ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މަނާ ކުރަނީ ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މަނާ ކުރަނީ

ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް މަނާ ކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ގެންނަން މަސައްކަތް ކުރާ އިސްލާހުގައި ވަނީ ދުންފަތް އުފައްދަން ބޭނުން ކުރާ މެޝިނަރީ މަނާ ކުރަން ހުށަހަޅައިފަ އެވެ. ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް ވެސް މާނަކޮށްފައި ވަނީ އެފަދަ މެޝިނެއްގެ ގޮތުގަ އެވެ.
"[ދުންފަތް އުފައްދަން ބޭނުން ކުރާ މެޝިނަރީގެ ތެރޭގައި] ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓު ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކް ކުރާ މެޝިނަރީ ވެސް ހިމެނޭ،" މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އުމުރުން 21 އަހަރުން ދަށުގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ވެސް އެ ބިލުގައި ވަނީ ހުށަހަޅައިފަ އެވެ. އަދި ޖެނެރޭޝަން ބޭންއެއް ގެނައުމުގެ ބޭނުމުގައި ޖެނުއަރީ 1، 2007، އަށް ފަހު އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާ ކުރަން ވެސް ވަނީ ބިލުގައި މާއްދާއެއް ހިމަނައިފަ އެވެ.
ޖެނެރޭޝަން ބޭންއެއް ގެނައުމުގެ ވާހަކަ މީގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ނަމަވެސް އުމުރުން 21 އަހަރުން ދަށުގެ މީހުން ދުންފަތް ބޭނުން ކުރުން މަނާ ކުރުމުގެ ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ.
ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި މާސްޓާޕްލޭން ހެދުމުގެ މަސައްކަތް ފެށީ ވެސް ސުންގަޑި ހަމަވިފަހުން ޑިސެމްބަރު، 2024، ގެ ތެރޭގަ އެވެ. އެ މަސައްކަތް ކުރަނީ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ގުޅިގެންނެވެ.
ދުންފަތުގެ މާސްޓާޕްލޭނެއް ހަދަން ރައީސް މުއިއްޒު އެންގެވީ ދުންފަތާ ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމެވުމަށްފަހެވެ. އެގޮތުން ސިނގިރޭޓަށް ނަގާ ޓެކްސް ބޮޑު ކުރުމާއި ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ، ވޭޕް މަނާ ކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ