ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ސަރުކާރުން ހިންގާ އޮޕަރޭޝަންގެ ތެރެއިން، ދެ ތަނެއް ބަންދުކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 5 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ދެ ތަނަކަށް ނޯޓިސްދިނުމަށް ފަހު ވަނީ ބަންދުކޮށްފަ އެވެ.
އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ، ޖުމުލަ 7 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން މިދިޔަ ނޮވެމްބަރު މަހުގެ 27 ގައި ހުޅުވާލާފައިވާއިރު، 56 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.
ދެ ތަނެއް ބަންދުކޮށް، 7 ބިދޭސީއަކު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ