އިމްތިއާޒްގެ އާ ފިލްމު މި އަހަރުގެ ޖޫން މަހު
އިންޑިއާގެ ކާމިޔާބު ފިލްމު ޑައިރެކްޓަރު އިމްތިއާޒް އަލީގެ އާ ފިލްމު މި އަހަރުގެ ޖޫން މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ. މިދިޔަ އަހަރު ޝޫޓިންގް ފެށިގެން ކުރިއަށްދާ މި ފިލްމަކީ އިމްތިއާޒްގެ ވިންޑޯ ސީޓް ފިލްމްސް އާއި އެޕްލޯސް އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ ވަރަށް ރީތި ލޯބީގެ ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ބަތަލާ ޝަރުވަރީ ވާގް، ވެދާންގް ރައިނާ އަދި ދިލްޖީތު ދޮސާންޖް ފެންނާނެއިރު ފިލްމުގެ ނަންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ތަރިންގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމަކީ ވެދާންގް އާއި ޝަރުވަރީ އިމްތިއާޒްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމަށްވާއިރު ދިލްޖީތު ވަނީ ފިލްމު "އަމަރު ސިންގް ޗަމްކީލާ"ގައި ޑައިރެކްޓަރާ އެކު މަސައްކަތްކޮށްފައެވެ. އިމްތިއާޒްގެ އާ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ވެދާންގް ރައިނާ، ޝަރުވަރީ ވާގް އަދި ދިލްޖީތު ދޮސާންޖް--ފޮޓޯ/ބޮލީވުޑްހަންގާމާ އިމްތިއާޒްގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅެ ބޮޑު ކާމިޔާބީއެއް ހޯދި "ޖަބް ވީ މެޓް"، ބަތަލާ ދީޕިކާ ޕަދުކޯން އަދި ސައިފް އަލީ ޚާންގެ ފިލްމު "ލަވް އާޖް ކަލް" އަދި ރަންބީރު ކަޕޫރު ލީޑް ރޯލްއިން ފެނުނު ފިލްމު "ރޮކް ސްޓާ" ހިމެނެއެވެ. ފިލްމު "އަމަރް ސިންގް ޗަމްކީލާ"އަށްފަހު އިމްތިއާޒު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ 2024ގައި ގެނެސްދިން އެންތޮލޮޖީ ފިލްމު "މައި މެލްބޯން"ގައެވެ. މީގެިއތުރުން އިމްތިއާޒް ވަނީ މިދިޔަ އަހަރު ރިލީޒްކުރި އަނޫރާގް ބާސޫގެ ފިލްމު "މެޓްރީ އިން ދިނޯ"ގެ ރޯލަކުން ވެސް ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ