ބަލިމީހުންގެ ކިޔޫ ކުޑަކުރަން އިތުރު ސްޕެޝަލިސްޓުން އެބަ ހޯދަން: ހަލީމް
ޑޮކްޓަރަށް ނުދެއްކި ބަލި މީހުންގެ ކިޔޫއެއް އޮންނަ މައިގަނޑު އެއް ސަބަބަކީ ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ޑޮކްޓަރުން މަދުވުން ކަމަށާއި އިތުރު ޑޮކްޓަރުން ހޯދުމުގެ މަސައްކަތްކުރާ ކަމަށް މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ޚާއްސަ ޑޮކްޓަރަކަށް ނުދެއްކި ކިޔޫގައި ތިބެން ޖެހުމަކީ އަބަދު ވެސް ގިނަ މީހުންގެ ޝަކުވާއެކެވެ. ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ސަރުކާރު ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ރަނގަޅުކުރަން ދުވަހުން ދުވަހަށް މަސައްކަތްކުރާއިރު، އެ ކަމަށް އިންސާނީ ވަސީލަތްތަކާއި ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރަށް ހޯދަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އެއްކޮށްލައިގެން 32 ސްޕެޝަލިސްޓް ޚިދުމަތް ދެވޭ ކަމަށާއި، އެކަމަކު ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ބަލިމީހުންނަށް ފަރުވާ ދޭން ތިބެނީ އެންމެ ޑޮކްޓަރެއް ނޫނީ ދެ ޑޮކްޓަރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސްޕެޝަލިޓީއަކަށް ދައްކަން އަންނަ ބަލިމީހުންގެ ކިޔޫ ދިގުވާ ސަބަބަކީ އެއީއެވެ. "މިކަން ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭނުން ސްޕެޝަލިސްޓް ޑޮކްޓަރުން، އަޅުގަނޑުމެންގެ ޑޮކްޓަރުން ޓްރެއިން ވަންދެން ވެސް މަޑުނުކޮށް އަޅުގަނޑުމެން ބޭރުން ޑޮކްޓަރުން އެބަ ހޯދަން،" ހަލީމް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑޮކްޓަރަށް ނުދެއްކި ކިޔޫ ދިގުވާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ 15 ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކް، ނުވަތަ ޕްރައިމަރީ އާބަންކެއާ ހެލްތު ކްލިނިކްތަކެއް ގާއިމްކުރުމަށް ބަޖެޓުކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ޖީޕީ ކްލިނިކް މި ފެށޭ އޮގަސްޓް މަހު ހުޅުވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދަމަނަވެށިން ދޭ ޚިދުމަތުގެ އިތުރުން ޖެނެރަލް ޕްރެކްޓިޝަނާގެ ޚިދުމަތްތައް ދެވޭ ގޮތަށް މާލޭގައި ހަތަރު ޖީޕީ ކްލިނިކް، އަދި ހުޅުމާލޭގައި ދެ ޖީޕީ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ޖީޕީ ކްލިނިކްތައް ހުޅުވުމުގެ ސަބަބުން ބަލިމީހުން ފުރަތަމަ އެ ކްލިނިކްތަކަށް ގޮސް އިނީޝިއަލް ޑައަގްނޯސިސް ހެދުމުން ސީދާ ކްލިނިކުން އެ ބައްޔަކާ ގުޅުން ހުރި ޚާއްސަ ޑޮކްޓަރަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެ ކަމަށާއި، އޭރުން ބަލިމީހުން ވެއިޓްލިސްޓުގައި ތިބުން މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންނޫނީ ހަމަ އެއްކަލަ ގިނަ ފަހަރަށް ވެއިޓްލިސްޓުގައި ވެސް މި ޖެހެނީ، ޖެހޭއިރު ދައްކަން ޖެހޭ ޑޮކްޓަރު ނޫން ސްޕެޝަލިސްޓްނޫން އެހެން ސްޕެޝަލިސްޓުންނަށް އެބަ އެޕޮއިންޓްމަންޓް އެބަ ހެދިގެން އެބަދޭ، އޭގެ ސަބަބުން ވެސް ލިސްޓުތައް އެބަ ދިގުވޭ،" ހަލީމް ވިދާޅުވިއެވެ. ފަނަރަ ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިލް އެޅުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އެ ކްލިނިކްތައް އެޅުމުން ސުޕަ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭނީ އެ ފަދަ ކްލިނިކަކަށް ދެއްކުމަށް ފަހެވެ. އޭރުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން އޮންނަ ކިއޫ އެއްކޮށް ނައްތައިލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މީގެ އިތުރުން، ސިއްހީ ޚިދުމަތްތައް ހޯދުމުގައި ހުރި ތަކުލީފުތައް ނައްތާލަން އިތުރު ފަސް ހޮސްޕިޓަލެއް ރާއްޖޭގައި ބިނާކުރަން ވެސް ވަނީ މި އަހަރަށް ބަޖެޓުކޮށްފައެވެ. އެއާއެކު ކެންސަރު ބަލީގެ ފަރުވާއާއި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމާއި އޯގަން ޓްރާންސްޕްލާންޓް ފަދަ ޚާއްސަ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގައި ތިބެގެން ހޯދޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ހަމައެއާއެކު މި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރަހައްދީ ފެންވަރެއްގައި ސިއްހީ ޚިދުމަތް ފުޅާވެގެންދާނެ ކަމަށާއި އޭރުން މަދު ހާލަތެއްގައި ނޫނީ މާލެ ނައިސް ފަރުވާ ހޯދޭނެ ނިޒާމުގެ ބިންގާ އެޅޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. މި އަހަރުގެ ތެރޭ ބަލިވުމުގެ ކުރިން ދުޅަހެޔޮކަމަށް އިސްވެ މަސައްކަތްކުރާނެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ