ބީއެމްއެލްއިން ގަވައިދާ ހިލާފަށް ބްލެކްމާކެޓުގައި ބޭރު ފައިސާ ހޯދިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ބީއެމްއެލްއިން ގަވައިދާ ހިލާފަށް ބްލެކްމާކެޓުގައި ބޭރު ފައިސާ ހޯދިކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނީގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ދޮގުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ބީއެމްއެލް އިން ގަވާއިދާ ހިލާފު ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ ގޮތުގައި ބްލެކް މާކެޓްގައި އެކްސްޗޭންޖްކޮށް ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރުދަނާކޮށް ރެގިއުލޭޓް ކުރެވޭ މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލް އިން އަމަލުކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށާއި، މިއަދު ޝާއިއުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިއަން ޔޫއެސް ޑޮލަރު ވިއްކާފައިކަމަށެވެ.
މީގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދަލާއި، އަދި ވިޔަފާރީގެ ބޭނުންތަކަށް އިމްޕޯޓް ކުރުމަށް ހާއްސަކޮށް ދޫކުރި 106.2 މިލިއަން ޑޮލަރު ހިމެނޭކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެއްކަމަށެވެ. އަދި އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައި ވާކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި މިންވަރަށްވުރެ ދެގުނަ އިތުރު އަދަދެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ ގައުމުގެ އިގްތިސާދަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މިފަދަ ބޮޑު އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދާފައިވުމަކީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްމަންޓްގެ ހަރުދަނާކަމާ ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންގެ ބޭނުންތައް ފުއްދައިދިނުމަށް ބޭންކުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ބޭންކުގެ ޑޮލަރުގެ ރިޒާވް ހުސްވެފައިވާ ކަމަށް ބުނާ ވާހަކަތަކާ ދެކޮޅު ހެކިތަކެއްކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
އިތުރަށް ސައީދު ވަނީ ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި ރާއްޖެއާއި ބޭރު ގައުމުތަކާ ގުޅުވައިދޭ ޕޭމަންޓް ސިސްޓަމްގެ މައިބަދަކަމަށާއި، ރާއްޖޭގައި ބޭރުގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބެންކަކީވެސް ބީއެމްއެލް ކަމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ