ވަގަށް މިރުސްތަކެއް ބިނދެގެން ޖަލަށްލި މީހަކު ހައި ކޯޓުން ވެސް ސަލާމަތެއް ނުވި

މީހެއްގެ ދަނޑަކުން ވަގަށް މިރުސް ބިނުމުގައި ބައިވެރިވި މީހަކު ދެ އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ލ. ގަމު މުކުރިމަގު ހުސައިން އިރުޝާދު ދެ އަހަރަށް ޖަލަށްލާން ގަމު މެޖިސްޓްރޭޓް ކޯޓުގެ މުކުރިމަގު ސެކްޝަނުން މިދިޔަ އޮކްޓޫބަރު މަހު ހުކުމްކޮށްފައިވަނީ ޖޫން، 2012 ގައި އޭނާ އިތުރު މީހަކާ ބައިވެރިވެގެން އެރަށު މީހަކު ހައްދާފައިވާ ދަނޑަކުން ވަގަށް މިރުސް ބިނދެގެން ދެ ގޯންޏަކަށް އަޅާފައި ހުއްޓާ ފެނުނު މައްސަލައިގަ އެވެ.
އެ މައްސަލަ އިރުޝާދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިރުޝާދު ޖަލަށްލާން ކޮށްފައިވާ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލައިގައި ދަށު ކޯޓުގައި ހެކިބަސް ދިން މީހުންގެ ހެކިބަހަށް ބަލާއިރު އެ ދެ މީހުން ގެންގުޅުނު މިރުސް ގޯނީގައި ހުރި މިރުހަކީ އެހެން މީހެއްގެ ދަނޑެއް ހަލާކުކޮށްލައިގެން ވަގަށް ބިނދެފައިވާ މިރުސްތަކެއް ކަން ސާބިތުވާ ކަމަށެވެ.
އިރުޝާދުގެ އިތުރުން އެކަމުގައި ބައިވެރިވި ދެވަނަ މީހާ ވެސް ދެ އަހަރަށް ޖަލަށްލާން ދަށު ކޯޓުން ހުކުމްކޮށްފައިވާއިރު އެ މައްސަލަ އެ މީހާގެ ފަރާތުން ވެސް ވަނީ އިސްތިއުނާފްކޮށްފަ އެވެ.
އެ ދަނޑުގެ ވެރިމީހާ ދަށު ކޯޓުގައި ބުނެފައިވަނީ އެ ދެ މީހުންނާ މެދު އެއްވެސް މައްސަލައެއް ޖައްސަން ބޭނުން ނުވާ ކަމަށާއި އަދި ލިބުނު ގެއްލުމުގެ ބަދަލު ވެސް ހޯދަން ބޭނުންނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ