އިސްރާއީލުން ޣައްޒާގައި ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައަށްފަހު، އެ ސަރަހައްދު އަލުން އާރާސްތުކުރުމަށް ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި 71 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވާނެ ކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އދ. އިން ހޯމަ ދުވަހު ނެރުނު "ޣައްޒާ ރެޕިޑް ޑެމޭޖް އެންޑް ނީޑްސް އެސެސްމަންޓް" (އާރް.ޑީ.އެން.އޭ) ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން "އިންސާނީ ތަރައްގީއަށް ބޮޑެތި ގެއްލުންތަކެއް" ލިބިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ޣައްޒާއަށް ބޮޑެތި އަދަދުތަކުން ފައިސާ ބޭނުންވެއެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި، އަސާސީ ހިދުމަތްތައް އަލުން ގާއިމުކުރުމަށާއި، މުހިންމު އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި، އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި، ޣައްޒާ އާރާސްތުކުރުމުގެ ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި އެކަނިވެސް 26.3 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ.
މި ރިޕޯޓް ތައްޔާރުކުރި ފަރާތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، "އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުން 35.2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ލިބުނު ގެއްލުންތަކުގެ އަގު 22.7 ބިލިއަން ޑޮލަރަށް އަރާ" ކަމަށެވެ.
ޣައްޒާ މިހާރު އޮތީ އޮކްޓޯބަރު މަހު އެއްބަސްވި ނާޒުކު "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމެއްގެ ދަށުގައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ތުހުމަތުކުރެވޭ މި އެއްބަސްވުން އައީ، 7 އޮކްޓޯބަރު 2023 ގައި ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ދެ އަހަރު ދުވަހުގެ ބިރުވެރި ހަނގުރާމައަށްފަހުއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ޣައްޒާގެ 2.3 މިލިއަން މީހުން ނައްތާލުމުގެ މަސައްކަތަކަށް ބަދަލުވެފައިވާ ކަމަށް ބުނެ ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައިވާ އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 72,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
މިނިސްޓްރީން ބުނާ ގޮތުގައި "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް މަދުވެގެން 777 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން 32 މީހުން ޝަހީދުވީ ހަމައެކަނި އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. ޝަހީދުވި މީހުންގެ ތެރޭގައި އޭޕްރީލް 8 ވަނަ ދުވަހު ޣައްޒާ ސިޓީގެ ހުޅަނގުން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުވި އަލްޖަޒީރާގެ ނޫސްވެރިޔާ މުހައްމަދު ވިޝާހް ހިމެނެއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި އިސްރާއީލުން ވަނީ "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމާ 2,400 ފަހަރު ހިލާފުވެފައެވެ. މީގެ ތެރޭގައި މީހުން މެރުމާއި، ހައްޔަރުކުރުމާއި، ބަންދުކުރުމާއި އަދި ބަނޑަށް ޖެއްސުމުގެ ސިޔާސަތުތައް ހިމެނެއެވެ.
ވަޅުލެވިފައި
އދ. އިން ބުނި ގޮތުގައި އިސްރާއީލުގެ ބޮން އެޅުމުގެ ސަބަބުން ހިސާރުކޮށްފައިވާ ޣައްޒާގައި 61 މިލިއަން ޓަނަށްވުރެ ގިނަ ކުނިބުނި (ރަބަލް) އުފެދިފައިވާއިރު، މުޅި މުޖުތަމައުތައް ވަނީ އެ ތަކެތީގެ ދަށުގައި ވަޅުލެވިފައެވެ.
އާރްޑީއެންއޭ ރިޕޯޓުގައިވާ ގޮތުން 371,888 ބޯހިޔާވަހިކަމުގެ ޔުނިޓް ވަނީ ސުންނާފަތިވެ ނުވަތަ ގެއްލުން ލިބިފައެވެ. އަދި އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ 50 އިންސައްތައަށްވުރެ ގިނަ ތަންތަން ހިދުމަތް ނުދެވޭ ހާލަތުގައި ހުރިއިރު، ގާތްގަނޑަކަށް ހުރިހާ ސްކޫލެއް ވަނީ ސުންނާފަތިވެ ނުވަތަ ގެއްލުން ލިބިފައެވެ.
ޣައްޒާގެ އިގްތިސާދު 84 އިންސައްތަ ދަށަށް ގޮސްފައިވާއިރު، 1.9 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު އެތައް ފަހަރަކު ހިޖުރަކުރަން ޖެހުނެވެ. އެސެސްމަންޓުން ދައްކާ ގޮތުގައި އާބާދީގެ 60 އިންސައްތައަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ދާއިރާތަކުގެ ތެރޭގައި ބޯހިޔާވަހިކަން، ސިއްހަތު، ތައުލީމު، ވިޔަފާރި އަދި ދަނޑުވެރިކަން ހިމެނޭ ކަމަށާއި، މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިންސާނީ ތަރައްގީ 77 އަހަރު ފަހަތަށް ގޮސްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
އދ. އާއި އީޔޫ އިން ވަނީ ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތަކީ "ފަލަސްތީނުގެ އިސްނެގުމުގެ މަތިން" ކުރިއަށްދާ ކަމަކަށް ވުމަށާއި، ފަލަސްތީނުގެ އޮތޯރިޓީއަށް ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ގޮތްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ހެދުމަށް ގޮވާލާފައެވެ.
ޣައްޒާ އާރާސްކުރުމަށް 71 ބިލިއަން ޑޮލަރު ބޭނުންވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ