އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ޔޫއޭއީ ހިމެނޭ ގޮތަށް ގަލްފުގެ އެކި ގައުމުތަކުގައި ވެސް ގޮވުމުގެ ރިޕޯޓްތައް ލިބެން ފެށުމުން، ޔޫއޭއީގައި ދިރިއުޅޭ ދިވެހިން ދަތުރުނުކުރުމަށް އެ ތަނުގައި ހުރި ދިވެހި އެމްބަސީން ދެންމެ އިލްތިމާސްކޮށްފި އެވެ.
ވީކިހިނެއް؟ - ޔޫއޭއީގައި ގޮވުމުގެ ރިޕޯޓްކޮށްފައިވަނީ މިހާތަނަށް އަބޫ ދާބީ އަދި ދުބާއީންނެވެ. ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ވެސް ވަނީ އަނބުރާ ރާއްޖެއަށް ދަތުރު ފަށައިފި އެވެ.
ތަފްސީލް - ޔޫއޭއީގައި ދިރިއުޅޭ ދިވެހިން ތިބޭ ވަޓްސްއެޕް ގްރޫޕަށް، އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޅި ސަރަހައްދުން ވައިގެ މަގުން ބޮމުގެ ހަމަލާތަކުގެ ރިޕޯޓް ލިބެމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ ދަތުރުނުކުރުމަށާއި ބޭރުގައި ނޫޅުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
"އެއްވެސް ކަމެއް އުޅޭނަމަ އަޅުގަނޑަށް ވަކިން ވެސް ގުޅުއްވާ، ކޮންމެ ވަގުތަކު ވިއަސް. އެންމެން ވެސް ރައްކާތެރިކަމާއެކު ތިބުމަށް ސަމާލުވޭ،" މުހައްމަދު ހުސައިން ޝަރީފް ލިއުއްވާފައިވެ އެވެ.
މި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ފޮރިން މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޔޫއޭއީގައި 300އެއްހާ ދިވެހިން ދިރިއުޅެ އެވެ.
ހަމަލާތަކާ ގުޅިގެން ޔޫއޭއީގައި ތިބި ދިވެހިން ދަތުރުނުކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ