ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ކެނެޑާގެ އަބްރަކްޒަސް ކުންފުނިން ހިންގާ "ޕްރޮޖެކްޓު ސޯލާ ސިޓީ" އަށް ޑިވެލޮޕްމަަންޓު ހުއްދަ ދޫކޮށްފި ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއު ހިންގަން ބޭނުންވާ ދިރާސާތަކާއި އެސެސްމަންޓުތައް ހަަދަން އަބްރަކްޒަސް ކުންފުންޏަށް ހުއްދަ ދިނީ މިދިޔަ އަހަރުގެ އޭޕްރިލް 24, ގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ހުޅުމާލެއާ ހަތަރު ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްގައި މި މަޝްރޫއު ހިންގަން އަބްރަކްޒަސްއަށް ހުއްދަ ދިނީ އިންޑަސްޓްރިއަލް ހަބަކާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ މަސައްކަތް ވެސް ކުރެވޭ ގޮތަށެވެ. މިއީ ކޮން ފަޅެއް ކަމެއް މިނިސްޓްރީން ނުބުނެ އެވެ.
މާލޭގެ ގްރިޑާ ގުޅާލާ މި މަޝްރޫއުގެ ފުރަތަމަ ހުއްދަ ދޫކުރިއިރު އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން 150 މެގެވޮޓުގެ ކަރަންޓު އުފެއްދޭ ވަރުގެ ފްލޯޓިން ސޯލާ ހަކަތައިގެ ނިޒާމެއް ތަރައްގީކުރެވޭނޭ ކަމަށެވެ. ނަމަވެސް މިއަދު އާންމުކުރި ބަޔާނުގައި އޮތީ ތަރައްގީކުރަނީ 100 މެގަވޮޓުގެ ކަރަންޓު އުފެއްދާ ނިޒާމެއް ކަމަށެވެ.
ގާތްގަނޑަކަށް 187 މިލިއަން ޑޮލަރު އިންވެސްޓުުކުރާ މި މަޝްރޫއުގެ ދަށުން 100 މިލިއަން ޑޮލަރު އިންވެސްޓުކުރަނީ ސޯލާ ހަކަތައިގެ ނިޒާމަށެވެ. ބާކީ 87 މިލިއަން ޑޮލަރަކީ އެ ކުންފުންޏަށް ހުއްދަ ދީފައިވާ ރިއަލް އެސްޓޭޓާއި ސިނާއީ ސަރަހައްދަށް އިންވެސްޓުކުރާ ފައިސާ އެވެ.
އެބްރަކްޒަސްއާ ހަވާލާދީ އިކޮނޮމިކް މިނިސްޓްރީން ބުނީ, މި އަހަަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ 2027 ވަނަ އަހަރުގައި އޮޕަރޭޝަނަލައިޒް ކުރަން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިއީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން މި ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލުވާން ހިންގޭ މުހިންމު މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މިއާ އެކީގައި ކަރަންޓު އުފައްދާ ތެލަށް ކުރާ ހޭދައިން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ އެވެ.
"ޕްރޮޖެކްޓު ސޯލާ ސިޓީ" އަށް ޑިވެލޮޕްމަންޓު ހުއްދަ ދޫކުރެވުމަކީ ދެމެހެއްޓެނިވި ހަކަތައިގެ ވަސީލަތްތަކަށާއި, އެސްއީޒެޑު އޮނިގަނޑުގެ ދަށުން ޕްރައިވެޓު އިންވެސްޓަރުންގެ ފައިސާއިން ސްޓްރެޓަޖިކް މަޝްރޫއުތައް ހިންގަން ކުރާ މަސައްކަތަށް, ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެބްރަކްޒަސްއިން މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރު ސަންގްރޯ ޕަވާ ސަޕްލައިއާ ގުޅިގެންނެވެ. އެ ކުންފުނިން ރާއްޖޭގައި މި މަޝްރޫއު ހިންގަނީ މި މަޝްރޫއަށް ހާއްސަކޮށްގެން ރާއްޖޭގައި މަރުކަޒުކޮށްފައިވާ ސްޕެޝަލް ޕާޕަސް ވެހިކަލެއްގެ ދަށުންނެވެ.
އެ ކުންފުނިން ރާއްޖޭގައި ހިންގާ މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ފަސޭހައިން ވާސިލުވެވޭނެ މަގުފަހިވެގެންދާނެ އެވެ. މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު ސޯލާ ހަކަތައިގެ ނިޒާމު ކަމުގައިވާ، ހުޅުމާލެ ހައިވޭގައި ހުންނަ ސޯލާ ހަކަތައިގެ ނިޒާމަކީ ފަސް މެގަވޮޓުގެ ކަރަންޓު އުފައްދާ ނިޒާމެކެވެ.
ފްލޯޓިން ސޯލާ މަޝްރޫއު, "ޕްރޮޖެކްޓު ސޯލާ ސިޓީ" އަށް ޑިވެލޮޕްމަންޓް ހުއްދަ ދީފި ފްލޯޓިން ސޯލާ މަޝްރޫއު, "ޕްރޮޖެކްޓު ސޯލާ ސިޓީ" އަށް ޑިވެލޮޕްމަންޓް ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ