ޚަރަދުތައް ބޮޑުވާތީ މެލޭޝިއާގެ ކޮންމެ މީހަކަށް 100 ރިންގިޓް، ޖުމްލަ 2 ބިލިއަން ބަހާނެ

މެލޭޝިއާގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައިވާތީ، ޚަރަދުތައް ހަމަޖައްސަން އެހީވުމުގެ ގޮތުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ނަގުދު ފައިސާއިން 100 ރިންގިޓް (24 ޑޮލަރު, 364 ރުފިޔާ) ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު އިއުލާންކުރައްވައިފިއެވެ. ބޮޑުވަޒީރު އަންވަރު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވީ ސަރުކާރުން ބަހާ ނަގުދު ފައިސާއިން މެލޭޝިއާގެ 22 މިލިއަން މީހުންނަށް ފައިދާ ކުރާނެ ކަމަށެވެ. އެ ފައިސާ، ގައުމީ ދުވަހާ ދިމާކޮށް އަންނަ މަހުގެ 31އިން ފެށިގެން ބަހަން ފަށާއިރު، އެކަމަށް 2.2 ބިލިއަން ރިންގިޓް (472 މިލިއަން ޑޮލަރު) ދައުލަތުން ޚަރަދުކުރާނެއެވެ. އޭގެ އިތުރުން ވެސް ރައްޔިތުންނަށް ޚަރަދުތައް ކުޑަވާނެ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި 'ބްލޭންކެޓް ސަބްސިޑީ' ނުވަތަ އެންމެންނަށް ވެސް ލިބޭ ގޮތަށް އޮންނަ ސަބްސިޑީތަކަށް ގެންނަ ބަދަލުތައް ހިމެނެއެވެ. އަންވަރު ވިދާޅުވީ ސަބްސިޑީއަށް ބަދަލު ގެނައުމުން، މެލޭޝިއާގައި ޕެޓްރޯލްގެ އަގު 2.05 ރިންގިޓް (7.47 ރުފިޔާ)އިން 1.99 ރިންގިޓް (7.25 ރުފިޔާ)އަށް ދަށްވާނެ ކަމަށެވެ. ނަމަވެސް މެލޭޝިއާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުން ޕެޓްރޯލަށް ފައިސާ ދައްކަން ޖެހޭނީ ސަބްސިޑީ ނުލައި އަރާ އަދަދަކަށެވެ. އެ ފިޔަވަޅު ތަންފީޒު ކުރާނެ ގޮތުގެ ތަފުސީލެއް ބޮޑުވަޒީރު ނުދެއްވައެވެ. މެލޭޝިއާ ސަރުކާރުން އެ ފިޔަވަޅުތައް އިއުލާންކުރަނީ، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުންނާއި މި ސަރުކާރުން ގެންނަން ބުނި މާލީ އިސްލާހުތައް ނުގެންނާތީ އަންނަ ހޮނިހިރު ދުވަހު ވެރިރަށް ކުއަލަލަމްޕޫރުގައި މުޒާހަރާ ކުރަން ރާވާފައި ވަނިކޮށެވެ. އިދިކޮޅު ޕެރިކަޓަން ނޭޝަނަލް ކޯލިޝަނުން އިންތިޒާމްކޮށްގެން ހޮނިހިރު ދުވަހު ބާއްވާ އެ މުޒާހަރާގައި 15،000 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް ލަފާކުރާ ކަމަށް މެލޭޝިއާ ފުލުހުން ބުނެއެވެ. މެލޭޝިއާގެ ޖީޑީޕީ 399 ބިލިއަން ޑޮލަރަށް އަރާއިރު، އެއީ މި ސަރަހައްދުގައި އެންމެ ކުރިއަރައިފައިވާ އެއް ގައުމެވެ. އެހެންނަމަވެސް އެމެރިކާއިން އިމްޕޯޓް ޑިއުޓީ މަތިކުރުމުގެ އަސަރު އެ ގައުމަށް ވެސްކޮށް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ވަނީ މި އަހަރާއި އަންނަ އަހަރު އެ ގައުމުގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ މިންވަރު ދަށްކޮށްފައެވެ. އެގޮތުން މި އަހަރު 4.9 ޕަސެންޓް ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި އަދަދު މިހާރު ވަނީ 4.3 ޕަސެންޓަށް ދަށްކޮށްފައެވެ. އަދި އަންނަ އަހަރު 4.9 ޕަސެންޓަށް ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް، މިހާރު އޭޑީބީން ލަފާކުރަނީ 2026ގައި މެލޭޝިއާ ކުރިއަރާނީ 4.8 ޕަސެންޓް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ