ވިލާ ހައި ސްކޫލް ޤައުމީ ޓީމާއެކު، ދަނޑު ފުރާލަން އެކުދިން ތައްޔާރު

20 އަަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގައި ވިލާ އިންޓަނޭޝަނަލް ސުކޫލުގެ ކުޅުންތެރިން ހިމެނުމަކީ ބޮޑު ފަޚުރެއް ކަމަށާއި، މިތިބީ ޤައުމީ ޓީމާއެކު ކަމަށް އެ ސުކޫލުގެ ދަރިވަރުން ބުނެފިއެވެ.
ރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓްބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރޭ ޑައިމަންޑް ޖުބިލީ އަހަރާއި ގުޅުވައިގެން މިއަހަރު އެފްއޭއެމުން ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައިވެސް ވާދަކުރި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލު (ވީއައިއެޗްއެސް) ގެ ޓީމެއް ބައިވެރިވިއެވެ. އެޓީމުން ފާހަގަކޮށްލެވުނު ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން 3 ކުޅުންތެރިއަކު އަންނަނީީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރަމުންނެވެ.
ގައުމީ ޖޯޝާއި ފޯރީގައި އަލުން ދަނޑަށް ނިކުމެ ދިރުން ގެނެސްދިން ސަޕޯޓަރުންގެ ތެރޭގައިވެސް ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ ދަރިވަރުން ގިނަ އަދަދަކަށް ހިމެނުނުއިރު، ޤައުމީ ޓީމުގައި ހިމެނޭ އެ ސުކޫލުގެ ދަރިވަރުން ކަމަށްވާ، ޖޯޒީ ނަމްބަރު 2، މުޙައްމަދު ލާމިހު އިމްތިޔާޒް، ޖޯޒީ ނަމްބަރު 4، އަލްހާން ފައިސަލް އަމީން އަދި 18 ނަމްބަރުގައި ކުޅޭ ޝައިމަން ރަޝާދާމެދު ވަކިން ޚާއްސަކޮށް ފަހުރުވެރިވާ ކަމަށާއި، މުޅި ޓީމު ނެރެމުންދާ ހިތްވަރަށް ސާބަސް ދޭން އަބަދުވެސް ވީއައިއެޗްއެސްގެ ދަރިވަރުން ތިބޭނެ ކަމަށް އެ ކުދިން ބުންޏެވެ.
އަދި މުޅި ޓީމުގެ ހިތްވަރާއި މުބާރާތުގައި ގައުމު ތަމްސީލުކުރަމުން އަންނަ ޒުވާން ޓީމަށް ވީއައިއެޗްއެސްގެ ދަރިވަރުން ދޭ ތަރުހީބު ބޮޑު ކަމަށާއި، ބަލިވިޔަސް، ދަށްވިޔަސް ޓީމާއެކު ތިބޭނެ ކަމަށް މި އުމުރުފުރާގެ ގައުމީ ޖޯޝު ހުރި ދަރިވަރުން ބުނެއެވެ.
މިއީ ގަލޮޅު ދަނޑު ފުރާލާ ޤައުމީ ޖޯޝުން އަޑުތައް ގުގުމާލަންވީ ވަގުތުކަމަށާއި، ފުޓްބޯޅައިގެ މި އީދުގައި ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް ޓީމު ކުރާ މަސައްކަތުގައި މުޅި ވީއައިއެޗްއެސްވެސް ބައިވެރި މި ތިބީ އެއް އަޒުމެއްގައި ކަމަށް އެ ސުކޫލުގެ ދަރިވަރުން ބުނެއެވެ.
މުސްތަގްބަލުގައި ﷲގެ އިރާދަފުޅާއެކު އުފެދޭ ރަންޖީލުގެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި މި ޒުވާން ޓީމު ކުޅޭ ކޮންމެ މެޗަކީވެސް މުހިންމު މެޗެއްކަމަށާއި، ހުރިހާ ކުޅުންތެރިންނަށްވެސް މިކަން ވާނެ ކަމަށްބުނެ ވީއައިއެޗްއެސްގެ ދަރިވަރުން ވަނީ ޤައުމީ ޓީމަށް ހިތްވަރުދީފައެވެ.
މިއީ އަހަރުމެންގެ ފަހަރޭ ބުނެ ޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ތިބިކަން އެ ދަރިވަރުން ސާބިތުކޮށްދެމުން އަންނައިރު ބައެއް ދަރިވަރުން ބުނީ އެކުގައި ކިޔަވާ އެކުވެރިން ޤައުމު ފަހުރުވެރިކޮށްދިނުމަށްޓަކައި މިވާ ގުރުބާނީއާ މެދު މުޅި ޤައުމުވެސް ފަޚުރުވެރިވާނެ ކަމަށާއި، އަބަދުވެސް ޓީމަށް ހިތްވަރު ދޭނެ ކަމަށެވެ.
މިވަގުތަކީ ޤައުމު އެންމެ އެއްބައިވަންތަކުރުވާ، މި ކުޅިވަރުގައި އަލުން ރާއްޖެއަށް ސަރަހައްދީ ރަސްކަން ހޯދައިދީ ސާފްގެ ޤައުމުތައް ޖެހިލުންވާވަރުގެ ވަރުގަދަ ޓީމެއް ބިނާކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށްވާއިރު ސާފްގެ ބޮޑު މުބާރާތެއް ރާއްޖޭގައި ކުޅޭކަމީ ބޮޑު އުފަލެއްކަމަށްވެސް އެ ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.
ގައުމީ ފުޓުބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން މި އަންނަނީ، މި މުބާރާތުން ލިބޭ ފިލާވަޅުތަކުގެ އަލީގައި މުސްތަގުބަލަށް އެއްކުރާ ތަޖުރިބާތަކާއި ފޮނި ހަނދާންތަކުގެ ބޭނުން ޤައުމީ ފެންވަރުގައި ހިފާ ކުރިޔަށް ހުރި ބޮޑެތި މުބާރާތްތަކުގައި ރާއްޖެ ރަނގަޅު ހިސާބަކަށް ގެންގޮސްދިނުމަށެވެ.
ރާއްޖޭގެ ފުޓުބޯޅައަށް މީގެ ކުރިންވެސް ހިދުމަތްކޮށްދީފައިވާ ކޯޗު، އިސްޓަވާން އުރުބާނީގެ ފުރިހަމަ ބެލުމުގެ ދަށުން ޒުވާން ޤައުމީ ޓީމުގެ ފަހުލަވާނުން އަންނަނީ މި ސަރަހައްދުގެ ގަދަ ބާރުތަކާއި ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކާ ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި މުޅި ގައުމު ޝާމިލުވެ ޓީމާއެކު ތިބިކަން ސާބިތުކޮށްދިނުމަކީ އެ ޓީމުގެ އެދެމެކެވެ.
މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ސެމީ ފައިނަލުގައި ކުޅެފައިވާ ރާއްޖެއަށް އެއަށްވުރެ ދުރަށް އަދި ދެވޭނެ ކަމަށާއި، މިއަހަރުގެ މުބާރާތުން އެކަމަށް ކޮށޭ މަގުތައް ސީދާކޮށް މުސްތަގުބަލުގައި ސާފް ސަރަހައްދުގެ އެންމެ ވަރުގަދަ ސީނިއާ ފުޓްބޯޅަ ޓީމަށް ވުމަކީ މި ޓީމުގެ އެންމެހާ ކުޅުންތެރިންނާއި ކޯޗުން ސްޓާފުންނާއި ރާއްޖޭގެ ފުޓްބޯޅަ އިދާރާއިން ހާސިލުކުރަން ބޭނުންވާ އެންމެ ބޮޑު ލަނޑުދަނޑިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ