ކުދީނާ ފަތަކީ ރާއްޖޭގައިވެސް ހެއްދޭ ބާވަތެކެވެ. ނަމަވެސް ބޭނުން ކުރަނީ މަދުމީހެކެވެ. އެއީ އެފަތުން ލިބޭ ފައިދާ ނުއެނގޭތީކަމަށް ބެލެވެއެވެ. އެެހންވެ މިގެނެސްދެނީ ކުދީނާ ފަތުން ލިބޭ ފައިދާތައް ބަޔާންކޮށްފައިވާ ލިޔުމެކެވެ.
ކުދީނާފަތަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ތަފާތު އެކި ބޭނުންތަކަށް ބޭނުންކޮށް އުޅޭ ފަތެކެވެ. ލަމިއާސީ އާއިލާއަށް ނިސްބަތްވާ މިފަތުގެ ތަފާތު ގިނަ ވައްތަރު ހުރެއެވެ. ސައި، ތަފާތު އެކި ވައްތަރުގެ ބުއިން، ކޭންޑީ އަދި އައިސްކްރީމް ފަދަ ތަކަތި ތައްޔާރުކުރާއިރު ކުދީނާފަތް ބޭނުންކުރެއެވެ. ކައްކާއިރު ރަހަ ރަނގަޅު ކޮށްލުމަށްވެސް މިފަތް ބޭނުން ކުރެއެވެ. ރޮލާ އަދި ފަތް ހިއްކުމަށްފަހުވެސް ބޭނުންކުރެވޭނެއެވެ. ފަތްޕެލާވެލީގެ ބާވަތްތަކަކީ ކުރީ ޒަމާނުއްސުރެން ބޭސްވެރިކަމުގެ ދާއިރާގައި މަގުބޫލު އެއްޗެކެވެ. ކުދީނާފަތަކީވެސް ޞިއްހަތަށް ފައިދާ ހުރި ތަފާތު ބަލިތަކަށް ރަނގަޅު އެއްޗެކެވެ. މި ލިޔުމުގައި އަލި އަޅުވާލަނީ ކުދީނާފަތުން ފޯރުކޮށްދޭ ބައެއް ޞިއްހީ ފައިދާއަށެވެ.
ރޯގާގެ އަލާމަތްތައް ކުޑަކޮށްދިނުމަށް އެހީތެރިވުން:
ކުދީނާފަތް ބޭނުން ކުރުމުން އާދައިގެ ރޯގާގެ އަލާމަތްތައް ކުޑަކޮށްދޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އާދައިގެ ރޯގާއަށް ނަގާ ގިނަ ބެސް ތަކުގައި މެންތޮލް ( ބޭހުގައި އެކުލެވޭ ބާވަތެއް) ހިމެނެއެވެ. ކުދީނާފަތުގައި މެންތޯލް އެކުލެވެއެވެ. ގިނަ ބޭފުޅުން ގަބޫލުކުރާ ގޮތުގައި މެންތޮލް އަކީ ރޯގާގެ ސަބަބުން ނޭފަތް ބަންދުވުން ފިލުވައިދީ ވައި ދައުރުވުމާއި އަދި ނޭވާލުން ރަނގަޅުކޮށްދޭ އެއްޗެކެވެ. ގިނަ ދިރާސާތަކުން ދައްކައްކާ ގޮތުގައި މެންތޮލްގައި ނޭފަތް ބަންދުވުން ފިލުވައިދޭ ދައުރެއް ނުހުރެއެވެ. ނަމަވެސް ވަރަށް ގިނަ ދިރާސާއިން ދައްކާ ގޮތުގައި މެންތޮލްއިން ނޭފަތުން ނޭވާލުން ފަސޭހަކޮށްދޭ ކަމުގެ އިހުސާސްކޮށްދެއެވެ. ކުދީނާފަތަށް އެލާޖިކް ނުވާނަމަ، އާދައިގެ ރޯގާއެއް ޖެހުމުން އަޖުމަ ބަލާލަން މިފަތް ބޭނުން ކޮށްލެވިދާނެއެވެ. ފަތް ބޭނުން ކުރުމުން އުނދަގޫއެއް ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާލަންވާނެއެވެ.
އަނގައިން ނުބައިވަސް ފިލުވާލަ ދިނުމަށް އެހީތެރިވެދޭ:
އަނގައިން ނުބައިވަސް ދުވުމަކީ މީހާ ނުތަނަވަސް ކުރުވާ ކަމެކެވެ. އަނގައިން ނުބައިވަސް ދުވާނަމަ ކުދީނާފަތުން ތައްޔާރު ކޮށްފައިވާ ކޮންމެވެސް އެއްޗެއް ކާލަށެވެ. ކަމާބެހޭ ފަރާތްތަކުން ދެކިލައްވާ ގޮތުގައި މި ގޮތަށް ކަންތައް ކުރުމުން ދެތިން ގަނޑިއިރުވަންދެން އަނގައިން ނުބައިވަސް ފިލުވާލަ ދީފަ ބަހައްޓައެވެ. ނަމަވެސް ކުދީނާފަތުން އަނގައިގައި އުފެދިފައިވާ ބެކްޓީރިޔާއާއި އަނގައިން ނުބައިވަސް ދުވުމަށް މަގުފަހި ކުރުވާ އެހެނިހެން މާއްދާތައް ކުޑަ ނުކޮށްދެއެވެ. ޕެޕާމިންޓް ސައިން އަނގައިން ނުބައިވަސް ފިލުވާލަދީ އަދި ބެކްޓީރިޔާ ނައްތާލަދީފާނެއެވެ. އަދި ރޯކޮށް ހުންނަ ކުދީނާފަތްވެސް ހަފާލައިގެން ބޭނުން ކުރެވިދާނެއެވެ. ކުރެވުނު ޓެސްޓް ޓިއުބް ދިރާސާތަކުން ވަނީ ޕެޕާމިންޓް ތެލުން އެންޓިބެކްޓީރިއަލް އަސަރުތައް ހުރިކަން ފާހަގަ ކުރެވިފައެވެ. އެކި ބާވަތުގެ ދަތް އުނގުޅާ ބޭސް ތައްޔާރު ކުރާއިރު ކުދީނާފަތް ބޭނުން ކުރެއެވެ.
ހަޖަމު ކުރުމަށް އެހީތެރިވެދޭ:
ކުދީނާފަތުން ހަޖަމު ކުރުމަށް އެހީތެރިވެދެއެވެ. ގިނަ ދިރާސާތަކަކުން ދައްކާ ގޮތުގައި މައިގަނޑު ކެއުންތައް ކާއިރު ޕެޕާމިންޓް ތެޔޮ ބޭނުން ކުރުމުން ކާއެއްޗެހި ހަޖަމުނުވެގެން ކުރިމަތިވާ އެކި ކަހަލަ އުނދަގޫތައް ކުޑަކޮށްދެއެވެ. ކްލިނިކަލް ދިރާސާއަކުން ދައްކާ ގޮތުގައި ހަޖަމު ކުރުމުގައި މައްސަލަ ކުރިމަތިވާ މީހުން ޕެޕާމިންޓް ތެޔޮ އަދި ފަރިހި ދަމުއި ތެޔޮ ދެބާވަތް އެއްކޮށްގެން ތައްޔާރު ކޮށްފައިވާ ކެޕްސުލް ދިނުމުން، ހަޖަމު ކުރުން ފަސޭހަ ކުރުމަށްޓަކައި ދޭ ބޭސްތަކާ އެއްވަރެއްގެ އަސަރެއް ކުރެއެވެ.
ކުދީނާފަތް ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންތައްތައް:
ގެސްޓްރޯއެސޯފެޖިއަލް ރިފްލަކްސް ޑިޒީޒް (ޖީއީއާރުޑީ) ނުވަތަ މައްޗައް އަރާ ބަލި ހުންނަ މީހުން ހަޖަމުކުރުމުގެ މައްސަލަތަކަށް ކުދީނާފަތް ބޭނުންކުރުން އެދެވިގެން ނުވެއެވެ. ގެސްޓްރޯއެސޯފެޖިއަލް ރިފްލަކްސް ޑިޒީޒް ހުންނަ މީހުން ކުދީނާފަތް ބޭނުންކުރުމުން ބަލީގެ އުނދަގޫ ގިނަ ފަހަރު ބޮޑު ކޮށްލައެވެ. އަދި ޕެޕާމިންޓް ތެޔޮ މާ ގިނައިން ބޭނުން ކުރުމަކީ ގެއްލުން ވެދާނެ ކަމެކެވެ. ކުދީނާފަތް ނުވަތަ މިފަތުން ތައްޔާރު ކޮށްފައިވާ އެއްޗެއް ބޭނުން ކުރުމުން އުނދަގުލެއް ކުރިމަތިވާނަމަ ލަސްނުކޮށް ޞިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދާލަން ވާނެއެވެ.
ސަމާލުކަމަށް: މިލިޔުމުގައި އަޅުގަނޑު ހިމަނާފައިވާ މައުލޫމާތުތަކަކީ އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
- އުންމު ނަވާރު
މައުލޫމާތު ނެގީ
Megan Ware, RDN,L.D.(2023) Is mint good for you? Medical News Today
Keith Pearson, PhD, RD (2023) 8 Health benefits of mint. Healthline
ކުދީނާފަތަކީ ރޯގާތަކަށާ ބަނޑުހިކޭ ބައްޔަށް ޝިފާލިބުމުގެ އިތުރުން ޞިއްހަތަށް ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެއް! އަނގައިން ދުވާ ނުބައިވަސްވެސް ކަނޑުވައިލަދޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ