މަނަދޫ ކޮޅަށް ޖެހި ހަތް ލަނޑާއެކު ނައިފަރު ޗެލްސީ ސެމީއަށް
ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ "ވިންޑް ވޯރިއާސް މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން ނައިފަރު ޗެލްސީން މަނަދޫ ސްޕޯޓްސް ކްލަބުގެ މައްޗަށް 7-0 ގެ ބޮޑު ތަފާތަކުން ކުރިހޯދައި، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި މުބާރާތަށް ނައިފަރުން ނުކުތީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ތަރިންނާއި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ހިމެނޭ ވަރުގަދަ ސްކޮޑަކާ އެކުގައެވެ. މުޅި މެޗުގައިވެސް ނައިފަރު ޓީމުން ވަނީ މަނަދޫގެ ގޯލަށް ނުރައްކާކޮށް، މޮޅު ކުޅުމެއް ދައްކައިފައެވެ. މި މެޗުގައި ނައިފަރުން ޖެހި ހަތް ލަނޑުގެ ތެރެއިން ބިދޭސީ ކުޅުންތެރިޔާ އަލްހާޖީ ޖެރޯ އާއި އިބްރާހީމް ލެބީ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބުކޮށްފައެވެ. ވިންޑް ވޯރިއާސް މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕުގައި ނައިފަރު ޗެލްސީއާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި އެޓީމުގެ ބާކީ ތިން ލަނޑު ޖަހައިދިނީ މުހައްމަދު ނާއިމް އާއި އަބްދުލައި ބިލިޓީގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު ފޯވާޑް މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މި ބޮޑު މޮޅާއެކު ނައިފަރު ޗެލްސީ މިހާރު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. މި ގްރޫޕުގައި ހިމެނޭ މާފަރާއި މަނަދޫ އަށް މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެއް ކަމަށްވުމުން، މަނަދޫ އަށް ސެމީގެ ފުރުސަތު ދެން ލިބޭނީ ގްރޫޕުގެ ފަހު މެޗުގެ ނަތީޖާއަށް ބިނާކޮށެވެ. ނައިފަރު ޗެލްސީން ގްރޫޕްގެ ފަހު މެޗުގައި މާފަރާ ދެކޮޅަށް ނުކުންނައިރު، މުބާރާތުގައި މިއަދުވެސް ފޯރިގަދަ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު އަލިފުށި ރެކްރިއޭޝަން ކްލަބާއި މާޒިޔާގެ ޖޫނިއާ ޓީމު ބައްދަލުކުރާއިރު، މިރޭ ކުޅޭ މެޗުގައި ޖިބިއްލި ސްޕޯޓްސް ކްލަބް ނުކުންނާނީ މުބާރާތް ބާއްވާ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ