެސް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ފުލުގައި އޮތް އެޗްޑިސީ އަށް ޕޮއިންޓެއް ލިިބިފައިނުވެ އެވެ.
ފިރިހެން ވޮލީބޯޅަ ސީޒަން އޮތީ ފުލުފުލުގައި މުބާރާތްތައް ކުޅޭ ގޮތަށް ތާވަލު ހެދިފަ އެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން، ރިކަވަރީ އަށް ވަގުުތު ނުލިބި ފިޓްނަސް އަށް އަސަރުކުރާތީ، ޓީމުތަކުގެ ނަތީޖާތަކުން ވެސް އެކަން ފެނެ އެވެ. މި ހުރިހާ ކަމެއް މި ގޮތަށް ދާއިރު، ސިފައިންގެ ޓީމުގެ ވިސްނުމަކީ، ވަގުތު ލިބޭ މިންވަރަކުން ޓީމުގެ އެ ކަހަލަ ކަންކަމަށް ވިސްނައިގެން ޕްރެކްޓިހާ ކަންކަމަށް ވެސް ބަދަލު ގެނައުމެވެ.
"ވިސްނުމަކީ ކޮންމެ ހާލަތެއްގައި ކާމިޔާބު ހޯދަން ޕޮޒިޓިވްކޮށް ތިބުން، ގޮންޖެހުން އެބަހުރި، އެކަމަކު އޭގެ ވާހަކަ ނުދައްކައި، ރަނގަޅަށް ކުރިއަށްދާން ފޯކަސް މި ކުރަނީ،" ޖުނައިދު ބުންޏެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި މިއަދު ހަވީރު، 16:30 ގައި، ކުޅޭ މެޗުގައި، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭނީ ހުރާ ކޮމިއުނިޓީ ކްލަބްއާ އެވެ. އަދި، މިރޭ، 20:30 ގައި، ސިފައިންނާއި އެޗްޑީސީ ބައްދަލުކުރާ މެޗު އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ