ކަނޑު މެދަށް ވެލިއަޅައިގެން، ނެތުމުގެ ތެރެއިން އުފަންކުރާ ބޮޑު ބިމެކެވެ. ޖުމުލަ 1153 ހެކްޓަރު ހިއްކާނެ އެވެ. ކިހައި ބޮޑުވާނެތޯ އެވެ. އެތަނުގައި 65000 ހައުސިން ޔުނިޓު ގާއިމުކުރާނެ އެވެ. ދެލައްކައިގެ އާބާދީއެއް އޮންނާނެ އެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. ވިޔަފާރިތަކަށް ކިހައި ފައްކާތޯ އެވެ. އެ ދެ ލައްކަ މީހުން އެކުގައި މަސައްކަތްކުރަން ފެށުމުން ލިބިގެން ދާނީ މި ރާއްޖެ ދުވަހަކު ތަސައްވުރުވެސް ނުކުރާފަދަ ތަރައްގީ އެކެވެ. އުފާވެރި ނޫންތޯ އެވެ. އެ ރީތި ސަހަރަށް ދަތުރުކޮށްފައި ދާނީ ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލަމުންދެވޭ ޓަނަލަކުންނެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. ބާރަށް އަތް ޖަހާށެވެ.
މިއީ މި ސަރުކާރުން އިއުލާނުކޮށްފައިވާ 'ރަސްމާލެ' ޕްރޮޖެކްޓެވެ. މި ސަރުކާރު އުފެދުމާއެކު އިއުލާނު ކުރެވުނު އެ ޕްރޮޖެކްޓަށް ހަރަދުކުރަން ފެށީ ބަޖެޓުގައި އެކަމަށް ހާއްސަ ގޮޅިއެއް ނެތީހެވެ. ބަޖެޓަކާ ބަޖެޓެކެވެ. އެއަށްވުރެ ސަރުކާރަށް މުހިންމުވީ ދިވެހިންނަށް ތަރައްގީ ހޯދައި ދިނުމެވެ. ޖުމުލަ 1153 ހެކްޓަރުގެ އެ މާސިންގާ ބިން އެންމެ އަށް މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިންމާނެ ކަމަށް ބުންޏެވެ. އޭގެ ފަހުން ދެ އަހަރު ވެގެން ދިޔައިރު، އެ އަދަދުގެ ވިހިބައިކުޅަ އެއްބައި ވެސް ނުނިމެ އެވެ. މަސައްކަތް ހަވާލުކުރި ކުންފުނީގެ ކިބައިން އެކަން ވަކިކޮށް، އެހެން ކުންފުންޏަކާ ހަވާލުކޮށް އެ ކުންފުނިން އަތުލައި އެހެން ބަޔަކާ އެކަން މަތިކޮށްފި އެވެ. ދެންވެސް ކުރިއަކަށް ނުކެނޑި އެވެ.
އެ ޕްރޮޖެކްޓަކީ މި އިގްތިސާދުގައި ހިންގެން ނެތް، ހިންގައިގެންވެސް ނުވާނޭ ޕްރޮޖެކްޓެއް ކަމަށް އެތައް ބަޔަކު އެ ދަނީ ބުނަމުންނެވެ. އެކަން ކުރިޔަސްވެސް އެކަމުގެ ސަބަބުން ދިވެހިންނަށް ރާހަތެއް ކުރާން އަދި ޒަމާނެއް ނަގާނެ އެވެ. ވެރިކަމުގައި ހުރީ ބަޔަކު ބުނީތީ އަޑުއަހާ ކަހަލަ މީހެއް ނޫނެވެ. އެ ޕްރޮޖެކްޓްގެ ނަމުގައި ދައުލަތުން އެތައް ފައިސާއެއް ބޭކާރުކޮށްލުމަށްފަހު އެންމެ ފަހުން އެ އެންގެވީ ދައުލަތުން ރައްކާކޮށްފައި ހުރި ވަކި ލާރިކޮޅު ނަގައިގެން ވިޔަސް އެކަން ކުރުމަށެވެ.
މިހެން މިކަން ހިނގައިދިޔައީމާ މާ ކުރީގެ ވާހަކައެއް ހަނދާން ވެގެން ދެ ބޭފުޅަކު އަޅުގަނޑަށް ގުޅުއްވި އެވެ. ވިދާޅުވި އެވެ. މިއީ ހަމަ އެއްކަހަލަ ކަންކަމެއް ނޫން ހެއްޔެވެ؟ މި ވާހަކަ ވާނީ ލިޔާށެވެ. ހިތަށް އެރި އެވެ. މިހާރު ވެފައި މިއޮތްގޮތުން މި ހިއްކާން އުޅޭ ތަނަށް ކިޔާންވީ ރަސްމާލެ އެއް ނޫނެވެ. ތަޅު ކީހާލި މާލެ އެވެ. ކީއްވެގެންތޯ އުފެދޭ ސުވާލުގެ ޖަވާބު ހޯދުމަށް މި ލިޔުން ކިޔާށެވެ.
އައު ގާނޫނުއަސާސީގެ ދަށުން ހިނގަމުން ދިޔަ ފުރަތަމަ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރައްވަމުން ގެންދެވީ ދާހިލީ ވަޒީރު އަހުމަދު ކާމިލު ދީދީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި ދެންވެސް ތިބި ކަމުފޮޅޭ ބަޔަކު ނަމަ ތިބީ އަހުމަދު ކާމިލު ދީދީގެ 'ޕާޓީ' ގަ އެވެ. ފަހުން ރާއްޖޭގެ ފުރަތަމަ ރައީސަކަށް ވެވަޑައިގެންނެވި އަމީން ދީދީ ފަދަ މަދު ބޭފުޅަކު ގެންދެވީ ކާމިލު ދީދީ 'ބްރޯ' ހެދިގެން އުޅުމާ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ.
"ފެންނަ ފެނުމުގައި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި އެންމެ ވަރުގަދަ ނުފޫޒެއް ފޯރުވަމުން ގެންދެވީ އޭރުގެ ވަޒީރުއްދާހިލިއްޔާ އެވެ. އޭނާގެ ކޮންމެ ބަސްފުޅެއް ވެގެން ދިޔައީ ގާނޫނެއް ކަމަށެވެ... އަޅުގަނޑު އަނެއްކާ ވެސް ކެރި ހުރެގެން ތަކުރާރު ކުރަމެވެ. އަހުމަދު ކާމިލުދީދީ އަށް އޭނާ ބޭނުންފުޅު ގޮތަކަށް ކަންތައް ކުރައްވަމުން ގެންދެވުނީ އެގޮތުގެ މަތީން އޭނާ ކަންތައް ގެންދެވުމަށް އަޅުގަނޑުމެންގެ ގިނަ މީހުން ހަމަޖެހިގެން ތިބީމަ އެވެ." 'ގާނޫނުއަސާސީގެ ހަޔާތް' މި ސުރުހީގެ ދަށުން ކުރީގެ ރައީސް އަމީން ދީދީ ލިޔުއްވި ހަތަރުވަނަ މަޒުމޫނުގައި ލިޔުއްވާފައި އޮވެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނުއަސާސީއެއް ލިޔެވި، އެ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހެއް އެކަށައެޅިގެން ސަރުކާރު ހިންގަން ފެށުނުއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބީ ޖޯޝާއި ފޯރީގަ އެވެ. މުޅި ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ވިސްނުމުގައި ކޮންމެ ދުވަހަކުވެސް އެތައް ބިލަކަށް ރައްޔިތުންގެ ގޭގައި ބަހުސްކުރެވެމުން ދިޔަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ވަޒީރުއްދާހިލިއްޔާ، އަހުމަދު ކާމިލުދީދީ ހުށަހެޅުއްވި އާގުބޯޓުގެ ބިލާއެކު މަޖިލީހުގެ މެންބަރުން ބައިބަޔަށް ބެހި، މެންބަރުންގެ ވިސްނުންފުޅު ހުރިގޮތް ފާޅުވާން ފެށި އެވެ. އެ ބިލު ހުށަހެޅުއްވުމުން ބިލަށް ތާއީދުކުރެއްވީ އަލްއަމީރު ހަސަން ފަރީދު ދީދީ އެވެ. ބިލުގައި އޮތީ ދިވެހި ދައުލަތަށް އާގު ބޯޓެއް ގަންނަ ވާހަކަ އެވެ. އެ ބޯޓަކީ މަދުވެގެން ހަސަތޭކަ ޓަނާއި އެއްހާސް ޓަނާއި ދެމެދުގެ ބަރުދަނުގެ މުދާ އުފުލޭ ބޯޓަކަށް ވާންޖެހެ އެވެ. އިލެކްޓްރިކް އަލި ލާފައިވާ، އަދި ފަސިންޖަރުންނަށްވެސް ދަތުރުކުރެވޭ އުޅަނދަކަށް ވާންޖެހެ އެވެ. އެ ބޯޓުން ރާއްޖެއަށް މަހަކު 15000 ބަސްތާ ހަނޑޫ ގެނައުމަށާއި، ދެމަސް ދުވަސް ފަހުން އަގު އަދާކުރާ ގޮތަށް ދަރަންޏަށް ހަނޑޫ ދޭނޭ ބަޔަކު ހޯދުމަށާއި، އެ ހަނޑޫ ވިއްކާފައި ލިބޭ މަސް އޮޅުދޫކަރަޔަށް ވިއްކައިދީ، ބޯޓުގެ ކަންކަން ބަލަހައްޓާނޭ އޭޖެންޓަކު ހޯދުމަށްވެސް ބިލުގައި ކަނޑައަޅާފައި އޮތެވެ. ހަމަ އެހެންމެ، އެ ބޯޓުން ގެންނަ މުދާތައް އަރުވާފައި ޖާމަލާ ދަމާނޭ ބޯޓެއް ހޯދުމަށްވެސް ބިލުގައި ހިމެނިއްޖެ އެވެ.
ދައުލަތަށް އާގުބޯޓެއް ހޯދުމަކީ ކިތަންމެ މުހިންމު، އަދި ކިތަންމެ ބޭނުންތެރިކަމެއް ކަމަށް ވީނަމަވެސް އެކަން ކުރާން އުޅުނު ގޮތާމެދު މަޖިލީހުގެ މެންބަރުންތަކެއް ނުރުހިއްޖެ އެވެ. އެ ބިލާ ދެކޮޅަށް ވަކާލާތުކުރުމަށް މަޖިލީހުގެ މެންބަރުންގެ މެދުގައި ކުޑަ ޕާޓީއެއް އުފެދިއްޖެ އެވެ. އެ ޕާޓީގައި ތިއްބެވީ އަމީންދީދީއާއި ޝައިހު އިބްރާހީމް ރުޝްދީއާއި އަލްގާޒީ މުހައްމަދު ސައީދުއާއި، އައްނަބީލު މޫސާ މުހައްމަދު ދީދީއާއި ކޮޅުމަޑުލު މެންބަރުން މުހައްމަދު އިސްމާއީލު އަލީ ފަދަ ބޭފުޅުންނެވެ. މި ބޭބޭފުޅުން ކުރައްވަމުން ގެންދެވި ވަކާލާތު ބިނާވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ވިސްނައި މަޑުމަޑުން، ވިސްނުންތެރިކަމާއެކު ކުރިއަށް ވަޑައިގަތުމުގެ މައްޗަށެވެ. މުހައްމަދު އިސްމާއީލު އަލީ މަޖިލީހަށް ފޮނުއްވި "ފުލުސް ކެޕް ސައިޒުގެ ހަތަރު ސަފުހާ ފުރާ ލިޔެވިގެންވާ ސިޓީ" ގެ ހުލާސާއަކީ "ރާއްޖޭގައި މި ހިނދަށް ހުރި އިލްމުވެރިކަމާއި، މީހުންގެ ތިޔާގިކަމާއި މީހުންގެ ހުސިޔާރުކަމާއެކު އާގުބޯޓެއް ގަތުމާއި ހިންގުމަކީ ތިމަން ދީދީގެ ވިސްނުންފުޅަށް އެކަށީގެން ނުވާ ކަމެއް" ކަމެވެ.
"...ބައްލަވައިގަތުމަށް ކަނޑައެޅޭން އުޅޭ އާގުބޯޓުގެ ސިފަތަކަށް ވިސްނާލުމުން ހިތްފުރި އުތުރި ނާރާނީ ކޮން ދިވެއްސެއްގެތޯ އެވެ. އެއްހާސް ޓަނުން ފެށިގެން ހަސަތޭކަ ޓަނާ ދެމެދުގެ އާގުބޯޓެކެވެ. އާދެ.. ބޮޑުމިން މުޅިން ހެޔޮވަރެވެ. 15 އަހަރަށް ދުވާނޭ ކަމުގެ ގެރެންޓީ ލިބިފައިވާ ބޯޓެވެ.... ކިހައި ރަނގަޅުތޯ އެވެ! އިލެކްޓްރިކް އަލީގެ ޒީނަތްތެރިކަން ލިބިފައިވާ ބޯޓެކެވެ.... ރަނގަޅު ކަމުގެ ކޮޅެއް އެބައޮތްތޯ އެވެ!.... ކިހައި ރީތިވާނެތޯ އެވެ! ފަސިންޖަރުންނަށް ދަތުރު ކުރެވޭނޭހެން ހަދާފައި އޮތް ބޯޓެކެވެ.... އިތުރަށް ވަކީން ބޭނުމީ ކޮންކަމެއްތޯ އެވެ." އާގު ބޯޓެއް ގަންނަން އުޅޭ އުޅުމަށް ހަޖޫޖައްސަވައި އަމީން ދީދީ ލިޔުއްވާފައި އޮވެ އެވެ.
އަމީން ދީދީގެ ޕާޓީން ބޭނުންފުޅުވެގެން އުޅުއްވީ ދައުލަތާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއް އުފެއްދުމަށެވެ. އެންމެ ފުރަތަމަ އެ ކުންފުނިން އެކި ވިޔަފާރިތައް ކުރުމެވެ. އޭގެ ފަހުން ފައިސާގެ ގޮތުންނާއި ތަޖުރިބާގެ ގޮތުން ކަމަށް އެކަށީގެންވާ ހިސާބަށް ދިޔައީމާ ދެން އާގު ބޯޓެއް ހޯދުމަށެވެ. މިކަމަށްޓަކައި ފަރުމާކޮށް މަޖިލީހަށް ހުށަހެޅި ބިލަށް ވީ މިހާރު ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕާޓީން ހުށަހަޅާ ކުއްލި މައްސަލަތަކަށް ވާ ގޮތެވެ. ހުށަހެޅުމާއެކު ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މެންބަރުންގެ ތެރެއިން ބަޔަކު ދެކޮޅު ހެއްދެވި ނަމަވެސް ރައްޔިތުންގެ މަޖިލީހުން އާގުބޯޓުގެ ބިލު ފާސްކޮށްފި އެވެ. ބޯޓު ބައްލަވައިގަތުމުގެ އިންތިޒާމުތަކަށް ކާމިލުދީދީ ކޮޅުނބަށްވެސް ވަޑައިގަންނަވައިފި އެވެ. މިހާރު އޮތީ އެ ބޯޓަށް ފައިސާ ދައްކަންވެފަ އެވެ. އެކަމަކު އެ ފަދަ ބޯޓެއް ގަންނާކަށް ދައުލަތަކު ފައިސާއެއް ނެތެވެ. ކޮޅުނބުން އަހުމަދު ކާމިލު ދީދީ ފުރަތަމަ ބައްލަވައިގަތީ ޖާމަލާ ދަމާނޭ ކުޑަކުޑަ އާގު ބޯޓެކެވެ. އެ ބޯޓު ބައްލަވައިގަތް ކަމަށްވަނީ ވިހިހާސް ރުފިޔާއަށެވެ. އެއާއެކު މާލޭގެ އެއް ގުދަނުން އަނެއް ގުދަނަށް ހަނޑޫ ގެންދިއުމަށްޓަކައި ގާޑިޔާ ދެމުމަށްޓަކައި ޓްރެކް ހެދުމަށް ރޭލު ދަގަނޑު ފޮނުއްވި އެވެ.
އޭގެ ފަހުން އަމިއްލަފުޅަށް އާގުބޯޓެއް ޗާޓަރުކުރައްވައިގެން ވަރަށް ގިނަ އަދަދެއްގެ ހަނޑޫ ބަސްތާތަކެއް ހިއްޕަވައިގެން ކާމިލުދީދީ މާލެ ވަޑައިގެންނެވި އެވެ. ގާތްގަނޑަކަށް އަށްޑިހަ ހާސް ރުފިޔާގެ އަގުހުރި ހަނޑޫ މާލެ ގެންނެވީ ދިވެހި ދައުލަތުގެ ނަމުގައި ދަރަންޏަށެވެ. އަސްލު މައްސަލަ ފެށުނީ ދެނެވެ.
އެ އާގު ބޯޓު މާލެ އައި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވިއްޖެ އެވެ. ހުށަހެޅިފައި އޮތީ އެ ހަނޑުލުގެ އަގަށްވާ ފައިސާ ދިވެހި ދައުލަތުން ދެއްކުމުގެ މައްސަލަ އެވެ. އެ ހަނޑޫ މާލެ ގެނެވުނީ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ދިވެހި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އެންގުމަކަށް ނޫނެވެ. އަދި އަމުދުން އެއްވެސް އިދާރާއަކަށް އެނގިގެނެއް ވެސް ނޫނެވެ. އެކަމަކު އެއަށް ޒިންމާވެ، ދައުލަތުން އެ ހަނޑުލަށް ފައިސާ ދެއްވަންވީ އެވެ. އެއީ އެކަމުގެ ޒާތުން ބަލާއިރު ވެސް ނުހަނު ބޮޑު ގޯހެކެވެ. ތަނަކުން ބަޔަކު ގެންނަހައި އެއްޗަކަށް ދިވެހި ދައުލަތުން ޒިންމާވެ، އެއަށް އަގު ނުދެވޭނޭކަމަށް ބުނެ މަޖިލީހުގައި ޒުވާބު ދެމުން ދިޔަ އެވެ. މަޖިލީހުގައި މިކަމުގެ މައްޗަށް ޒާތަކަށް ބަހުސެއް ކުރެވުނު ނަމަވެސް އެކަން އެންމެ ފަހުން ނިމިގެން ދިޔައީ އަހުމަދު ކާމިލު ދީދީ ބޭނުންފުޅުވީ ގޮތަށެވެ. އެ ހަނޑުލުގެ އަގަށް ޒިންމާވާންޖެހުނީ ދިވެހި ދައުލަތަށެވެ.
އެރޭގެ މަޖިލިސް ނިންމާފައި އަހުމަދު ކާމިލުދީދީއާއި އޭނާގެ 'ޕާޓީ' ގެ ވަޒީރުން ވަޑައިގަތީ ދައުލަތުގެ ހަޒާނާ ހުރި އިމާރާތުގެ ކައިރިއަށެވެ. ސަރުކާރުން އޮތީ ގަދަބަދަވިކަމުން ފާސްކުރި އެ ނިންމުމަށް އަމަލުކުރާ ގޮތަކަށް ނޫނެވެ. ކާމިލުދީދީ ވެސް ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. 'ގާނޫނުއަސާސީގެ ހަޔާތް' ފޮތުގެ ހަތަރު ވަނަ މަޒުމޫން އެނގޭ ގޮތުގައި އެރޭ އެ ފައިސާ ހޯދުމަށްޓަކައި ހަޒާނާގެ ތަޅުތައް ކީހާލެވުނެވެ. ކާމިލުދީދީގެ އަމުރަށެވެ.
"މަޖިލިސް ނިމިގެން ވަޒީރުންގެ މަޖިލިސް މެންބަރުން ވަޑައިގަތީ އެ ފައިސާ ނެންގެވުމަށްޓަކައި ދައުލަތުގެ ހަޒާނާގެ ކައިރިއަށެވެ. އަޅުގަނޑު ހިތުން ހަޒާނާގެ ތަޅުތައް އެރޭ ކީހާލާން ޖެހުނު ވާހަކަ އަކީ ތަފްސީލުކޮށް ބަޔާންކުރާން ބޭނުން ވަރަށް ވުރެ އެނގި ފައުޅުވެގެންވާ މަޝްހޫރު ވާހަކައެކެވެ." އަމީން ދީދީ ލިޔުއްވާފައި ވެއެވެ.
ހަޒާނާގެ ތަޅު ކީހާލައިގެން އަގު ދެއްކި ހަނޑުލުން ދައުލަތަށް ލިބުނީ ނުހަނު ބޮޑު ގެއްލުމެކެވެ. އެ ހަނޑޫ ލިބިފައި ހުރީ އަގުބޮޑުކޮށެވެ. އަނެއްކޮޅުން ހަނޑޫ ވިއްކާންޖެހުނީ ވެސް އެތައް ހޭދައެއް ކޮށްގެން އެތައް ރަށަކަށް ދަތުރުކޮށްގެންނެވެ. އެކަމަށް އެހައި ދިގު މުއްދަތެއް ނެގި އެވެ. އެކަމުގެ ސަބަބުން ހަނޑޫ ވިއްކައިގެން ލިބުނު އެއްޗަކާއި ހަނޑުލަށް ކުރަންޖެހުނު ހޭދައާ ނުބައްދަލެވެ.
މި ހަނޑޫތައް ބާލައިގެން ޖާމަލާ ދެމުމަށްޓަކައި ގަތް އާގުބޯޓަށް ޖެހުނު ހާލު އަހާށެވެ. ވިހިހާސް ރުފިޔާއަށް ގަތީ ނުލާހިކު ބައު ބޯޓެކެވެ. މާލެ ގެނައިތާ މާ ގިނަ ދުވަހެއް ނުވަނީސް ބޯޓުގެ އިންޖީނު މައްސަލަ ޖެހިއްޖެ އެވެ. ދން އެ ބޯޓު ގެންދިޔައީ ހުޅުލެއަށެވެ. އެ ރަށު ފަޅު ތެރޭގައި އެ ބޯޓު އެތައް ދުވަހަކު އޮތެވެ. އެންމެ ފަހުން އެއީ އާންމު އުނދަގުލަކަށް ވެގެން އެ ބޯޓުގެ އިންޖީނާއި ބޮއިލަރު ނަގާފައި އެ ބޯޓު ހަލާކުކޮށް ކަނޑުފެއްތީ އެވެ. އެކަމެއް ހިނގިފަހުން އެ ބޯޓަށް މާލޭގެ ރައްޔިތުން ދިން ނަމަކީ 'ތަޅު ކީހާލި' އެވެ. އެއީ އެ ބޯޓާ ގުޅިގެން ހިނގި ގަޑުބަޑުގައި ހަނޑުލަށް އަގު ދެއްކުމަށް ހަޒާނާގެ ތަޅުތައް ކީހާލީތީ އެވެ.
އެ ހާދިސާއަށް ގަރުނެއް ވާން ކައިރިވެފައި އޮއްވައި މިހާރު ހިނގާން މިއުޅެނީ ހަމަ އެކަހަލަ ކަމެއް ނޫން ހެއްޔެވެ؟ މި ދައުލަތުގައި ހުރި އެއްޗަކާއި ނެތް އެއްޗަކާއި އިތުރަށް ބޭނުންވާ އެއްޗެއް އެންމެންނަށް އެނގި ސާފެވެ. ދިއްލާއަޅާފައި އޮތް ބޮޑު މާސިންގާ ސަހަރަކަށްވުރެ ދިވެހިންގެ ޒަރޫރީ ބޭނުންތައް ފުއްދުން މާ އައުލާކަން ބޮޑެއް ނޫން ހެއްޔެވެ؟ ލިބިފައި ހުރި މަދު ވަސީލަތާއި، އިގްތިސާދީ މި ހީނަރު ކަމުގެ ތެރޭގައި ހަޒާނާ ހުސްކޮށްގެން ހަރަދު ކުރަންވީ ބިލާހަކަށް ހެއްޔެވެ؟
ދައުލަތުގެ ހަޒާނާގެ އެންމެ ފުލަށް އަތް ބާނައި، ދިވެހިންގެ ކާޑާއި، ބޭހާއި ޒަރޫރީ ބޭނުންތަކަށް ހުރި ފައިސާކޮޅު ތަޅާބުރުއްސާލައިގެން ހިއްކާ މާލެއަށް ކިޔަންވީ ރަސްމާލެ އެއް ނޫނެވެ. ލިބިފައިވާ ބާރުގެ ނުހަމަ ބޭނުންކޮށްގެން ހަޒާނާ ފަޅާލައި ހުސްކޮށްލައިގެން ހިއްކާ މާލެއަށް ކިޔަންވީ 'ތަޅު ކީހާލި މާލެ' އެވެ.
---
މައުލޫމާތު ހޯދުމަށް ބެލި ފޮތްތައް
މި ލިޔުމާ ގުޅޭ ރަދީފު
ރަސްމާލެ އެއް ނޫން، ކިޔަންވީ ތަޅު ކީހާލި މާލެ! ރަސްމާލެ އެއް ނޫން، ކިޔަންވީ ތަޅު ކީހާލި މާލެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ