ކިތަންމެ ބޮޑަށް ލޯބިވިޔަސް ބައިވެރިޔާ އިންތަކުން ބޭރުވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް ކުރިއާލައި އަޅަން ޖެހޭނެ! ލަސްކުރީމަ ލިބޭ ދެރަ މާބޮޑުވާނެ!

އަޅުގަނޑުގެ ބައިވެރިޔާގެ އުޅުމަށް ބަދަލުތަކެއް އެބައާދެއެވެ. ކުރެވޭ ތުހުމަތުތަކެއްވެސް އެބަހުއްޓެވެ. ބައެއްކަންކަން ޔަޤީންވެސް ކުރެވެއެވެ. އެއިގެ ތެރެއިން އެއްކަމަކީ އެކުވެރިންނާއިއެކު ގޭރަށް ދިއުން ގިނަވުމާއި ބޭރުގައި ހޭދަކުރާ ވަޤުތު ގިނަވުމެވެ.  
މިޙާލަތުގައި ރަނގަޅު ގޮތަކީ އަވަހަށް މިވާހަކަ ދައްކައި މަޝްވަރާކުރުންތޯ؟ ނޫނީ އަދި ކެތްތެރިވެލުންތޯ؟  
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  
ކައިވެނިކުރުމަށްފަހު ދެމީހުންވެސް ދެމީހުން ޤަބޫލުކުރާ އިންތައް ކަނޑައަޅަންވާނެއެވެ. އަދި އެއިންތަކުގެ ތެރޭގައި ދިރިއުޅެން މަސައްކަތްކުރަންޖެހޭނެއެވެ. ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެއިންތަކުގެ ތެރޭގައެވެ.  
ބައެއް ފަހަރު ކަންކަން ކުރެވޭ ގޮތަކީ ބައިވެރިޔާދެކެ ލޯބިވާވަރުން އިންތައް ފަހަނައަޅައިދިނަމަވެސް ބަހެއް ނުބުނެ، އަޅާނުލައި ހުރެވެނީއެވެ. ކެތްތެރިވެލެވެނީއެވެ. ނަމަވެސް މިއީ ކެތްތެރިވާންޖެހޭ ޙާލަތެއް ނޫނެވެ. އެފަދަ ކަންކަމަށް ކެތްތެރިވާނަމަ ނުކުންނަ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. މާހިތިވާނެއެވެ.  
ސަބަބަކީ އިންތަކުން ބޭރުން އޭނާ ކުރާ ކަންކަން ކުރުމުން އަޅާނުލައިފިނަމަ އޭނާއަށް ޤަބޫލުކުރެވޭނީ ބައިވެރިޔާ ރުހިގެން ހުންނަނީ ކަމަށެވެ. ދެން އެކަމެއް ކުރަމުން ގޮސް އެކަމަކަށް އާދަވާފަހުން އެކަމެއް ހުއްޓުވަން މަސައްކަތް ކުރިނަމަވެސް ކުރިމަތިވާނީ އިތުރު މައްސަލަތަކެވެ.  
ވީމާ އެންމެ ރަނގަޅު ގޮތަކީ އިންތަކުން ބޭރުން ކަންކަން ކުރާނަމަ، އެކަމެއް އެނގުމާއިއެކު އެވާހަކަ ދެއްކުމެވެ. އެކުރެވެނީ ކުށެއްކަން ބަޔާންކޮށްދިނުމެވެ. ވިސްނައިދީ އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. އެއިރުން ޙައްލުކުރެވުން ފަސޭހަވާނެއެވެ. އަދި އިޞްލާޙްނުކޮށްފިނަމަ އެމީހަކާއި ވަކިވުމުން ލިބޭނެ ގެއްލުންވެސް ކުޑަވާނެއެވެ.  
ހަމައެއާއިއެކު ވިސްނަންވީ ކަމަކީ ބައިވެރިޔާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ ބައިވެރިޔާ ދެކެ ލޯބިވުން ނޫންކަމެވެ. ކޮންމެ ކަމެއްވެސް ރަނގަޅު ގޮތުގައި ކުރެވޭނީ އެކަމެއް ކުރަން އޮންނަ ގޮތަކަށް ކުރުމުންނެވެ. އުޞޫލުތަކާއި ޤަވާޢިދުތަކާއި އިންތަކުގެ ތެރެއިން ކުރުމުންނެވެ. ދެމަފިރިން އެކުގައި ދިރިއުޅުމުގެ އުޞޫލުތަކާއި ޤަވާއިދުތަކަކީ ކުރިން ބަޔާންކުރި ފަދައިން ދެމީޙުން ކުރިން ކަނޑައެޅި އިންތަކެވެ.  
ޙާލަތު ނިޔާކުރާ ގޮތަކުން އިންތަކަށް ބަދަލުގެންނަން ޖެހިއްޖެނަމަ ދެމީހުން އަލުން މަޝްވަރާކުރާށެވެ. ބަދަލުގެންނަން ދެމީހުންނަށްވެސް އެއްބަސްވެވޭނަމަ ބަދަލު ގެންނާށެވެ! ބަދަލު ނުގެންނަހައި ހިނދަކު އިންތަކުގައި ހިފަހައްޓަން ޖެހޭނެއެވެ. ކާމިޔާބާއި އުފާވެރިކަން ލިބުން އޮތީ އެއިރުންނެވެ.
 
- އަލަފް / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ