ފުލުހުންގެ ތެރޭ އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ސާޖިދާ

ފުލުހުންގެ ހިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، މިއީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ރޭ އިސްކަންދަރުކޮށީގައި އޮތް 2026 އިން 2028 އަށް އައްޔަންކުރެއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ލޯގޯ އިފްތިތާހުކޮށްދެއްވާފައެވެ. މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ލޯގޯގެ ރަމްޒީ ހަނދާނީ ޓޯކަން، ރައީސް އަނބިކަނބަލުންނަށް ވެދުމަށް އެރުވުންވެސް ރޭގެ ރަސްމިއްޔާތުގައި އޮތެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ، 3 ވަނަ ދައުރުގެ ކޮމިޓީ މެންބަރުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.
ސާޖިދާ ވިދާޅުވީ މިއަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި އަންހެނުންގެ ދައުރު އިތުރަށް ހަރުދަނާކޮށް، ކުރިމަގުގެ ތަސައްވުރު ވަރުގަދަ ކުރުމަށް މުހިންމު ފިޔަވަޅެއް އަޅާ ދުވަހެއްކަމުގައި ވިދާޅުވެފައެވެ. އަދި ހަނދާންކުރަންޖެހޭ ޙަޤީޤަތަކީ، މި މަންޒިލަށް އާދެވުނީ، ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކޮށްފައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ހިދުމަތުގައި އަންހެނުން އިތުރުވެ، އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ، މުޖުތަމައުގައި އާންމު އިތުބާރާއި އެއްބާރުލުން އިތުރުވެ، ހާއްސަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވެގެންދާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އިތުރު އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވައި، އެކަނބަލުންނަށް ވަޒީފާގައި ދެމިތިއްބެވޭނެ ފަދަ އާއިލީ ޒިންމާތަކާ އެކަށޭނަ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުމާއި، ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކުގައްޔާއި މައްސަލަތައް ތަޙުޤީޤު ކުރުމުގައްޔާއި، ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ގާބިލުކަން އިތުރުކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.
އެކި ދާއިރާތަކުގައި ހާއްސަކޮށް، ތައުލީމީ ދާއިރާގައްޔާއި، ސިއްްހީ ދާއިރާގައި ވަޒީފާއަދާކުރަމުން ގެންދާ ނުވަތަ މަސައްކަތް ކުރަމުން ގެންދަވާ އަންހެނުންގެ އަދަދު ނިސްބަތުން މަތި ނަމަވެސް، ދިވެހި ފުލުހުންގެ ތެރޭގައި ހިދުމަތް ކުރަމުންގެންދާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރައްވައި، މިކަމާދޭތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނާވަޑައިގެން، ދިވެހި އަންހެން ފުލުހުން އިތުރު ކުރެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުންނާއި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އިންވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތަކީ، ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމުގެ މައިބަދަކަމާއި، ރައްޔިތުންނާ ގާތުން ހިދުމަތްދެއްވައި، އިޚުލާޞްތެރިކަމާއެކު ޤާނޫނީ ސިޔާދަތު ދެމެހެއްޓެވުމުގައި ފުލުހުން އަދާކުރައްވާ ދައުރަކީ، އަންނަން އޮތް ޖީލުތަކަށް އަމާން އަދި ފާގަތި މުސްތަޤުބަލެއް ފޯރުކޮށްދެއްވުމަށްޓަކައި ކުރައްވާ މަތިވެރި ޤައުމީ ޚިދުމަތެއްކަން، ސާޖިދާ ދެއްކެވި ވާހަކަފުޅުގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 3 ވަނަ ދައުރުގެ ކޮމިޓީ ރޭ އިފްތިތާހުކޮށްފައިވާއިރު ނިމިގެން ދިޔަ ކޮމިޓީގެ 2 ވަނަ ދައުރުގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮމިޓީން ކުރައްވާފައިވާކަން ފާހަގަކުރައްވާ، ކޮމިޓީގެ މެންބަރުންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. ހާއްސަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިންގަވާފައިވާ ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތަކާއި، ރާއްޖޭގެ ހުރިހާ އަތޮޅުތައް ހިމެނޭހެން ހިންގަވާފައިވާ ރީޖަނަލް ސީރީސް ފޯރަމްތަކާއި، ކުށުގެ މާހައުލަށް ހޭލުންތެރިކުރުވުމުގެ މައުލޫމާތު ހިއްސާކުރެއްވުންފަދަ ކަންކަން ހިންގަވާފައިވާކަން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ