ކޫއްޑޫ ކައިރިން މިޔަރު ހަމަލާދިން ހާދިސާގައި ދަތުރު ރޭވި ކުންފުނީގެ އިހުމާލު އޮތްކަމަށްބުނެފި

ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން ދަނިކޮށް މިޔަރެއް ހަމަލާދީ ފުރާނައަށް ނުރައްކާވާ ހާލަތަކަށް ދިޔަ ސްޕެއިންގެ ޑޮކްޓަރެއްގެ އަންހެނުން، އެމީހުން ގޮވައިގެން ދިޔަ ޓުއާ ގްރޫޕުގެ މައްޗަށް އިހުމާލުވުމުގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު، ކޫއްޑޫ ކައިރިން، އެ ދެމަފިރިން މިޔަރު ގިނަ ސަރަހައްދެއް ކަމަށްވާ މަސް ފެކްޓްރީ ކައިރިއަށް ދިޔަ ދަތުރެއްގެ ތެރެއިން ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ. ސްޕޭންގެ އަލިކާންޓޭއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ބޯޖާ ނަމަކަށް ކިޔާ ގައިނަކޮލޮޖިސްޓަށް މިޔަރު ހަމަލާދިނުމުން އޭނާގެ އެއްފައި ވަނީ ބުރިކޮށްލާފައެވެ.
އެ ދެމަފިރިންގެ އާއިލާއިން މިހާރު ވަނީ އެ ދަތުރު އިންތިޒާމުކުރި ފަރާތުގެ ޒިންމާދާރުކަން ކުޑަކަން ކުށްވެރިކޮށް ސްޕޭންގެ މީޑިއާތަކުގައި ވާހަކަދައްކާފައެވެ. ސްޕެއިންގެ މީޑިއާތަކުން އާނާގެ ނަމުން ނަންދީފައިވާ ބޯޖާގެ އަންހެނުން، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ސްޕޭންގެ "އެލް ޕީރިއަޑިކޯ މެޑިޓެރޭނިއޯ" ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.
އަލިކާންޓޭގައި ދިރިއުޅޭ މި ޒުވާން ދެމަފިރިން ކައިވެނިކޮށްފައިވަނީ ދާދި ފަހުންނެވެ. އެއަށްފަހު އެމީހުން ރާއްޖެއަށް އައީ ހަނީމޫން ހޭދަކުރުމަށެވެ.
ސްޕެއިންގެ މި ފަތުރުވެރިޔާއަށް މިޔަރު ހަމަލާ ދިނުމުން ފުރަތަމަ ގެންދެވުނީ ގއ.އަތޮޅު ހޮސްޕިޓަލަށެވެ. އެއަށްފަހު ވައިގެ މަގުން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވަނީ އެޑްމިޓްކޮށްފައެވެ.
މި ހާދިސާ ހިނގި ސަރަހައްދަކީ "ޝާކް އެލީ" ގެ ނަމުން މަޝްހޫރު، ގިނަ އަދަދަކަށް "ސްޕިނާ" މިޔަރު ފެންނަ ޑައިވިން ސައިޓެކެވެ. ނަމަވެސް، މި ހަމަލާ ދިނީ "ބުލް ޝާކް" އެއް ކަމަށް ވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ބެލެވޭކަމަށް ސްޕޭންގެ ނޫހުން ބުނެއެވެ. އެ ނޫހުން ބުނާ ގޮތުގައި މިޔަރު އުޅޭ ސަރަހައްދަކީ ކޫއްޑޫ ފެކްޓްރީން މަސް ކެނޑުމަށްފަހު އުކާލާ އެއްޗެހި އަޅާ ސަރަހައްދެކެވެ. ނަމަވެސް މިހާދިސާ ހިނގިއިރު އެސަރަހައްދަށް ކޫއްޑޫ މަސް ފެކްޓްރީން މަސް އުކާނުލާތާ ހަފުތާއެއްހާ ދުވަސް ވެފައިވުމުން، މިޔަރުތައް ތިބީ ވަރަށް ބޮޑަށް ބަނޑުހައިވެފައި ކަމަށް ބެލެވެއެވެ. "ގްރޫޕް މީހުން މޫދަށް ފުންމާލި ވަގުތު، އެ އަޑާއި ހަރަކާތުގެ ސަބަބުން މިޔަރުގެ އަމާޒަކަށް ވީކަމަށް ބެލެވޭ" ނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
އާނާގެ އާއިލާއާ ގާތް މަސްދަރަކާ ހަވާލާދީ "އެލް ޕީރިއަޑިކޯ މެޑިޓެރޭނިއޯ" އިން ބުނެފައިވަނީ، އެންމެ ދަތަކުން އޭނާގެ ފިރިމީހާގެ ކަކުލުން ތިރީގެ ހުރިހާ މަސްތަކެއް މިޔަރު ނައްޓާލި ކަމަށެވެ.
އާނާގެ ޝަކުވާއަކީ މިޔަރުތަކަށް ކާންނުދީ ހަފްތާއެއް ވެފައި އޮތް ސަރަހައްދަކަށް ދަތުރު ރޭވި ކުންފުނިން އެމީހުން ގެންދިއުމެވެ. އެއީ އެކުންފުނީގެ އިހުމާލެއް ކަމަށް އޭނާ ބުނެއެވެ. އަދި އެމައުލޫމާތު ދިނުމެއްނެތި ހުރިހާ ފަތުރުވެރިން އެއްފަހަރާ އެސަރަހައްދަށް ފުއްމާލަން ބުނުން އެއީވެސް ކުންފުނީގެ އިހުމާލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކާސްޓެލޯންގެ މަޝްހޫރު ވިޔަފާވެރިއެއްގެ ދަރިއެއް ކަމަށް ބުނާ އާނާގެ އާއިލާގެ މީހުން މިހާރު ވަނީ އޭނާއަށް އެހީތެރިވުމަށް ރާއްޖެ އައިސްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާއިލާގެ ރަހުމަތްތެރިއަކު ސްޕެއިންގެ ނޫހަކަށް ބުނި ގޮތުގައި، "އެމީހުން މަސައްކަތް ކުރަމުންދަނީ ބޯޖާ ސަލާމަތްކުރުމަށް. އޭނާ އޮތީ އައިސީޔޫގައި، ނަމަވެސް އޭނާގެ ހާލަތު އަދި ވަރަށް ނާޒުކު."
ކޫއްޑޫގައި މާކިއޯ މޯލްޑިވްސް ކޫއްޑޫ ނަމަކަށް ކިޔާ ރިސޯޓެއް އޮވެއެވެ. ނަމަވެސް، އެ ދެމަފިރިން ތިބީ އެ ރިސޯޓުގައި ކަމެއް ނުވަތަ އެއީ އެއްދުވަހުގެ ދަތުރަކަށް ކޫއްޑުއަށް ދިޔަ ބައެއް ކަމެއް ސާފެއް ނޫނެވެ. އެ ރިސޯޓުން ޑައިވިން، ސެއިލިން އަދި ޕެޑަލް-ބޯޑިން ފަދަ މޫދު ކުޅިވަރުގެ ހަރަކާތްތައް ފޯރުކޮށްދެއެވެ.
ރާއްޖޭގައި 31 ބާވަތެއްގެ މިޔަރު އުޅޭއިރު، އޭގެ ތެރެއިން 29 ބާވަތަކީ ދުނިޔޭގެ ފެންވަރުގައި ނެތިދިއުމުގެ ބިރު އޮތް ބާވަތްތަކެވެ. ނަމަވެސް، މިޔަރު ގިނަ ސަރަހައްދުތަކަށް ފީނުމަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ކަމަކަށް ވީފަހުން، ރާއްޖޭގައި މިޔަރު ހަމަލާދިނުމުގެ ހާދިސާތައް ވަނީ އިތުރުވެފައިކަން އިނގިރޭސިވިލާތުގެ "ޑެއިލީމެއިލް" އިން ވަނީ ފާހަގަ ކޮށްފައެވެ.
މޮސްކޯއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެކަޓެރީނާ އެލެކްސެންޑްރޯވާގެ އަތުގައި މިޔަރު ދަތްއެޅީ އޭނާގެ ރަހުމަތްތެރިއަކާއެކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ. މި ހަމަލާ ދީފައިވަނީ އާންމުކޮށް މަޑުމައިތިރި އެއްޗެއްގެ ގޮތުގައި ބެލެވޭ ނިދި މިޔަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ