ދަރިފުޅަށް ޖިންސީގޯނާކޮށްގެން ޖަލަށްލީ މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފި ދަރިފުޅަށް ޖިންސީގޯނާކޮށްގެން ޖަލަށްލީ މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފި

އަމިއްލަ ދަރިފުޅަށް ޖިންސީގޯނާކުރި މައްސަލައެއް ސާބިތުވެ 15 އަހަރަށް ޖަލަށްލީ މުހައްމަދު ނިޔާޒް ކިޔާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ އަލުން ބެލުމަށް އެ ކޯޓުން އަމުރު ކުރުމުން އޭނާ މިނިވަންވެއްޖެ އެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުވެ އޮކްޓޯބަރު 11، 2025، ގައި 15 އަހަރަށް ޖަލަށްލީ މުހައްމަދު ނިޔާޒްގެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށެވެ.
"މި ގަޒިއްޔާގައި ދީފައިވާ އިރުޝާދާ އެއްގޮތަށް އެ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، (ކޯޓުގެ ނަން އުނިކޮށްފައި) ކޯޓު ތަހުވީލުކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައި ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހުކުމްކޮށްފފިން،" ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.
މުހައްމަދު ނިޔާޒްގެ މައްޗަށް އިއްވާފައިވާ 15 އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލު ކުރަން ނިންމި ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހިމެނެނީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
މުހައްމަދު ނިޔާޒްގެ މައްޗަށް އިއްވި ހުކުމް ބާތިލުކުރަން ފަނޑިޔާރު ހުސައިން މަޒީދުގެ ރަޔުޔުއަށް ބާކީ ދެ ފަނޑިޔާރުން ވަނީ ތާއީދު ކުރައްވާފަ އެވެ.
ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވިދާޅުވީ އަނިޔާ ލިބުނު ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށްފައިވާ ފަރާތުގެ ހެކިބަސް ދަށު ކޯޓަށް ނަގާފައިނުވާކަމަށެވެ. ދައުލަތާއި ދިފާއުންވެސް އޭނާގެ ހެކިބަސް ނެގުމަށް އެދިފައިވަނިކޮށް، އެ ހެކިބަސް ނެގުމެއް ނެތި ހަމައެކަނި ރިޕޯޓަށް ރިޔާޔަތްކޮށް ބުރަދަން ދީފައިވާ ކަމަށެވެ.
"މި މައްސަލައިގައި އޮތީ ހަމަ ހަގީގަތުގައި ވެސް ކުއްޖާއާ މެދު ކުއްޖާގެ ބައްޕަ ހިންގި ޖިންސީ އަމަލެއްތޯ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދެނެގަތުމުގެ ބޭނުމަށް ސައިކޮލޮޖިކަލް އެސެސްމަންޓް ހެދިފަރާތަށް ކުއްޖާ ކިޔައިދިން ވާހަކަތައް ކަމަށް ބަޔާންކޮށްފައިވާ ވާހަކަތަކަކީ ހަމަ ހަގީގަތުގައިވެސް ކުއްޖާ ކިޔައިދިން ވާހަކަތަކެއްތޯ އަދި އެއީ ކޮން ގޮތަކުން ހޯދި މައުލޫމާތެއްކަން ދެނެގަތުން މުހިންމު،" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.
ފަނޑިޔާރު މަޒީދު ވިދާޅުވީ ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ދަށު ކޯޓުގައި ނަގައި، ދިފާއުންވެސް އެ ހެކިވެރިޔާއާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ދިނުމަށްފަހު، އެ ރިޕޯޓުގައިވާ ވާހަކަތައް ހިމެނޭހެން މައްސަލައިގައި ހުރި އެންމެހާ ހެކިތައް އަލުން ވަޒަންކޮށް ދަށު ކޯޓުގައި ކުވުނު ދައުވާއާ މެދު އަލުން ދަށު ކޯޓުން ގޮތެއް ކަނޑައަޅައިގެން މެނުވީ މައްސަލައިގައި އިންސާފަށް ވާސިލު ނުވެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ