ރަންވީރު 'ޑޮން 3' ދޫކޮށްލީ 'ދުރަންދަރް'ގެ ކާމިޔާބީއާ ގުޅިގެންނެއް ނޫން

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ސޮއިކޮށްފައިވާ ޑައިރެކްޓަރު ފަރުހާން އަހްތަރުގެ ފިލްމު "ޑޮން 3"އިން ރަންވީރު ވަކިވީ ފިލްމު "ދުރަންދަރު"ގެ ކާމިޔާބީއާ ގުޅިގެން ނޫން ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމު "ޑޮން 3"އިން ރަންވީރު ވަކިވި ކަމަށް ބުނެ މީޑިއާތަކުގައި އެ ވަހާކަ ދެކެވެންފެށީ މި ހަފުތާގެ ކުރީކޮޅެވެ. ބައެއް ރިޕޯޓުތަކުން ބުނިގޮތުގައި ރަންވީރު "ޑޮން 3" ދޫކޮށްލީ ދާދި ފަހުން ރިލީޒްކުރި އެކްޓަރުގެ ފިލްމު "ދުރަންދަރު"އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން ބޮޑެތި ބަޖެޓު ފިލްމުތަކަށް އިސްކަން ދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް، އިންޑިއާ ޓުޑޭގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން "ޑޮން 3"އިން ރަންވީރު ވަކިވީ ފިލްމުގެ ޝޫޓިންތައް ރޭވިފައިވާ ގޮތުން އެ ފިލްމަށް ވަގުތު ދެވެން ނެތުމުން ކަމަށެވެ. ހަމައެއާއެކު "ޑޮން 3"ގެ ސްކްރިޕްޓާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމާ އެކު ރަންވީރު ބައިވެރިކޮށްގެން ކުރެވުނު މަޝްވަރާތަކުގައި ޚިޔާލު ތަފާތުވުންތަކެއް ހުރިކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ރަންވީރު ސިންގް ފިލްމު "ޑޮން 3"ގެ ޕްރޮމޯއެއްގައި--ފޮޓޯ/އެންޑީޓީވީ ފިލްމު "ޑޮން"އަކީ ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަހްތަރުގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމަންޓްއިން 2006 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ ފްރެންޗައިސް ފިލްމެކެވެ. މި ފިލްމުގެ ކުރީގެ ދެ ބައިން ވެސް ލީޑް ރޯލްއިން ފެނިފައިވަނީ އެކްޓަރު ޝާހްރުކް ޚާނެވެ. ރަންވީރު "ޑޮން 3"ގެ ޓީމުން ވަކިވިކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު އެ ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނެ ކަމަށް ބުނި ކިއާރާ އަދުވާނީ ވެސް ފިލްމުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް، މިހާތަނަށް ރަންވީރު އަދި ކިއާރާ ފިލްމުން ވަކިވުމާ ގުޅޭގޮތުން އެކްސެލް އެންޓަޓެއިންމަންޓްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ