ހުޅުވިތާ 4 ދުވަސް، އާ ޓާމިނަލުން 2،000 މީހުންނަށް ޚިދުމަތް ދީފި

ހުޅުވިތާ ހަފުތާއެއްނުވަނީސް ވެލާނާ އިންޓަނޭޝަލް އެއާޕޯޓް(ވީއައިއޭ)ގެ އާ ޓާމިނަލުން މިހާތަނަށް 2،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފިއެވެ. ކުލަގަދަ ރަސްމިއްޔާތަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާއިރު، ޓާމިނަލްގެ އޮޕަރޭޝަންތައް ފަށާފައިވަނީ ޖުލައި 27 ވަނަ ދުވަހެވެ. އެއީ، އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން, މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކެވެ. ވީއައިއޭއިން ބުނީ، އާ ޓާމިނަލް ހުޅުވި ދުވަހުން ފެށިގެން 30 ޖުލައިގެ ނިޔަލަށް ޓާމިނަލުން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ޚިދުމަތްދީފައިވާ ކަމަށެވެ. އަދި، ޖުމުލަ 2,410 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އެއީ، ރާއްޖޭން ފުރި 956 ފަސިންޖަރުންނާއި ރާއްޖެ އައި 1,454 ފަސިންޖަރުންނެވެ. ވީއައިއޭގެ އާ ޓާމިނަލް: މިހާތަނަށް 2،000 މީހުންނަށް ވަނީ ޚިދުމަތް ދީފައި -- ފޮޓޯ/ އެމްއޭސީއެލް ވީއައިއޭގެ އާ ޓާމިނަލަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެން ކަމަށް ވީއައިއޭއިން ވަނީ ބުނެފައެވެ. އެގޮތުން، ފަހަރަކު އެއާލައިނަކަށް ފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް, މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ޚިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެ ކަމަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބުނެފައެވެ. އާ ޓާމިނަލް ތަރައްގީކުރީ ނުވަ އަހަރެއްހާ ދުވަހުންނެވެ. އެ ޓާމިނަލުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެއެވެ. އެހެންކަމުން އާ ޓާމިނަލްގެ މުޅި މަޝްރޫއަށް ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ